ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްއަށް މަހުމޫދު ރިޔާޒު އައްޔަންކޮށްފި

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވި މަހްމޫދު ރިޔާޒް

މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްއަށް މއ. ޑެއިންޓީ، މަހްމޫދު ރިޔާޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވަފި އެވެ.

ކަސްޓަމްސްއަށް 27 އަހަރު ދުވަހަށްވުރެ ދިގު މުދަތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ މަހްމޫޒު ރިޔާޒު މީގެ ކުރިން ހުންނެވީ، އެ މުއައްސަސާގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގަ އެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ ގޮތުގައި މީގެ ކުރިންވެސް ދެ ބޭފުޅުން ތިއްބަވައެވެ. އެއް މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފް، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އިއްޔެ އައްޔަން ކުރެއްވުމުންނެވެ.

ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމު ދެން ފުރުއްވަމުން ގެންދަވަނީ، މ. ތިން ހިރި މުހައްމަދު މާނިއު އެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ، މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.

comment ކޮމެންޓް