ތުހުމަތުވާ މީހުންގެ ވަނަވަރު ހާމަ ކުރުމުުގައި ފުލުހުން އެކި ފަހަރު އެކި ގޮތަށް

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިިދިޔަ ހުކުރު ދުވަހުގެ ރޭ ސަފާރީއެއްގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިސްވެ މީޑިއާތަކަށް މައުލޫމާތު ދިނެވެ. އެ މައުލޫމާތާއެކު ނޫސްވެރިން ބެލީ އެ ދެ މީހުންގެ ބަންދު މުއްދަތު ޖަހާފައިވޭތޯ އެވެ. އެކަމަކު، "ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ނުދެކޭތީ" އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު އާންމުވުމުން، ރޭޕްގެ ތުހުމަތު ކުރެވެނީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއާ ގުޅުން އޮތް ބާރުގަދަ ބައެއް ކަމަށް އޮތީ އަޑު ފެތުރިފަ އެވެ. އެ އަޑުތަކަށް އިތުރު ބާރަކަށްވީ، އިއްޔެ ހެނދުނު ވެބްސައިޓެއްގައި ޝާއިއު ކުރި ލިޔުމެއްގައި، މި މައްސަލައާ ގުޅޭ ތަފްސީލުތަކެއް ގެނެސްދިނުމުންނެވެ. ސަފާރީ ހާދިސާގައި ޝިކާރައަކަށްވީ ކެންޔާގެ އަންހެން މީހާއާ ހަވާލާދީ އެ ވެބްސައިޓުގައި ބުނެފައި ވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ ސަރުކާރުގެ ބާރުގަދަ ބަޔަކު ފުލުހުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ސަފާރީ މައްސަލައިގައި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ. މި ތުހުމަތުތައް ކުރަމުންދާއިރު، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި، ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވަނީ އެ ސަފާރީ ހިނގި ކަމަށް ބުނާ ރޭޕްގެ މައްސަލަ ކޮމެޓީގައި އެޖެންޑާކޮށް، މައްސަލައިން ދުރަށް ޖެހިވަޑައިގެންފަ އެވެ.

ވިކްޓިމް އެއްވެސް މީޑިއާއަކަށް މައުލޫމާތު ނުދޭ ކަމަށް ފުލުހުން ބުނެފައިވީނަމަވެސް، އެ ވެބްސައިޓުގައި ޝާއިއު ކުރި ލިޔުމަށް ފަހު، ތުހުމަތުގެ އިނގިލިތައް ފުލުހުންނަށް އަމާޒުވެ، ފުލުހުން މި މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދު އާންމުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

ވަނަވަރު ހާމަ ނުކުރަނީ ކީއްވެ؟

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ވަނީ ޖިންސީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމު ކުރަން ފަށައިފަ އެވެ. އެގޮތުން، ގެސްޓްހައުސްއަކަށް ގެންގޮސްގެން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ އާއި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައިގެން ރޭޕް ކުރި ބ.ތުޅާދޫ /ހިޔާވަހި، އުނައިސް އަހްމަދުގެ ވަނަވަރުވެސް ފުލުހުން އާންމު ކުރި އެވެ.

މިފަދަ ބޮޑެތި ޖިންސީ ކުށްތައް ކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަންވެސް ފުލުހުން ވަނީ ހާއްސަކަމެއް ދީފަ އެވެ. އެކަން އެނގެނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ބޭނުން ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ހިފައި، އަނީސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ޕޮލިސް ކޮމިޝަނަރު އެދިވަޑައިގަތުމުންނެވެ.

ޖިންސީ ކުށްތަކުގައި ފުލުހުންގެ ފަރާތުން މިފަދަ ބަދަލުތަކެއް ފެންނަން ފެށި ނަމަވެސް، ސަފާރީ މައްސަލައިގައި ފުލުހުންގެ އަމަލުތައް ފެނިގެން ދިޔައީ ތަފާތުކޮށެވެ. ތުހުމަތު ކުރެވުނު މީހުން ކުށުގެ ވެށިން ހައްޔަރު ކުރެވުނު ނަމަވެސް، ބަންދުނުކޮށް ދޫކޮށްލީ އެވެ. އަދި އެ މީހުންގެ ވަނަވަރުވެސް އާންމުކޮށްފައި ނުވެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފައި ނުވަނީ ކީއްވެތޯ އާންމުން ދަނީ ސުވާލު ކުރަމުންނެވެ. އަދި ނޫސްވެރިން ވެސް މި ސުވާލު ފުލުހުންނާ ކުރިމަތިކުރި އެވެ. ޖަވާބުގައި ފުލުހުން ބުނީ، ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަ ކުރަން ނިންމަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ. އަދި އެފަދަ ބައެއް ކަންކަމުގެ މިސާލުތައް ދިނެވެ.

"ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ބައެއް ޒާތީ މައުލޫމާތު ހާމަކުރަނީ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ލިބޭ ހެކި ގަރީނާއާއި، ތަހުގީގަށް ސާބިތުވާ މިންވަރާއި، ތަހުގީގަށް އަސަރުކުރާނެ މިންވަރާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކުރާނެ އަސަރުފަދަ ގިނަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކޮންމެހެން ޒާތީ މައުލޫމާތު ހާމަކުރަންޖެހޭކަމަށް ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭ ހާއްސަ ހާލަތްތަކުގައި." މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަ ކުރުމާ ގުޅޭ އެސްއޯޕީއެއް ފަދަ އެއްޗެއް ފުލުހުންގެ ގެންގުޅޭތޯ "ސަން"އިން ސުވާލު ކުރުމުން ފުލުހުން ބުނެފައި ވަނީ އެފަދަ އެސްއޯޕީއެއް އޮންނަ ކަމަށެވެ. ނަމަވެސް، އެއީ މީޑިއާޔާ ހިއްސާ ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ތުހުމަތު ކުރެވޭ މީހުން ބަންދު ކުރަނީވެސް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި އެކަންކަމަށް ރިއާއަތްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މައްސަލަ ނުބަލަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެންގެވި ކަމަށް ބުނާ ވާހަކަތައްވެސް މީޑިއާ ގްރޫޕުގައި ފުލުހުން ދޮގު ކުރި އެވެ.

"ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުލިބޭ"

ސަފާރީގައި ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުރާ ތުހުމަތުތަކަކީ ތެދެއް ނަމަ އޭގެ މާނައަކީ، އަދިވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒާއި ބާރު އޮތް ކަމެވެ. ފުލުހުންނަށް އާންމުން ކުރާ އިތުބާރާއި މި މައްސަލަައާ އޮތީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެންވެ، މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ފުލުހުންނާ އަމާޒުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ހަށިގަނޑުން އެއްވެސް ސާމްޕަލެއް ނެގިތޯ އާއި، އެ ދެ މީހުންގެ ފަރާތުން އެއްވެސް ހެއްކެއް ނެގިތޯ އާއި، އެ ދެ މީހުން މަސްތުގެ ހާލަތުގައި ހުރިތޯ ފުލުހުން ބެލިތޯ އާއި، އަންހެން މީހާއަށް ރޭޕް ކިޓެއް ދިންތޯ އާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިންތޯ އާއި، އަންހެން މީހާއަށް ޖިންސީ ގޯނާ ކުރިތޯ ބެލުމަށް ކުރީ ކޮން ކަމެއްތޯ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް މި ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ދެ އެވެ.

މި ސުވާލުތަކުގެ ޖަވާބުގައި ފުލުހުން ބުނީ، ފުލުހުންނަށް ހުށަހެޅޭ ހުރިހާ މައްސަލައެއްގައިވެސް ތަހުގީގުގައި ހިމެނޭ ތަފްސީލީ ކަންކަން ހާމަ ނުކުރާނެ ކަމަށެވެ. އެފަދަ ކަންކަން ހާމަކޮށްފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެފައިވެ އެވެ.

"މައްސަލަތަކުގެ ތަފްސީލު މައްސަލައިގެ އެހާ ކުރީ ކޮޅު ހާމަ ކުރުމަކީ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަކަށް ވާތީ، އެ ބަލަން ޖެހޭ ކަންކަން ބެލުމަށް ވަގުތު ހޭދަވާނެކަން މީޑިއާތަކުގެ ބޭފުޅުންވެސް ގަބޫލު ކުރެއްވުން އެދެން. އަދި މި މައްސަލައިގައިވެސް މައުލޫމާތު ހާމަ ކުރުމުގައި ވަކި ތަފާތެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން އަަރުވަން،" ފުލުހުން ބުންޏެވެ.

ފުލުހުން އަދިވެސް ބުނަމުން ދަނީ ތަހުގީގު ކުރިއަށްދާ ވަރަކަށް ހާމަ ކުރަން ޖެހޭ މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަަރު ހުސެއިން ފިޔާޒް މޫސާ "ސަން"އަށް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުން ހުރި މުއައްސަސާއަކަށް ވާތީ، އޮންނަ އުސޫލުތަކުގެ ތެރެއިން މައްސަލަތަކުގައި އަދި ހާއްސަކޮށް ރައްޔިތުންގެ މަސްލަހަތާ ގުޅޭ މައްސަލަތަކުގައި، ވީހާވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ދައުލަތުގެ ކޮންމެ އިދާރާއަކީ، ހާއްސަކޮށް ފުލުހުންނަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މުއައްސަސާއަކަށްވުމާއެކު، އެތަނުގެ މައުލޫމާތު ވީހާވެސް ބޮޑަށް ހާމަ ކުރުން މުހިންމު. ކަނޑައެޅިފަ އޮންނަ އުސޫލަކުން މައްސަލަތަކުގެ މައުލޫމާތު ވެސް ފުރިހަމަ އަށް ހާމަކުރުން މުހިންމު. އޭރުން ނުތަނަވަސްކަން ކުޑަވެ، އިތުބާރު ބޮޑުވާނެ. އިތުބާރު ބޮޑުވާނީ މުއައްސަސާތަކުގެ ހާމަކަން ބޮޑުވެގެން. މައުލޫމާތު ދީގެން،" ފިޔާޒް ވިދާޅުވި އެވެ.

ސަފާރީގައި ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ މައްސަލަ ވަނީ މަޖިލީހާ ހިސާބަށްވެސް ފޯރައިފަ އެވެ. އެގޮތުން، ފުލުހުން އެ މައްސަލައާ މެދު އަމަލު ކުރަމުންދާ ގޮތް ބަލަން އިންޓެގްރިޓީ ކޮމިޝަނުން ކުރަމުންދަނީ ކޮން ކަމެއްތޯ ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމެޓީއިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް