ދައުލަތުގެ ފޮސްޓަ ކެއާ ހޯމެއް ގާއިމުކުރަން ގަރާރެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 72 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ދައުލަތުގެ ފޮސްޓާ ކެއާ ހޯމް އެއް ގާއިމުކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ހަމަޖައްސަން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ހައިިތަމް ވިދާޅުވީ އެއީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ޓަކައި ކުޑަކުދިންނާއި އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެެ ގޮތުން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

އެގޮތުން މިހާރަށް ވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށް ވުރެ އިތުރުކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ)ގައި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެފައިވެ އެވެ.

އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިގްތިސާދީ، އިޖްތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒު މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކު ވެސް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ކޭސް ސްޓެޓިސްޓިކްސް ރިޕޯޓުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2177 މައްސަލަ، އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރެއިން 1097 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނީއްކަ ކަމަށް ބަޔާންކޮށްފައިވާކަން މެމްބަރުގެ ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.

މެމްބަރު ހުށަހެޅުއްވި ގަރާރުގަައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދު ހާސިލްކުރުމަށް ޓަކައި، ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ގާއިމުކުރުމަށް ޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ.

އަދި އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި ފޮސްޓަ ކެއާގެ ދާއިރާއަށް ދައުލަތުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާ ލިބިފައިިވާ ކުޑަކުދިން ވީހާ ވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެގޮތުން އިދާރީ އޮނގަނޑުތަކެއްގެ މަތިން ފޮސްޓަ ކެއާ ސިސްޓަމް ހިންގުމަށް ވަކި ސެކްޓާއެއް ގާއިމުކޮށް، އޭގެ ދަށުން އަހަންމިއްޔަތުކަމެއް ދީގެން ގެންގުޅުމަށް ގަރާރުގައިވެ އެވެ.

ހަމައެއާއެކު ފޮސްޓަ ކެއާ ސިސްޓަމް ގާއިމުކުރަން ސޯޝަލް ވޯކަރުން ތަމްރީނުކުރުމަށައި ދައުލަތުގެ ފޮސްޓާ ކެއާ ހޯމް އެއް ގާއިމުކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ހަމަޖައްސަން ވެސް ގަރާރުގައިވެ އެވެ.

އަދި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމަށް އިންވެސްޓް ކުރާވަރާއި، ހަރަދުކުރާ މިންވަރު އިތުރުކުރުމަށް ވެސް ގަރާރުގައިވެ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވެ، އިހާނެތިކޮށް ހިތައި، ގޯނާކޮށް، އެކުދިންގެ ކިބައިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ޓަކައި ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް