30 އަހަރަށް ފަހު ލިވަޕޫލް ލީގް ޗެމްޕިއަންކަން ހޯދައިފި

އިނގިރޭސި ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގެ ތެރެއިން ---

ޗެލްސީއިން މެންޗެސްޓާ ސިޓީގެ މައްޗަށް ހޯދި މޮޅާ އެކު ތާރީހީ ބޮޑު ރެކޯޑަކާ އެކު ލިވަޕޫލުން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އައިސް ލީގުގެ ތަށި ޔަގީން ވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުން ސިޓީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޗެލްސީއިން 54 ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައި އޮތް އިރު މެޗުން ބަލިވި ސިޓީ ދެވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. އަދި މެޗުން ޗެލްސީ މޮޅުވުމާ އެކު އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ 30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޕްރިމިއާ ލީގުގެ ތަށި ޔަގީން ވެފަ އެވެ.

ލިވަޕޫލުން ލީގުގައި ބާކީ ހަތް މެޗު އޮއްވާ ތަށި ޔަގީން ކުރީ 31 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުން މި ސީޒަނުގައި މިހާތަނަށް އެންމެ މެޗަކުން ބަލިވި އިރު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ބާކީ ހުރިހާ މެޗަކުން މޮޅުވެ ބޮޑު ލީޑަކާ އެކު ލިވަޕޫލުން އެއްވަނަ ޔަގީން ކުރި އިރު އެ ޓީމުން މިފަހަރުގެ ލީގު މި ޔަގީން ކުރީ ބޮޑު ރެކޯޑަކާ ވެސް އެކުމެ އެވެ.

އެގޮތުން މީގެ ކުރިން މެންޗެސްޓާ ސިޓީއާއި، މެންޗެސްޓާ ޔުނައިޓެޑުން ލީގު ބާކީ ފަސް އޮއްވާ ކާމިޔާބުކޮށް ހަދާފައިވާ ރެކޯޑަށް ގޮންޖަހައި ލިވަޕޫލުން މިފަހަރުގެ ލީގު ކާމިޔާބު މިކުރީ ބާކީ ހަތް މެޗު އޮއްވަ އެވެ. ލިވަޕޫލުން އެންމެ ފަހުން އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދީ 1990 ގަ އެވެ.

މިރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް މެޗުގެ ބޮޑު ބައި ޑޮމިނޭޓް ކޮށްގެން ކުޅުނީ ޗެލްސީންނެވެ. ޗެލްސީގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނަޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމެރިކާގެ ޒުވާން ފޯވާޑް ކްރިސްޓިއަން ޕުލިސިޗް އެވެ.

އެއަށްފަހު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ހިލޭ ޖެހުމަކުން ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ޗެލްސީން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. ޗެލްސީގެ ދެވަނަ ގޯލަކީ ސިޓީގެ ޑިފެންޑަރު ފަނާންޑީނިއޯ އެ ޓީމުގެ އޭރިއާ ތެރެއިން އަތުން ޖެއްސުމުން ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަން އެވެ.

ޗެލްސީގެ މި މޮޅާ އެކު ލިވަޕޫލަށް ހުރިހާ އުފަލެއް ލިބުނު އިރު ޗެލްސީން ވަނީ މީގެ ކުރިން އަހަރަކުވެސް ލެސްޓާ ސިޓީއަށް ޓޮޓެންހަމާއި އެއްވަރުކޮށް ތަށި ޔަގީންކޮށްދީފަ އެވެ. އެހެން ކަމުން ލިވަޕޫލުގެ ގިނަ ސަޕޯޓަރުންތަކެއް ތިބީ މިރޭ ޗެލްސީއާ އެއްކޮޅަށެވެ.

މިފަހަރުގެ ލީގު ތަށްޓާއެކު އިނގިރޭސި ލީގުގެ ޗެމްޕިއަންކަން 19 ވަނަ ފަހަރަކު ލިވަޕޫލުން ހޯދި އިރު މިއީ އެކުލަބުގެ ތާރީހަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

comment ކޮމެންޓް