ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓާ ގުޅޭ މައްސަލައަކީ ހިޔާލީ ވާހަކަތަކެއް: އުޝާމް

މެމްބަރު އަހްމަދު އުޝާމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިިވާ މައްސަލަ ބިނާކޮށްފައި ވަނީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ކަމަށް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

ފަލާހް ހުށަހެއްޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއްކޮށް، ޑރ. ވަހީދު އެއް ރިޕޯޓު ބައްލަވައިގެނެ، ފޮރުއްވަވާފައިވާ ކަމަށާއި، އެއިން އެއްވެސް މުއާމަލާތެއްގެ ލިޔެކިޔުންތައް މިހާރު ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ފެންނަން ނެތް ކަމަށެވެ.

މައްސަލައާ ގުޅިގެން ބަހުސްކުރައްވަމުން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، ފަލާހު ހުށަހެއްޅުއްވި މައްސަލައިގައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދައުލަތުގެ ލިޔެކިޔުންތަކުން މިހާރުވެސް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.

"ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުއެއް ވާނެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮތް ވާހަކަތަކެއް މަޖިލީހުގައި ހިއްސާކުރައްވައިފަ އެވެ.

އެގޮތުން ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން ކުންފުންޏަށް، އެޓާނީ ޖެނެރަލްގެ ފަރާތުން 2012 ވަނަ އަހަރު 4.8 މިލިއަން ރުފިޔާ ދައްކާފައި ވާކަން އޮޑިޓް ރިޕޯޓުން އެނގެން އޮތްކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނޭނގެ ކޮންތާކުން އައިސްގެން އުޅޭ އަދަދެއް ކަމެއް މި 10 މިލިއަން ޑޮލަރަކީ. އެ ރިޕޯޓުގައި މި އޮތީ، ދިވެހި ސަރުކާރުން އެ ފަރާތްތަކުގެ އިންވޮއިސްތަކަށް ފައިސާ ނުދައްކާތީ، ދިވެހި ސަރުކާރާއި އެ ފަރާތާ ދެމެދު ކުރެވިފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް އެ ފަރާތުން ބޭނުންވާ ކަމާއި، ނުދައްކާ ހުރި އެންމެހައި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސްކުރުމަށާއި، އެ ފަރާތުން 28 ސެޕްޓެންބަރ 2012 ގައި ފޮނުއްވާފައިވާ ލެޓާ ބިފޯ ކްލެއިމަށް އިޖާބަނުދެއްވައިފި ނަމަ، އެ މައްސަލަ އެއްބަސްވުމުގައިވާ ގޮތުގެ މަތީން އިނގިރޭސިވިލާތުގެ ކޯޓުތަކަށް ހުށަހަޅުއްވާނެ ކަމަށް އެ ފަރާތުގެ ލޯޔާ ދިވެހި ސަރުކާރަށް އަންގާފައިވޭ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ގްރާންޓް ތޯންޓަން ދައްކަންޖެހޭ ފައިސާއާއި، ކުރިން އެ ފަރާތުން ހުށަހަޅާފައި ހުރި ފައިސާ ދައްކާފައިނުވާ އިންވޮއިސްތަކަށް ދައްކަންޖެހޭ ފައިސާއާއި، ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ލޯ ފާމާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، އެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އިންވޮއިސްތަކަށް ދައްކަންޖެހޭ ފައިސާއާއި، ސަރުކާރާއި ސިންގަޕޫރުގެ ލޯ ފާމާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ނިމުމަކާ ހަމައަށް ގެނައުމުން އެ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ އެ ފަރާތްތަކަށް ދެއްކުމަށް، ދިވެހި ސަރުކާރަށް އެ ފަރާތުން އަންގާފައިވާ ކަމަށެވެ.

އެއްބަސްވުން ޓާމިނޭޓް ކުރުމާ ގުޅިގެން އެ ފަރާތްތަކަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ ކަމަށް އިނގިރޭސިވިލާތުގެ އެކައުންޓިންގ ފާމާއި، ސިންގަޕޫރުގެ ލޯ ފާމުން ވިދާޅުވާ ފައިސާ ފިޔަވައި އެހާތަނަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެހާ އިންވޮއިސްތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފައިސާ ދެއްކެވުމަށްފަހު، އެ ފަރާތްތަކާއި ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ ފައިސާގެ މައްސަލަތައް ހައްލުކޮށް، އެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް، 2013 ވަނަ އަހަރުގެ މާޗު މަހުގެ 25 އަދި 26 ވަނަ ދުވަހު ބޭއްވި މީޑިއޭޝަނަށް ފަހު، 26 ވަނަ ދުވަހު ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"މީޑިއޭޝަންގައި އެއްބަސްވެފައިވާ ގޮތުގެ މަތީން، އެކައުންޓިންގ ފާމަށް ދައްކަވަން އެއްބަސްވެވަޑައިގެންނެވި ފައިސާގެ ތެރެއިން ބައެއް މިހާރު ވަނީ އެ ފަރާތުން ދައްކައި ހަލާސްކޮށްފައޭ. އެއީ އެކަން ހިނގައިދިޔަ ގޮތަކީ އިއްޒަތްތެރި ރައީސް،" އުޝާމް ވިދާޅުވި އެވެ.

މައްސަލައިގެ ފައިނަލް ރިޕޯޓު އެކުލަވާލާފައެއް ނެތް!

މެމްބަރު އުޝާމް އިއްޔެ ވިދާޅުވީ ގްރާންޓް ތޯންޓަންއާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން އުވާލިއިރު، މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައި ނެތް ކަމަށެވެ.

"މީޑިއޭޝަން މަރުހަލާގައި ގްރާންޓް ތޯންޓަނާ ކުރެވުނު އެއް ސުވާލަކީ، އެ ފަރާތުގެ ފައިނަލް ރިޕޯޓް ކޮބައިތޯއޭ. އެ ފަރާތުން އޭރު ވިދާޅުވީ، ފައިނަލް ރިޕޯޓެއް ތިމަންނާމެންނަކަށް އަދި ނިމިފައެއް ނުވެއޭ،" މެމްބަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް 2011 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާނެ ކަމަށް އެ ކުންފުނިން ބުނި ކަމަށެވެ.

"ދެން އެޓާނީ ޖެނެރަލްގެ އޮފީހުން އެ ފަރާތްތަކާ ސުވާލުކުރެއްވީ، އެ ޕްރެޒެންޓޭޝަންގެ ކޮޕީއެއް ދެއްވާށޭ. އެ ސުވާލަކަށް އެ ފަރާތުން ޖަވާބެއް ނުދެއްވާ އަޅުގަނޑަށް އެނގިގެންނެއް،" އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން، ސެޓުލްމަންޓް އެގްރީމަންޓެއްގެ ދަށުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާތައް ދައްކައި ހަލާސްކުރުމުން، އެ ފަރާތުން އެހާތަނަށް ކޮށްފައި ހުރި ހުރިހާ މަސައްކަތުގެ ފައިލްތައް ސަރުކާރާ ހިއްސާކުރަންޖެހޭނެ ކަމަށް ސެޓްލްމަންޓް އެގްރީމަންޓުގައި އޮންނާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެ ކުންފުނީގެ ފަރާތުން އެ ފައިލްތައް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރި ކަމަށާއި އެ ފައިލްތައް ދެކެވަޑައިގެންނެވި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ފައިލްތައް އޭސީސީއާ ހަވާލުކުރިން!

މެމްބަރު ވިދާޅުވީ ގްރާންޓް ތޯންޓަން އިން އޭޖީ އޮފީހާ ހަވާލުކުރި ފައިލްތައް މެމްބަރުގެ ބެލުމުގެ ދަށުން، 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"އެއީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮތް ފަރާތަކީ، އޭސީސީ ކަމަށް ވާތީ، ހުރިހާ ފައިލްތައް ހަމަ ހުރި ގޮތަށް، ކަނޑައިވެސް ނުލާ ހުރި ގޮތަށް އޭސީސީއާ ހަވާލުކުރީ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އުޝާމް ވިދާޅުވީ އެ ފައިލްތައް އޭސީސީއާ ހަވާލުކުރިކަމުގެ ލިޔެކިޔުންތައް އޭސީސީ އާއި އޭޖީ އޮފީހުގައި ވެސް ފެންނަން ހުންނާނެ ކަމަށެވެ.

"އެހެންވީމާ، ކޮންމެހެނަކުން ކަންތައްތަކެއް ފޮރުވައިގެނެއް ނޫން މި އުޅެނީކީ. ދައުލަތުގެ މިދެންނެވި އިދާރާތަކުގެ ލިޔެކިޔުންތައް ބަލައިފި ކަމުގައި ވަނީ ނަމަ، މިއަދުވެސް ފެންނަން ހުންނާނެ އެކަން ހިނގައިދިޔަ ގޮތް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެ ފައިސާގެ މުއާމަލާތަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓުކޮށް، ބަލާފައިވާ އޮތް މައްސަލައެއް ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ހުރިހާ ފައިލްތަކެއް އޭސީސީގައި މިއަދު ނެތްކަމަށް ވާނަމަ، އެއީ އޭސީސީގެ މައްސަލައެއް ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލައަކީ ވެސް ނިމުމެއް އަންނަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަކުން މައްސަލަ ބަލައިފިނަމަ، މައްސަލައިގައި ކަން ހިނގާފައި ވަނީ ހުށަހަޅާފައިވާ ގޮތަށް ނޫންކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

"އެކަމަކު، އެކަމުގެ ހަގީގަތަކީ ބައްލަވަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އަދި އެކަން ހަގީގަތުގައި ހިނގާފައި އޮތް ގޮތް ބައްލައި، ރައްޔިތުންނާ އެކަން ހިއްސާ ކޮށްދޭންވާނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން،" މެމްބަރު ވިދާޅުވިއެވެ.

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

މައްސަލައާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހަކީ އެ މައްސަލައިގެ ރިޕޯޓު އާންމުކުރަން އޮތް ދުވަސް ކަމަށެވެ. ނަމަވެސް މެމްބަރު އުޝާމް ވިދާޅުވެފައި ވަނީ މައްސަލައިގެ ފައިނަލް ރިޕޯޓު އެ ކުންފުނިން އެކުލަވާލާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް