ސަފާރީ ރޭޕް ކޭސްގައި ޖެންޑާ ކޮމިޓީ ބާއްވަނީ، ޖީހާން ބައިވެރި ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު (ވ) -- ފޮޓޯ/ މަޖިލިސް

ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުންމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ތާވަލްކޮށްފި އެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ވަނީ އިއްޔެ ދޫކޮށްލާފަ އެވެ.

އެ އަންހެން މީހާ ރޭޕް ކުރި މައްސަލަ މަޖިލީހުގެ ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް ތާވަލްކޮށްފައިވާ ކަން ހާމަކުރެއްވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ތާވަލްކޮށްފައިވަނީ އެ ކޮމިޓީގެ މުގައްރިރު އަދި ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. ނަމަވެސް މާދަމާގެ ކޮމިޓީގެ މައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ، ކޮމިޓީގެ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައިގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މެންބަރު ޖީހާން ބައިވެރިވަޑައި ނުގަންނަވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ.

އެ ކޮމިޓީގެ ނައިބު ފިއްޓޭ "ސަން" އަށް ވިދާޅުވީ، ކޮމިޓީ ބައްދަލުވުމުގެ ރިޔާސު އޭނާ ބަލަހައްޓަވަން ހަމައްޖަސަވާފައިވާ ކަން އެނގިފައި ނެތް ކަމަށެވެ. ނަމަވެސް މި މައްސަލައިިގައި ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމަ، އާންމު އުސޫލުން އެ މެމްބަރަކު ކޮމިޓީގައި ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުގައްރިރު [ޖީހާން] ކޮމިޓީގައި ބައިވެރި ނުވާނަމަ، އާންމު އުސޫލުން ކޮމިޓީގެ މުގައްރިރުކަން ކުރައްވާނީ، ނައިބު މުގައްރިރު އަޅުގަނޑު. ނަމަވެސް އަދި މިހާތަނަށް މުގަރިރު ބައްދަލުވުމުގައި ބައިވެރި ނުވާކަން އެނގިފައެއް ނެތް،" ފިއްޓެ ވިދާޅުވި އެވެ

ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން ފުލުހުން ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހުން ދޫކޮށްލާފައިވަނީ، ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލަ ވަކި ތަފާތު ކުރުމެއް ނެތި ބެލުމަށާއި އެމީހުންނަކީ ކޮން ބައެއްކަން ހާމަ ކުރުމަށް އިދިކޮޅުން ވެސް ވަނީ ގޮވާލާފަ އެވެ.

https://sun.mv/139142

comment ކޮމެންޓް