ފަރުކޮޅުފުށީގައި ޓޫރިޒަމް ޓްރެއިނިން ސްކޫލެއް

ފަރުކޮޅުފުށި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅާލާފައިވާ ކުރީގެ ޓޫރިސްޓު ރިސޯޓު ފަރުކޮޅުފުށީގައި ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ތަރައްގީ ކުރަން ރާވާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ދެ މަހެއް ތެރޭ އިއުލާނު ކުރާނެ ކަމަށެވެ.

"ޓޫރިޒަމް އައިލެންޑުގައި ހިމެނޭ ކަންތައްތަކާ، ކުރީގެ ފަރުކޮޅު ފުށި ހިމެނޭ ސަރަހައްދުގައި ހުރި ޑިވެލޮޕްމެންޓްސް ތަކާ،" ސުހައިލް ވިދާޅުވިއެވެ.

"މިހާރު މި މަސައްކަތް ކުރަނީ ޓޫރިޒަމް ޓްރެއިނިން ސްކޫލެއް ގާއިމް ކުރަން. ސަރުކާރުންވެސް އިންޓްރެސްޓު އެބަހުރި ޓޫރިޒަމަށް ހާއްސަކޮށްގެން ޓްރެއިނިން ސްކޫލެއް ގާއިމު ކުރުމުގެ ކަންތައް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް،" ސުލައިލް ވިދާޅުވިއެވެ.

މީގެ ކުރިން ފަރުކޮޅުފުށި ތަރައްގީކުރަން ނިންމާފައި އޮތީ ހެރިޓޭޖު އައިލެންޑެއް ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކަކީ އިތުރު ވަޒީފާތަކަށް ފުރުސަތު ލިބޭނެ ކަންތައްތަކެއް ކަމަށާއި މި ފަދަ ދަނޑިވަޅެެއްގައި ވަޒީފާ ހޯދާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތުތަކަކަށް ވާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާ އަކީ ބޮޑު ސްކޯޕެއް އޮތް ދާއިރާއަކަށް ވުމުން މަސައްކަތް ކުރާފަރާތްތަކުން މި ދާއިރާ ހިޔާރު ކުރުން މުހިއްމު ކަމަށް ސުހައިލް ވިދާޅުވިއެެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސް ސްކޫލެއްގެ ޑިޒައިން އެންޑް ޓެންޑަރިން މަސައްކަތް ކުރިއަށްދާއިރު އިންޓަނޭޝަނަލް ސްކޫލެއްގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ. ދެވަނަ ފިޔަވަހި ނިމޭއިރު ތިނެެއް ނޫނީ ހަތަރު ސްކޫލު ހުންނާނެކަން ސުހައިލް ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް