މިއީ ހަމަ ޔަގީނުންވެސް އަހަރަމެންގެ ފަހަރު: ސަލާހު

ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގައި ސަލާހު ޖެހި ގޯލަށްފަހު --- ފޮޓޯ: ލައިވްސްކޯ

އިޓަލީގެ އޭއެސް ރޯމާ ދޫކޮށް ލިވަޕޫލަށް އައީ ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް ކަމަށާއި، މިއީ އެ ކާމިޔާބީ ހޯދުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށް އެ ޓީމުގެ ސްޓްރައިކަރު މުހައްމަދު ސަލާހް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ހޯދި މޮޅާ އެކު 30 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ލިވަޕޫލުން ޖެހިލާފައިވާ އިރު މިރޭ ޗެލްސީ ދަނޑުގައި ކުޅޭ މެޗުން ސިޓީ އަށް މޮޅުނުވެވިއްޖަނަމަ ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

އަދި މިރޭ ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅުވި ނަމަވެސް ކުރިއަށް އޮތް މެޗުން އެއްވަރު ކޮށްލައިގެން ވެސް ލިވަޕޫލަށް ތަށި ލިބޭނެ އެވެ. ރޭ ކްރިސްޓަލް ޕެލަސް އަތުން ހޯދި މޮޅާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 23 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމަށް 31 މެޗުން 86 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

ހަތަރު ގޯލުގެ ބޮޑު ތަފާތަކުން ލިވަޕޫލް މޮޅުވި އެ މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ އާނޯލްޑްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަބީނިއޯ ތަނަވަސްކުރި ފުރުސަތަކުން ލިވަޕޫލްގެ ދެވަނަ ގޯލް ޖެހީ މުހައްމަދު ސަލާހު އެވެ. އަދި ތިންވަނަ ގޯލު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފަބީނިއޯ ކާމިޔާބު ކުރި އިރު ހަތަރު ވަނަ ގޯލު ޖެހީ ސެނެގަލް ފޯވަޑް ސާޑިއޯ މާނޭއެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ ރަން ބޫޓް ހޯދި ސަލާހު މި ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު ރޭގެ މެޗަށްފަހު އޭނާ ބުނީ ލިވަޕޫލަށް އައުމުގެ އެންމެ ބޮޑު އަމާޒު ކަމަށްވާ ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިންތިޒާރު ނިމުމަކާ ގާތް ވެފައިވާ ކަމަށެވެ.

"މިދިޔަ ސީޒަނުގައި ވެސް ލީގު ހޯދުމަށް ވަރަށް މަސައްކަތް ކުރެވުނު. އެކަމަކު ސިޓީއިން އެ ސީޒަނުގައި ތަށި ހޯދީ އެމީހުން ކުރި މަސައްކަތް އިތުރު ކުރީމަ، އެކަން ތަޖުރިބާއަކަށް ބަލައިގެން މިފަހަރު ކުރި މަސައްކަތުން މިވަނީ ކާމިޔާބީއަކާ ހަމައަށް އާދެވިފައި. މިއީ ހަމަ ޔަގީނުންވެސް އަހަރުމެންގެ ފަހަރު." ސަލާހް ބުންޏެވެ.

comment ކޮމެންޓް