ވަގުތު ޖެހިއްޖެ! ދަރިން ނިއު ނޯމަލްއަށް ފަރިތަކުރުވާ

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އޭގެ ފަހުން ކިޔަވައިދެމުން ދިޔައީ ގޫގަލް ކްލާސްރޫމާއި ޓެލެކްލާސްތައް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ގިނަ ދުވަސްތަކެއް ފާއިތުވުމަށް ފަހު އަންނަ މަހު އެކަކުކުން ފެށިގެން ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަކެއްގައި ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމައިފަ އެެވެ. އަދި މާލޭގައި ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ކިޔަވައިދޭން ފަށަން މިހާރު ވަނީ ނިންމައިފަ އެެވެ.

ސްކޫލްތައް އަލުން ފަށަން ނިންމި ނަމަވެސް އެކަމުގައި ބެެލެނިވެރިންގެ ހިޔާލު ތަފާތެވެ. ބައެއް ބެލެނިވެރިން ދަރިވަރުން އަލުން ސްކޫލްތައް ކިޔަވަން ފޮނުވަން ތިބީ ކެތް މަދުވެފަ އެވެ. ނަމަވެސް އަނެއްބައި ބެެލެނިވެރިން ބުނަމުންދަނީ ސްކޫލްތަކަށް ދަރިވަރުން ފޮނުވަން މިހާރު ޖެހިލުންވާ ކަމަށެވެ.

ކަލާފާނު ސްކޫލްގެ ޓީޗަރަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ބެލެނިވެރިންގެ އެންމެ ބޮޑަށް ކަންބޮޑުވަނީ އަދިވެސް ސްކޫލްތަކަކީ ރައްކާތެރި ކަމާމެދުގައި ކަމަށެވެ. ހާއްސަކޮށް ދަރިވަރުން "ނިއު ނޯމަލް" ގައި އަލުން ކިިޔަވާއިރު ދަރިވަރުންގެ އިޖުތިމާއީ ގައިދުރުކަން ބެހެއްޓޭނެކަމާމެދު އެވެ.

https://sun.mv/138664

"ބައެއް ބެލެނިވެން ދެން އެބަ ކަންބޮޑުވޭއެބަ މިސާލަކަށް ހަމަ ބައެއް ބެލެނިވެރިން ހަމަ ބިރުގަނޭ ދަރިވަރުން ސްކޫލަށް ކުޑަކޮށް ރޯގާ ހުއްޓަސް ފޮނުވާފާނެތީވެސް" ކަލާފާނުގެ ޓީޗަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިންވެސް ބުނަމުންދިޔަ ވާހަކައެއް އެބައޮތެވެ. އެއީ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރިތަނެއްތޯ ކަށަވަރުކުރުމުގައި ދެމިތިބޭނެ އެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތައް ބެލުމުގެ ގޮތުން ސްކޫލްތަކުން މިހާރުވެސް އަންނަނީ ބެެލެނިވެރިންނާ ވާހަކަ ދައްކަމުންނެވެެ.

އަލުން ސްކޫލްތައް ހުޅުވިގެން ދަރިވަރުންނަށް "ނިއު ނޯމަލް" ގައި އަލުން އުޅެވިދާނެ އެވެ. މާލޭގައި ސްކޫލްތައް ހުޅުވަނީ އެންމެ މަތީ ގްރޭޑްތަަކަށް ވުމުން އެކުދިން ދުނިޔެއިން ލޯ ހުޅުވިފައިތިބެދާނެ އެވެ. ނަމަވެސް ކުޑަކުދިން އާ ދިިރިއުޅުމަށް ހޭނޭނެތޯ އެއީ ސުވާލެކެވެ. އެކުދިންގެ ތޮބީއަތުގައިވެސް ހަލަނިކަމާ ސަކަރާތުގެ ގޮތްގަނޑު ހުންނާނެ އެވެ. ހަނދާންވެސް ބައެއް ފަހަރު ނެތޭނެ އެވެ. އެކަމަށް ފާރަވެރިވާން ތިބި ޓީޗަރުންނަށްވެސް އަބަދު ކުދިންނަށް ލޯ ދީގެން ތިބެވޭނެ ހެއްޔެވެ؟

މާލޭގެ ސްކޫލްގެ އެހެން ލީޑިން ޓީޗަރަކު "ސަން"އަށް ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެސްއޯޕީތައްވެސް މިހާރު ހަދައި ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސްކޫލްގައި ކުދިން އުޅޭނޫޅޭ ގޮތް ބަލަން އަބަދުވެސް މުދައްރިސުން ތިބޭނެކަމަށްވެސް ވިދާޅުވި އެވެ.

"ޓީޗަރުން އުޅޭނެ ޓޮއިލެޓް ސަރަހައްދުގައާ ކޮރިޑޯ ތަކުގައި އަދި ގޯތި ތެރޭގައި އެކި ހިސާބުތަކުގައި. ދެން މިހާރު ކިޔަވައިދޭން ފަށާއިރު ކްލާހުގައިވެސް ތިބޭނީ އެންމެ 15 ކުދިންވަރު" ލީޑިން ޓީޗަރު ވިދާޅުވި އެވެ.

ސްކޫލްތަކުގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުދިން ސްކޫލަށް ވަނުމުގެ ކުރިން ދުރާލައި ފިނި ހޫނުމިން ބެލުމަކީވެސް މިހާރު ކުރަން ނިންމާފައިވާ އެއް ކަަމެވެ. އެގޮތަށް ސްކޫލްތަކަށް ކުދިން ވައްދާނީވެސް އެކި ގޭޓްތަކުންނެވެ. އެތަނުގައި ތިބޭއިރު ކުދިން ތިބޭނެ ތަންތަންވެސް މާކް ކުރުމުގެ ކަންތައް މިހާރު ދަނީ ކުރިއަށެެވެ.

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިޔަސް އެކަން އެންމެ އެކަށީގެންވާ ގޮތަށް ގެންދެވޭނީ ދަރިވަރުން ވެސް އެ ކަންކަމަށް އަހުލުވެރި ކުރުވައިގެންނެވެ. ނިއުނޯމަލްއަށް އެ ދަރިވަރުންވެސް ހޭނެން ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ޖެހެ އެވެ.

" އަޅުގަނޑު ހަމަ ބުނާނީ ދަރިވަރުން ކައިރީގައި ފުރަތަމަވެސް އެންމެ ބޮޑަށް އިސްކަންދޭށޭ ސަލާމަތަށް. އެދަރިވަރެއްގެ ސަލާމަތް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ އެ ދަރިވަރަކު،" މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނާނީ ދަރިވަރުންނަށް ހަމަ ވީހާވެސް ގިނައިން މާސްކު އަޅައިގެން ތިއްބަވާށޭ. ތަނެއްގައި އަތްލެވުނަސް އަވަަހަށް އަތް ދޮންނާށޭ. މިހާރު ހުރިހާ ސްކޫލެއްގައި އޮންނާނެ އަތް ދޮވެވޭނެ ގޮތްވެސް،"

https://sun.mv/138910

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ސްކޫލްތައް ޑިސްއެންފެކްޓް ކުރުމަށް ބޭނުންވާ ކެމިކަލްވެސް ސްކޫލްތަކަަށް ފޮނުވަމުންނެވެ.

ނިއު ނޯމަލްގައި ކުދިން ކްލާސްރޫމްގައި އުޅޭއިރު އެއްކުއްޖަކު އަނެއްކުއްޖަކާ ނޯޓްސްފޮތާއި އާއި ފޮތް ފަންސޫރު ރަބަރު ފަދަ ތަކެތި ދެނެއް ޝެއާއެއް ނުކުރެވޭނެ އެވެ. އަދި އަތްމައްޗަށް ނަގައިގެން ޓީޗަރު ކައިރިއަށް ގެނެސް ފިލާވަޅު އޮޅުން ފިލުވާގޮތަށްވެސް ކަންތަކެއް ނުކުރެވޭނެ އެވެ. އެހެންކަމުން ނިއު ނޯމަލް ދަރިވަރުން ތިބެން ޖެހޭނީ ވީހާވެސް ބޮޑަށް ކަނުލައި ފިލާވަޅުތައް އަޑު އަހާށެެވެ.

" އެބަޖެހޭ ހުރިހާ ދަރިވަރުންވެސް އެކުދިން ތިބޭ ތަންތަނުގައި ތިބޭ. އެެހެން ކުއްޖަކު ތިބޭ ގޮނޑިފަދަ ތަންތަނުގައި ދަރިވަރުންނަށް ދެން ނުތިބެވޭނެ" ޓީޗަރު ވިދާޅުވި އެވެ.

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އުތުރުގެ ސްކޫލެއްގެ ޕްރިންސިޕަލް ވިދާޅުވީ ނިއު ނޯމަލްގައި ވިހާވެސް އޮމާންކަމާއެކު ސްކޫލްތައް ގެންދިއުމަށް ބެެލެނިވެރިންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

އެގޮތުން އޭނާ އެންމެ ބޮޑަށް އެދިވަޑައިގަތީ ދަރިވަރުން ސްކޫލްތަކަށް ގެންނައިރު ދަރިވަރުން ދުރާލާ ކުރީބައިގައި ސްކޫލްތަަކަށް ގެންދިއުށެވެ. އެއީ ސްކޫލްތަކަށް ކުދިން ވަނުމުގެ ކުރިން ފިނިހޫނުމިން ބަލާ ބޭފުޅުންނަށްވެސް ތަކުލީފަކަށް އެކަން ވިޔަނުދިނުމުގެ ގޮތުންނެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންގެ ނަޒަރުގައި މިއީ ކޮވިޑާއާއެކު ދިރިއުޅެން ދަސްކުރަންވީ ވަގުތެވެ. ކޮވިޑާހުރެ ބިރުން ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ އެބޭފުޅުންގެ ނަޒަރުގައި އެންމެ ރަނގަޅުގޮތެއް ނޫނެެވެ. ވީވަރަކުން އެންމެ ބޮޑަށް ރައްކާތެރިގޮތެއްގައި އުޅެން ދަސްވެއްޖިނަމަ މިހާރު ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވެދާނެކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

comment ކޮމެންޓް