ޕީއެސްޖީގެ ތިން ކުޅުންތެރިޔަކާއި އޮފިޝަލަކު ޕޮޒިޓިވް ވެއްޖެ

ލީގު ޔަގީން ކުރުމަށްފަހު ޕީއެސްޖީން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މި ސީޒަނުގެ ފްރެންޗެ ލީގު ޗެމްޕިއަން ޕީއެސްޖީގެ ތިން ކުޅުންތެރިޔަކާއި އޮފިޝަލަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން އެކުލަބުން ހާމަކޮށްފި އެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު ފްރާންސް ލީގު ކެންސަލްކުރީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

އެއާއެކު ލީގުގެ ބޯޑުގެ ބައްދަލުވުމަށް ފަހު މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެން ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީއަށް ތަށި ދިން އިރު، އެކުލަބުން އަންނަ އޮގަސްޓް މަހު ފަށާ ޗެމްޕިއަންސް ލީގު މެޗުތަކުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ޕީއެސްޖީއިން އެ މުބާރާތް މެދު ކަނޑާލި އިރު ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ޕީއެސްޖީން ރަސްމީކޮށް ޕްރެކްޓިސްތައް ފެށުން މި ހަފުތާގެ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށްފައިވާ އިރު އެކުލަބުން ވަނީ އިއްޔެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އަދި ނެގި ސާމްޕަލްތަކުން ތިން ކުޅުންތެރިޔަކާއި އޮފިޝަލަކު ޕޮޒިޓިވްވެފައިވާ ކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.

އެކަމަކު އެކުޅުންތެރިންގެ ވަނަވަރު ކުލަބުން ހާމަކޮށްފައި ނުވާ އިރު ޕޮޒިޓިވް ނުވާ ކުޅުންތެރިންނާއެކު ބުރާސްފަތި ދުވަހު ޕްރެކްޓިސް ފަށާނެ ކަމަށް ވެސް ޕީއެސްޖީން ވަނީ ބުނެފަ އެވެ.

އޮގަސްޓް މަހުގެ ޗެމްޕިއަންސް ލީގު މެޗުތަކުގެ ކުރިން އަންނަ މަހުގެ 24 ވަނަ ދުވަހު ފްރާންސްގެ ލީގު ކަޕް ކޫޕް ޑެ ފްރާންސްގެ ފައިނަލުގައި ސެއިންޓް-އެޓެއިންއާ ދެކޮޅަށް އެ ޓީމުން ނުކުންނާނެ އެވެ. އެއަށްފަހު އެ މަހުގެ 31 ވަނަ ދުވަހު ލިޔޮންއާ ދެކޮޅަށް އިތުރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް