ކުއްޖާ ރޭޕްކުރި މީހާ ދޫވިގޮތް ބަލަން އަންގައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ/ މަޖިލިސް

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެ ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތިގެން ބަންދުން ދޫކޮށްލަން ޖެހުމާ ގުޅިގެން، އެކަން ހިނގައިދިޔަ ގޮތް ބަލަން އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު، 25، އެވެ.

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އޭނާ ބަންދުކުރުމަަށް ފުލުހުންގެ ފަރާތުން އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައި ވީނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ. ދެވަނަ ފަހަރު ވެސް އޭނާ ބަންދުކުރުމަަށް އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނާ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާތުގައި އެދެވިދާނެ ކަމަށެވެ.

އެފަދަ އެދުމެއް ކޮމިޝަނާ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސެކިއުޓަ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ގާނޫނުގެ 30 ވަނަ މާއްދާގައި ވާ އިޖުރާއަތުތަކާ އެއްގޮތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ވެސް އަދި ޕީޖީ އޮފީހުން ވެސް ހުށަހަޅާފައި ނުވެ އެވެ.

އުނައިސް އަހްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު އަމުރުކުރި އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، އޭނާއާ ދެކޮޅަަށް ހެއްކާއި ގަރީނާވެސް ލިބިފައިވާ ކަމަށެވެ.

އެމީހާ ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތިގެން، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި ދުވަހު، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޝަޚްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމުގެ މައްޗަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި އޭނާގެ ކުށުގެ ރެކޯޑަށާއި ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި އަމަލުކޮށްފައިވާ ގޮތަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ.

ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭނަމަ، އަދި އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ނުވަތަ އޭނާ ފިލައިފާނެ ކަމަށް ބެލެވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވެސް ޝަރީއަތް ނިމެންދެން މީހުން ބަންދުކުރެވޭ ކަމަށާއި އެކަން ކުރެވޭނެ އިޖްރާއަތުތަށް ގާނޫނުތަކުގައި މިހާރުވެސް އެބަ އޮތް ކަމަށެވެ.

"ފުލުހުން އިޖްރާއަތްތަކަށް ފަރިތަ ވާންޖެހޭ ސަބަބަކީމީ. ފުލުހުންގެ ތަހުގީގު އޮފިސަރުންނަށް އިޖްރާއަތުތަށް ކިޔާދީ ފުލުހުންގެ ރިފޯމް އަވަސްކުރުން މުހިންމު،" ސިރާޖު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވަން ބޭނުންވާކަން މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގަވާފައި ވާނެ ކަމަށެވެ.

comment ކޮމެންޓް