ޝީޝާ އާއި ވޭޕް ޝެއާކުރުން، ކޮވިޑު ފެތުރެން މަގުފަހިވާ ކަމެއް

ޝީޝާ އާއި ވޭޕް ފަދަ ތަކެތި އެކަކު އަނެކަކަށް ޝެއާކުރުމަކި ކޮވިޑް19 ފެތުރުމަށް މަގުފަހިވާކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޮވިޑް19 އަކީ ބަލި ޖެހިފައި ހުރި މީހަކު ވަކި ވަރަކަށް ވުރެ ގާތުގައި ހުރެ ކެއްސާ، ކިނބިހި އަޅާއިރު ނުވަތަ ވާހަކަދައްކާއިރު ބޭރުވާ ތިކިތަކުން ފެތުރޭ ބައްޔެކެވެ.

ޝީޝާ އަދި ވޭޕް ފަދަ އެއްޗެހި ގިނަ މީހުން ބޭނުން ނުކުރަން ސިއްހީ މާހިރުން ލަފާދެމުން އަންނަނީ އެހެންވެގެންނެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިފާއީ ނިޒާމަށް އެކަމުގެ އަސަރުކޮށް، ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަމަށެވެ.

ކޮރޯނާވައިރަސް އާގުޅިގެން، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފަށް އެ ހިދުމަތް ދިން ބައެއް ތަންތަން ވަނީ ޖޫރިމަނާކޮށްފައެވެ.

އަދި ކޮވިޑް19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، ނިއު ނޯމަލްގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ އުސޫލާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާ އަޅާ ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު 14 ގުނަ އިތުރުވާ ކަމަށް ތުރުކީގެ އެންޓި-އެޑިކްޝަން ގުރޫޕު، ޓާކިޝް ގްރީން ކްރެސެންޓުން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް