ޓީއެމްއޭ ގަތް ބެއިން ކެޕިޓަލްއިން ވާޖިން އޮސްޓްރޭލިއާ ގަނެފި

ވާޖިން އޮސްޓްރޭލިއާ-- ފޮޓޯ/ގެޓީ

އެމެރިކާގެ އަމިއްލަ އިކުއިޓީ ގްރޫޕެއް ކަމަށްވާ ބެއިން ކެޕިޓަލްއިން ވާޖިން އޮސްޓްރޭލިއާ ގަނެފި އެވެ.

އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން ވާޖިން އޮސްޓްރޭލިއާ އޮތީ ކޮވިޑް19އާ ގުޅިގެން ދަތުރުފަތުރުތައް ހުއްޓުމާއެކު މާލީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ އެއާލައިނެކެވެ.

ކޮވިޑް19 ޕެންޑެމިކްގެ ކުރިން ވެސް އެ އެއާލައިން ހިންގަމުން އައިސްފައިވަނީ 3.17 ބިލިއަން ޑޮލަރުގެ ދަރަންޏަކާއެކުގަ އެވެ.

ރާއްޖޭގެ ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ ވެސް މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލުން ވާޖިން އޮސްޓްރޭލިއާގެ މެޖޯރިޓީ ހިއްސާ ގަތްކަން އެ އެއާލައިންގެ އެޑްމިނިސްޓްރޭޓަރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. މިކަމާ ގުޅޭ ހުރިހާ ކަމެއް ނިމޭނީ މިއަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅުގަ އެވެ.

އެ އެއާލައިނުން ނެރުނު ބަޔާނަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެއިންއިން އެ އެއާލައިންއާ ހަވާލުވި ނަމަވެސް، ވަޒީފާތަކަށާއި މެނޭޖްމަންޓް ޓީމަށް ބަދަލެއް ނުގެންނާނެ އެވެ.

ހަމައެއާއެކު އެ އެއާލައިން އޮތް ދަރަނިން އަރައިގަނެ، ފައިދާ ލިބޭވަރު ކުރުމަށްޓަކައި ބެއިންއިން އިތުރު ކެޕިޓަލް ބޭނުންކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭޕްރީލް މަހު ވާޖިން އޮސްޓްރޭލިއާ މާލީ އަނދަވަޅަކަށް ވެއްޓުމާއެކު އެ އެއާލައިން ގަތުމަށް ބެއިންއާ ވާދަކުރަމުން ދިޔައީ އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ ސައިރަސް ކެޕިޓަލް ޕާޓްނާސް އެވެ. ނަމަވެސް އެ ރޭހުން އިއްޔެގެ ވަގުތެއްގައި ސައިރަސް ވަނީ ވަކިވެފަ އެވެ.

ކޮވިޑް19އާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓުމާއެކު ވާޖިން އޮސްޓްރޭލިއާއިން އެގައުމުގެ ސަރުކާރުން ލޯނު ނަގަން މަސައްކަތް ކުރި ނަމަވެސް، އެކަން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

comment ކޮމެންޓް