ސުޕްރީމް ކޯޓުން ފުލުހުންނަށް: ކުށްވެރިންނަށް އަދަބު ދޭން ބޭނުން ނަމަ ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރޭ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ފަރުދުން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް، މުދާ ހިފެހެއްޓުން ފަދަ ކަންކަން ކުރާއިރު، އެކަން ކުރަނީ ގާނޫނުގައި ބުނާ ހަމަތަކުންކަން ފުލުހުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ކުށްކުރާ ފަރާތްތަކަށް އަދަބު ނުދެވި ކުށްތަކުން މުޖުތަމައު ދިފާއު ނުކުރެވޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ފާހަގަކޮށްފި އެވެ.

އޮފީހެއްގެ ތެރެއިން ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ރ. މަޑުއްވަރީ، މުޝްތަރީގެ، ހުސެއިން ސަބާހުގެ މައްޗަށް 2011 ވަނަ އަހަރު ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ އާއި އިތުރު މީހަކު މަގުމަތިން ހުއްޓުވައި، އެ މީހުން ގޮވައިގެން އެ މީހުންގެ އޮފީހަަކަށް ގޮސް އެ އޮފީސް ބަލާ ފާސްކޮށް ހޯދި މަސްތުވާތަކެއްޗެވެ.

https://sun.mv/99250

ނަމަވެސް، އެ މައްސަލައިގައި ފުލުހުން ހެކި ހޯދާފައި ވަނީ ކޯޓު އަމުރެއް ނެތި އޮފީސް ފާސްކޮށްގެން ކަމުން، ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ ހުކުމް ބާތިލު ކުރި އެވެ. މިއަދު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ގާނޫނު އަސާސީގެ 47 ވަނަ މާއްދާގަައި ވަނީ ގޯތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރެވޭނީ ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށްނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެންނެވެ.

މި މައްސަލައިގައި "އާންމު ތަންތަން"ގެ މާނައިގެ ތެރޭގައި އޮފީސް ފަދަ ތަންތަން ހިމެނޭތޯ ސުވާލު އުފެއްދި އެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބެލި އިރު ވަނީ، ގާނޫނު އަސާސީ އެކުލަވާލި އިރު 47 ވަނަ މާއްދާއާ މެދު ކުރެވުނު ބަހުސްތަކާ ހަވާލާދީފަަ އެވެ. ހުކުމުގައި ބުނެފައިވާ ގޮތުން އެ މާއްދާގެ މާނައިގެ ތެރޭގައި އޮފީސްތައް ފަދަ ތަންތަންވެސް ހިމެނޭނެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުތައް ބޭނުން ހިފުމާ ބެހޭ ގަވައިދު"ގެ ދަށުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. މި ގަވައިދުގައި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ގަރީނާއެއް ނުވަތަ ހެއްކެއް ނުވަތަ އެ މައްސަލައާ ގުޅޭ އެއްޗެއް ފެނިދާނެ ކަމަށް ފުލުސް މީހާއަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ގަބޫލު ކުރެވޭ ނަމަ ކޯޓު އަމުރަކާ ނުލައި އެތަނަށް ވަދެ އެތަން ބަލައި ފާސް ކުރުމުގެ ބާރު ފުލުހުސް މީހާއަށް ލިބިގެންވާ ކަމަށް އޮވެ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރީ، ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ހަނި ކުރެވޭނީ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކަމެވެ. ގާނޫނަކުން ހަނި ނުކުރާ ހައްގެއް ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވައިދަކުން ހަނި ނުކުރެވޭނެކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހުކުމުގައި ބުނެފައި ވަނީ ހުސެއިން ސޮބާހުގެ މައްސަލައިގައި ކޯޓު އަމުރަކާ ނުލައި ފުލުހުން އޮފީސް ބަލައި ފާސްކޮށްފައިވާތީ ފުލުހުންގެ އަމަލުތަކަކީ ގާނޫނު އަސާސީގެ 47 ވަނަ މާއްދާއާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އޮފީސް ތެރެއިން ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓަކުން ހުސެއިން ސޮބާހުގެ އިނގިލީގެ ނީޝާން ފެންނާތީ އެކަމަށް އޭނާ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ކަމަށް ދައުލަތުން ބުނާ އިރު، ގާނޫނު އަސާސީއާ ހިލާފަށް ހޯދާ ހެއްކެއްގެ މައްޗަށް މުތުލަގު މަސްއޫލިއްޔަތު ތަތުބީގު ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ހުކުމުގައިވެ އެވެ.

ހުސެއިން ސޮބާހުގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެއްކަކީ ގާނޫނު އަސާސީގެ 47 ވަނަ މާއްދާ ހުއްދަ ކުރާ ގޮތަށް ހޯދިފައިވާ ހެކިތަކެއް ނޫން ކަމުން، މި ހެކި ޝަރީއަތުގައި ބޭނުން ނުކުރެވޭނެތީ، ހައިކޯޓުން މި މައްސަލައިގައި ނިންމި ނިންމުމަކީ ގާނޫނު އަސާސީއާއި ގަވައިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ.

ދައުލަތުން މީގެ ކުރިން ބުނެފައި ވަނީ އޮފީސް ބަލާ ފާސް ކުރަން ދިޔަ އިރު އެކަމަށް އިންކާރުކޮށްފައި ނުވާތީ އޮފީސް ބަލާ ފާސް ކުރަން އެ މީހުންގެ ރުހުން އޮތް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް، ހުކުމުގައި ބުނެފައި ވަނީ، އެ ދެ މީހުން އޮފީހަށް ގެންގޮސް އެތަން ބަލާ ފާސް ކުރުމުގެ ކުރިން އެ މީހުންގެ ރުހުން އޮތްތޯ ބަލާފައިވާކަން ލިޔުމަކުން އެނގޭކަށް ނެތް ކަމަށެވެ. އަދި ބަލަނީ ކޮން ސަބަބަކާ ހުރެކަންވެސް އަންގާފައިވާކަން އެނގެން ނެތް ކަަމަށް ބުނެފައިވެ އެވެ. އެހެންކަމުން، އެތަން ބަލާފައި ވަނީ އެ މީހުންގެ ރުހުމުގައިކަންވެސް ބެލެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ފުލުހުން އެ މައްސަލައިގައި އަމަލުކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ކަމަށް ދައުލަތުން އެ މައްސަލައިގައި ބުނެފައިވެ އެވެ. ހެޔޮ ނިޔަތުގެ އިސްތިސްނާ ހެޔޮ ގޮތުގައި ބޭނުން ކުރާ ނަމަވެސް، ތަހުގީގީ އިދާރާގެ އަމަލުތައް ހުންނަން ވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ހެޔޮ ނިޔަތުގައިވެސް، އަސާސީ ހައްގުތަކުން މީހުން މަހުރޫމު ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

"ހެޔޮ ނިޔަތުގައިވެސް އަސާސީ ހައްގުތަކުން މީހުން މަހުރޫމް ނުުކުރެވޭނެ އެވެ. ކުށް ކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހެޔޮ ނިޔަތުގައި އަސާސީ ހައްގުތަކާއި މިނިވަންކަން އެއްފަރާތްކުރުމުގެ ފުރުސަތު ދެވިއްޖެ ނަމަ ދައުލަތުގެ އިދާރާތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގާނޫނު އަސާސީއެއްގައި އަސާސީ ހައްގުތަކައި މިނިވަންކަން ލިޔެވިފައި އޮތުމުގެ މަގުސަދު ގެއްލޭނެއެވެ. ގާނޫނު އަސާސީގެ 47 ވަނަ މާއްދާ އެގޮތަށް އެ އޮތީ ފުލުހުންގެ ކިބައިން މިފަދަ އަމަލުތައް ހުއްޓުވުމުގެ ބޭނުމުގައެވެ." ހުކުމުގައިވެ އެވެ.

ފުލުހުން ތަންތަން ބަލާ ފާސް ކުރާއިރު، ބަލާފާސް ކުރުމާއި މުދާ ހިފެހެއްޓުން ފަދަ ކަންކަން ކުރެވުމުގެ ކުރިން އެކަން ކުރެވެނީ ކޮން ހަމައަކުންކަން ކަށަވަރު ކުރުމަކީ ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ހުކުމުގައިވެ އެވެ. މިފަދަ ކަންކަމުގައި ގާނޫނަށް އިހުތިރާމު ނުކުރެވުމުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބުމުގެ އިތުރުން އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައު އެފަދަ ކުށްތަކުން މިންޖު ކުރެވޭ ގޮތް ނުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

"ފުލުހުންގެ މުއައްސަސާއަކީ ކުށްތަކުން މުޖުތަމައު ސަލާމަތް ކުރުމަށާއި، އަދި އަސާސީ ހައްގުތަށް ފަރުދުންނަށް ކަށަވަރުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާ އޮތް ފަރާތް ކަމަށްވާއިރު، ބަލާ ފާސް ކުރުމާއި މުދާ ހިފެހެއްޓުމުގެ ކަންކަން ކުރުމުގެ ކުރިން އެކަން ކުރެވެނީ ކޮން ހަމައަކުންކަން ކަށަވަރު ކުރަން ޖެހެއެވެ. އެއީ އެކަމަކީ އެތަނުގެ ވެރިފަރާތުގެ ޒާތީ މިނިވަންކަމަށް ފާޅުކަން ބޮޑުގޮތެއްގައި ހުރަސް އެޅިގެންދާނެ ކަމަކަށްވުން އެކަށީގެންވާތީއެވެ. ގާނޫނަށް އިހުތިރާމު ނުކުރުމުގެ ސަބަބުން ހުރަސް އެޅިގެން ދަނީ ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުތަކަށް އެކަންޏެއްވެސް ނޫނެވެ. މުޖުތަމައުވެސް މިފަދަ ކުށްތަކުން މިިންޖު ކުރެވޭ ގޮތްތަކެއް ނުވެ އެވެ." ހުކުމުގައިވެ އެވެ.

މައްސަލައިގައި ލިބިދެވޭ ފިލާވަޅަކީ ގާނޫނާ ގަވައިދުގައި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް އަމުރުވެރި ފަރާތަށް ތަހުގީގު ނުކުރެވުމުގެ ސަބަބުން ގާނޫނާ ގަވައިދުގެ މަތިން އަމަލު ކުރި ނަމަ އަދަބު ލިބުން އެކަށީގެންވާ މީހަކަށް އަދަބު ނުދެވި ދޫވެގެން ދިޔުން ކަމަށްވެސް ހުކުމުގައިވެ އެވެ.

"މި މައްސަލައިގައި ލިބިދެވޭ ފިލާވަޅަކީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ލިބެން ޖެހޭ ހައްގު އަދަބު ނުދެވިދިޔުމެއް ނޫނެވެ. ނަމަވެސް ގާނޫނާ ގަވައިދުގައި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް އަމުރުވެރި ފަރާތަށް ތަހުގީގު ނުކުރެވުމުގެ ސަބަބުން ގާނޫނާ ގަވައިދުގެ މަތިން އަމަލު ކުރި ނަމަ އަދަބު ލިބުން އެކަށީގެންވާ މީހަކަށް އަދަބު ނުދެވި ދޫވެގެން ދިޔުމެވެ. މީގެ ނަތީޖާއަކީ މިފަދަ ކުށްތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ބޭކާރުވެގެން ދިޔުމެވެ." ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހުކުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގައި މީގެ ކުރިން ނިންމާފައިވާ މި ޒާތުގެ މައްސަލަތަކާ ގުޅޭ ގިނަ އަދަދެއްގެ ކޭސްތަކެއް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔަރު އަޒްމިރަލްދާ އެވެ.

މި މައްސަލައިގައި ހިމެނޭ ހުސެއިން ސޮބާހުގެ މައްޗަށް 2018 ވަނަ އަހަރު ވަނީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއްކޮށްފަ އެވެ. މިހާރު އޭނާ ދަނީ އެ ހުކުމް ތަންފީޒު ކުރަމުންނެވެ.

comment ކޮމެންޓް