މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތް އެބަ ކާމިޔާބުވޭ: ނަހުލާ

"ނިއަމި" އެޕްލިކޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

މެރިޓައިމް ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މި ދާއިރާއިން ރާއްޖެއަށް ޑޮލަރު ވެއްދޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބޯޓް ދަތުރުކުރާ މީހުންގެ ދުވަސް ނޫނީ، ދުނިޔޭގެ ސީ ފެއަރާސް ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ ނެރުއްވި ހިތޯބުގައި ވިދާޅުވީ ޝިޕިން އާއި ސީފެއަރިން އަކީ ގައުމަށް ބޭރު ފައިސާ ވައްދައިދިނުމުގައި ހިއްސާ ކުރާ ދާއިރާއެއްކަން މާޒީ އިން އެނގެން އެބައޮތް ކަމަށެވެ. މި ދާއިރާއަކީ ބޭރު ފައިސާ ލިބޭނެ ދާއިރާއެއްކަން ގަބޫލުކޮށް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ރާއްޖޭގެ މެރިޓަމް އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާ އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސީ ފެއަރާސް އައިޑެންޓިފިކޭޝަން ޑޮކިޔުމެންޓް ތައާރަފު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ސީ މޭނުންނަށާއި ސުޕަ ޔޮޓު ފަހަރުގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުން އުފައްދައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރެވެމުން އެ ބަދެ އެވެ. އެގޮތުން 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީން އޮފިސަރުން ތަމްރީނު ކުރުމަށް ނިންމާ، އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާ ވާހަކަ އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަމެވެ،" މިނިސްޓަރުގެ ހިތޯބުގައ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ ދާދިފަހުން ސަރުކާރުން ރާއްޖޭގެ ގައުމީ ޝިޕިން ލައިނެއް އުފެއްދުމަކީ މި ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މި ހުވަފެން ހަގީގަތަކަށް ހެދުމަށް ޝިޕިން ކޮމިޔުނިޓީ ގަބޫލުކުރާ ފެންވަރަށް ރާއްޖޭގެ ސިނާއަތުގެ މިންގަނޑުތައް ބައްޓަން ކުރަން ޖެހޭ ކަމަށާއި މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް ގާނޫނުތައް އެކުލަވާލަން ޖެހޭ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި މެރިޓައިމް ދާއިރާގެ ކުރިއެރުމަށް މަސައްކަތް ނުކުރެވި އިހުމާލު ވެފައިވާ ކަަމަށާއި، ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ވަޅުޖެހިފައިވާ ސިނާއަތް ކޮޅަށް ޖަހާ ދިރުވުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ދާއިރާ އަށް ޒުވާނުންގެ ލޯބި ޖައްސައި ދާއިރާގައި ހުރި ފުރުސަތު ތައް ޒުވާނުންނަށް އަންގައިދީ، މި ދާއިރާ އަށް ޒުވާނުން ބިނާ ކުރަންޖެހޭ ކަމަށެވެ.

comment ކޮމެންޓް