ސުޝާންތުގެ ނަމުގައި ފައުންޑޭޝަނެއް

ހުނަރުވެރި އެކްޓަރު ސުޝާންތު: އޭނާގެ ނަމުގައި އާއިލާއިން ވަނީ ފައުންޑޭޝަނެއް އުފައްދަން ނިންމާފައި---

އާންމުންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް 34، ގެ ނަމުގައި އޭނާގެ އާއިލާއިން ފައުންޑޭޝަނެއް އުފައްދަން ނިންމައިފިއެވެ.

މި މަހު މަރުވި އެކްޓަރު ސުޝާންތުގެ ނަމުގައި އުފައްދަން ނިންމި ފައުންޑޭޝަން އެސްއެސްއާރްއެފްގެ މައިގަނޑު މަގްސަދަކީ ސުޝާންތު ޝައުގުވެރިކަން ހުރި ތިން ދާއިރާ ކަމަށްވާ ސައިންސް، ސިނަމާ އަދި ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދިނުމެވެ.

ސުޝާންތުގެ އާއިލާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސުޝާންތަކީ ވަރަށް ވިސްނުންތޫނު އެންމެންނަށްވެސް ވަރަށް ކަމޭހިތާ ޒުވާނެއް ކަމަށެވެ. އަދި އޭނާއަކީ އާއިލާގެ ފަޚުރުކަމުގައި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ސުޝާންތު އަކީ އެންމެން ދެކެ ވެސް ލޯބިވާ ހިތްހެޔޮ މީހެއް. އޭނާ ވަކިވެ ދިޔުމަކީ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް. ވަރަށް ބޮޑު ހިތާމައެއް. ސުޝާންތު އޭނާގެ ހުރިހާ ފޭނުންދެކެވެސް އިންތިހާއަށް ލޯބިވި. އަދި އެ ފޭނުންނަށް މިއަދު ޝުކުރު އަދާކުރަން ސުޝާންތު އާއެކު ދެމިހުރީތީ،" ބަޔާނުގައި ބުނެފައިވެއެވެ.

އާއިލާއިން ނެރުނު ބަޔާނުގައި ބުނީ ސުޝާންތު ޅައުމުރުގެ ދުވަސްތައް ހޭދަކުރި ޕަޓްނާގެ ގެ ބޭނުންކުރާނީ އޭނާގެ ހަނދާނީ ބިނާއެއްގެ ގޮތުގައި ކަމަށެވެ. އަދި އެގޭގައި ސުޝާންތު ބޭނުންކުރި އޭނާގެ އަމިއްލަ ތަކެތި ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފޮތްތަކާ ސުޝާންތު އެންމެ ލޯބިވި ޓެލެސްކޯޕް ގެ އިތުރުން ފްލައިޓް ސިމިއުލޭޓަރު ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އާއިލާ އިން ބުނީ ސުޝާންތުގެ ހަނދާނުގައި އޭނާގެ ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް އާއިލާ އިން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

އެކްޓަރު ސުޝާންތު ކުޅުނު ފަހު ފިލްމު "ދިލް ބޭޗާރާ" އަންނަ މަހު 24 ގައި ހޮޓްސްޓާގައި ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. ސުޝާންތު މަރުވުމާ ގުޅިގެން އޭނާގެ ހަޔާތުގެ މައްޗަށް ދެ ފިލްމެއް އުފައްދަން ވަނީ ނިންމާފައެވެ. އެއީ ޕްރޮޑިއުސަރު ވިޖޭ ޝޭކަރް ގުޕްތާ ގެނެސްދޭ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އާއި ޑައިރެކްޓަރު ސަނޯޖް މިޝްރާ ގެނެސްދޭ "ސުޝާންތު" އެވެ. "ސުޝާންތު" އަކީ ބޮޑެތި ހުވަފެންތަކަކާއެކު މުމްބާއީއަށް އެ ހުވަފެންތައް ކާމިޔާބުކުރަން އަންނަ ޒުވާނަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބިނާކުރާ ފިލްމެކެވެ. އެކްޓަރުގެ ހަޔާތާ ގުޅޭ ގޮތުން ދެ ފިލްމެއް ހަދަން ނިންމި އިރު އޭނާގެ ގާތް އެކުވެރިޔާ ޕްރޮޑިއުސަރު ސަންދީޕް ސިންހް ވަނީ އޭނާގެ ހަނދާނުގައި ފިލްމެއް ގެނެސްދޭން ނިންމާފައެވެ. "ވަންދޭ ބާރަތަމް"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ލީޑު ބައި ކުޅެން ހަމަޖެހުނީ ސުޝާންތުއެވެ. ނަމަވެސް އޭނާ ނެތުމުން ސަންދީޕް ނިންމީ ސުޝާންތު އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އެ ފިލްމު އުފައްދާށެވެ.

comment ކޮމެންޓް