ދެ މަސް ތެރޭ ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ބަދަލުކުރަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑް19 އާ ގުޅިގެން ރާއްޖެ މިހާރު އޮތް ހާލަތު އިތުރަށް ގޯސް ނުވާނަމަ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައިި، ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ބަދަލުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންްގެ މަޖިލީހުގައި އިއްޔެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މީގެކުރިން ޖަލުތަކުގައި ހަރުކަށި ފިކުރުގެ ގައިދީން ބައިތިއްބާފައި ތިބެނީ، އެހެން ގައިދީންނާ އެކުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ.

ނަމަވެސް މިހާރު އެފަދަ މީހުންނާ އެހެން ގައިދީން ވަކިކުރެވޭނެ އެންމެ ބޮޑަކަށް ވަކިކޮށްފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި މިހާރު މިދަނީ ޖަލުގައި އެފަދަ ފަރާތްތައް ބައިތިއްބާނެ ހާއްސަ ޔުނިޓެއް އަޅަމުން. ކޮވިޑް19 ގެ ސަބަބުން މަޑުޖެހިފައި ނޫނީ ތަންކޮޅެއް ލަސްވެގެން ދިޔައީ، ނޫން ނަމަ މީގެ މަހެއްހާ ދުވަސް ކުރިން ޔުނިޓު ނިމި، އެތަނަށް މީހުން ބަދަލުކުރެވޭ ގޮތަށް ޕްލޭން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިހާރު މިއޮތް ހާލަތު މިގޮތަށް ކުރިއަށް ދާނަމަ ކުރިއަށް އޮތް ދޮޅު މަސް ނުވަތަަ ދެ މަސް ދުވަސް ތެރޭގައި އެ ޔުނިޓުގެ މަސައްކަތް ނިންމާ އެތަނަށް މީހުން ބަދަލު ކުރެވޭނެ ކަމަށެވެ.

"އޭރުން އެފަދަ ފަރާތްތައް ތިބޭނީ އެހެން ގައިދީންނާ ވަކިން. އަދި އެމީހުންނަށް ހިންގޭ ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް މިދަނީ ތައްޔާރުކުރަމުން. އެ ޕްރޮގްރާމްތައް މިދަނީ ޑިވެލޮޕްކުރަމުން. އަދި އެކަމުގެ މަސައްކަތް ބޭރުގެ ކަމާގުޅުންހުރި ފަރާތްތަކާ އެކު ކުރަމުން އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ކަމަށާއި، ރާއްޖޭގެ ޖަލުތަކަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓު ކުރާ ކިއްލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖަލުތަކުގެ އާބާދީ 40 ޕަސެންޓު އިތުރު!

މިނިސްޓަރު އިއްޔެ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން، މިހާރު ގައިދީން ބަލަހައްޓަމުން ދަނީ ހަތަރު ޖަލެއްގައި ކަމަށެވެ.

އެ ޖަލުތަކުގެ ޖާގައަކީ ގާތްގަނޑަކަސް 1300 މީހުން ނަމަަވެސް، ޖަލުތަކުގެ އާބާދީ 1800 އަށް އަރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ޖަލިތަކުގެ ކެޕޭސިޓީއަށް ވުރެ ގާތަގަނޑަކަށް 40 ޕަސެންޓް އިތުރު އަދަދެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ އާބާދީ މަދުކުރުމަށް، އަދި ހެދޭ ޖަލިތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގައުމީ ރިހެބިލިޓޭޝަން ފްރޭމްވޯކެއް ހެދުމުގެ މަސައްކަތް، ޔުނިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިދިޔަ އަހަރު ޖަލުގައި ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން، ވަކި ލެވެލް ތަކެއް ފުރިހަމަ ކުރި މީހުންނަށް ލިބެންވީ ލުއިތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މުޅި މަސައްކަތް ބިނާ މި ކުރަނީ ޖަލުގެ އާބާދީ ވީހާވެސް ކުޑަކޮށް، ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރީހެބިލިޓޭޓް ކުރުމުގެ އިތުރު މަސައްކަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް