އެމެރިކާގެ ޚާރިޖީ ވަޒީރާ ވާހަކަ ދެއްކުމަށް ފަލަސްތީނުގެ ރައީސް ދެކޮޅު ހައްދަވައިފި

ޕޮމްޕެއޯ އާއި އައްބާސް

ރާމަﷲ (ޖޫން 29) : އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިމަކަށް ހަދައި އެތަނުގެ މިލްކުވެރިކަން ބަދަލުކުރަން އިސްރާއީލު ކުރާ މަސައްކަތްތަކަށް އެމެރިކާ ވާގިވެރިވެ ހިއްވަރުދީ އަދި އެކަމަށް އެއްބާރުލަމުން ގެންދާތީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާ ފޯނުން ވާހަކަ ދެއްކުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ދެކޮޅު ހައްދަވައިފި އެވެ.

އިސްރާއީލު ސަރުކާރުގެ ރަސްމީ ޓީވީ ޗެނެލްއަކާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް އިއްޔެ ޕޮމްޕެއޯ އައްބާސް އާ ފޯނުން ގުޅުއްވުމުން އައްބާސްވަނީ ޕޮމްޕެއޯ އާ ވާހަކަ ދައްކަވަން ބޭނުން ނުވާކަމަށް ވިދާޅުވެ ފޯން ކަނޑުއްވާލައްވާފައެވެ.

އަދި އެމެރިކާގެ ސުލޫކުހުރި ގޮތުން ޕޮމްޕެއާވެސް އަދި އެމެރިކާގެ އެހެން މަސްއޫލުވެރިއަކާވެސް ސީދާ ގޮތެއްގައި ވާހަކަ ދެއްކުމަށްވެސް އަދި ބައްދަލުކުރަން ވެސް ބޭނުންނުވާކަން އައްބާސްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރަށް ދަންނަވާފަ އެވެ. ފަލަސްތީނުގެ ރަސްމީ ނޫސްއެޖެންސީއާއި އައްބާސްގެ އޮފީހުން ވެސް ވަނީ މިކަންކަން ކަށަވަރު ކޮށްދީފަ އެވެ.

ޕޮމްޕެއޯ އައްބާސް އާ ފޯނުން ވާހަކަ ދައްކަން ބޭނުންވީ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިމަކަށް ހަދައި އެތަނުގެ މިލްކުވެރިކަން ބަދަލުކުރަން އިސްރާއީލު ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުންކަމަށްވެސް އިސްރާއީލުގެ ރަސްމީ ޓީވީއާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ. ހުޅަނގު އައްސޭރީގެ ބިންތަކީ 1976ގެ އަރަބި އިސްރާއީލު ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކެކެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުން އިސްތިއްމާރުކޮށްފައިވާ ބިންތަކެއް ކަމާއި އެބިންތަކުން އިސްރާއީލު ފައިބަންޖެހޭނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލިސްގެ ދެ ގަރާރު ކަމަށްވާ 348 ވަނަ ގަރާރާއި 242 ވަނަ ގަރާރު ބުނެ އެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަންނަ ޖުލައިމަހު ހުޅަނގު އައްސޭރީގެ އެންމެ ދަނޑުވެރި ބިންތައްކަމަށްވާ ޣޫރުލްއުރުދުން ނުވަތަ އުރުދުން ވާދީގެ ބިންތައް އިސްރާއީލުގެ ބިންތަކަކަށް ހަދައި އެތަނުގެ މިލްކިއްޔާތު އިސްރާއީލަށް ބަދަލުކުރާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެމެރިކާ އިންވަނީ އިސްރާއީލުގެ މި ޣައިރު ގާނޫނީ އަމަލަށް ތާއީދުކޮށް އިސްރާއީލުން ފޭރިގަންނަ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް އިއުތިރާފު ވާނެކަމަށް ބުނެފައެވެ. އެމެރިކާއިން މިދިޔަ ހަފްތާގައިވަނީ އިސްރާއީލުން ފޭރިގަންނަ ފަލަސްތީނުގެ ބިންތަކުގެ ޗާޓުތައް ކުރަހައި ދިނުމަށްޓަކައި ކަމާބެހޭ ފަންނީ ޓީމެއްވެސް އިސްރާއީލަށް ފޮނުވާފައެވެ.

އެ ޓީމު އިސްރާއީލުގެ ސިފައިންނާއެކު ހުޅަނގު އައްސޭރީގެ އުރުދުން ވާދީގެ ބިންތަކުގެ ސަރަހައްދަށް ގޮސް ޗާޓު ކުރެހުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އުރުދުން ވާދީގެ ބިންތަކަކީ ފަލަސްތީނުގައި އޮންނަ ދަނޑުވެރި ކަމަށް އެންމެ ރަނގަނޅު ބިންތަކެވެ. ފަލަސްތީނުގައި އުފައްދާ ދަނޑުވެރިކަމުގެ ގާތްގަނޑަކަށް 60 އިންސައްތަ އުފައްދަނީ އެބިންތަކުގައެވެ. އިސްރާއީލުން ރާވާފައިވަނީ އެބިންތައް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހެދުމަށްފަހު އެތަނުގެ ވަޒަންވެރިންކަމަށްވާ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ބޭރުކޮށް އަވަށްޓެރި އުރުދުން އަށާއި ހުޅަނގު އައްސޭރީގެ އެހެން ބިންތަކަށް ފޮނުވާލުންކަމަށް ފަލަސްތީނުން ބުނެއެވެ.

މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދިނުމެވެ. ފަލަސްތީނުގެ ދައުލަތް ގާއިމްކުރާނެ ބިމުގެ ގޮތުގައި ފަލަސްތީނުން ކަނޑައަޅާފައިވަނީ ހުޅަނގު އައްސޭރީގެ ބިމާއި ޣައްޒާގެ ބިމެވެ.

އިސްރާއީލު ފޭރިގަތުމަށް ނިންމާފައިވާ އުރުދުން ވާދީގެ ބިންތަކުގައި ފަލަސްތީނުގެ 50 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އެމީހުންވަނީ އެމީހުންގެ ގެދޮރާއި ބިމުން ބޭރުކޮށްލުމަށް އިސްރާއީލު ކުރާ މަސައްކަތްތަކާ ދެކޮޅަށް ތެދުވާނެކަމަށް ބުނެފައެވެ.

ބިންތައް ފޭރިގަތުމަށް ނިންމުމާ ގުޅިގެން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންވަނީ އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތައް އުވާލާފައެވެ. އަދި މިބިންތައް ފޭރިގަތުމުގެ އަމަލު ތަންފީޒުކޮށްފިނަމަ އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުން އިޢުތިރާފް ވެފައިއޮތް އޮތުންވެސް ނިމުމަކަށް ގެނަސް އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލުނުކުރާނެކަމަށްވެސް ފަލަސްތީނުންވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރައްޔިތުން ގެންދަނީ އެމެރިކާއާއި އިސްރާއީލުގެ މި އުދުވާނާ ކުރިމަތި ލުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ވަރުގަދަ އިންތިފާޟާ އެއް ފެށުމަށްވެސް ތައްޔާރުވަމުން ކަމަށް މައޫލޫމާތު ލިބެއެވެ. އިސްރާއީލުގެ މި އުދުވާނާ ދެކޮޅަށް އުރުދުން ފިޔަވައި އަރަބި އެހެން ގައުމަކުން މާބޮޑު މަސައްކަތެއް ނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ. އުރުދުން އިންވަނީ މިކަމާ ގުޅިގެން އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް