ނޯވިޗު ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕުގެ ސެމީއަށް

ޔުނައިޓެޑާއި ނޯވިޗް ސިޓީ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

އިތުރު ވަގުތުގެ ވެސް ފަހު ވަގުތުކޮޅުގައި ކެޕްޓަން ހެރީ މެގުއާ ޖަހައިދިން ގޯލާ އެކު ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ނޯވިޗް ހޯމް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޔުނައިޓެޑް ކުރި ހޯދީ 1-2ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޔުނައިޓެޑް ސެމީއަށް ދަތުރު ކޮށްފައިވާ އިރު މިއީ އެ ޓީމުން މި މުބާރާތުގެ ސެމީއިން ޖާގަ ހޯދި 30 ވަނަ ފަހަރެވެ. އެއާ އެކު އެ ޓީމު ވެގެން ގޮސްފައި ވަނީ އެފްއޭ ކަޕުގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރު ސެމީއަށް ދަތުރު ކުރި ޓީމަށެވެ.

ސެމީ ފައިނަލުގައި ޔުނައިޓެޑް ބައްދަލު ކުރާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ މެޗުތަކަށް ފަހު އެވެ. ގަދަ އަށެއްގެ ބާކީ ތިން މެޗު މިރޭ އޮންނަ އިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ޝެފީލްޑް ޔުނައިޓެޑާއި އާސެނަލެވެ. ދެވަނަ މެޗުގައި ލެސްޓާ ސިޓީއާއި ޗެލްސީ ބައްދަލު ކުރާ އިރު ތިން ވަނަ މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މެންޗެސްޓާ ސިޓީ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ބޮޑު މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕުގެ މެޗުތައް އަލުން ފެށި އިރު ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ލީގުގައި އެމީހުން ނެރޭ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

އެ ބަދަލުތަކާ އެކު ވެސް އެ ޓީމުން ރޭގެ މެޗުން މޮޅެއް ހޯދި އިރު ފުުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ނޯވިޗް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި އޮޑިއޯން އިގާލޯ ޔުނައިޓެޑަށް ލީޑުނަގައިދިން އިރު އެ ގޯލު ކެންސަލް ކޮށްލީ މެޗުގެ 75 ވަނަ މިނިޓްގައި ނޯވިޗްގެ ޓޮޑް ކާންޓްވެލް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއެއްގައި އޮތުމާ އެކު ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގެ ފަހު ހާފުގައި ޔުނައިޓެޑަށް އަލުން އަނބުރާ ލީޑު ހޯދައިދިނީ ކެޕްޓަން މެގުއާ އެވެ.

comment ކޮމެންޓް