އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ---

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގޮތު ހުރި ސާބިއާގެ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އޭނާ ހާމަކޮށްފި އެވެ.

ޖޮކޮވިޗްއާއި އޭނަގެ އަންހެނުން ހެލީނާ ކޮވިޑްއަށް ޕޮޒިޓިވްކަން އޭނާ މިއަދު ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން މިހާރު ކުރިއަށްދާ ބަލްކަން ޓުއާގައި ވާދަކުރާ ބައެއް ކުޅުންތެރިން ޕޮޒިޓިވް ވުމާ ގުޅިގެން ކުރި ޓެސްޓްތަކަށް ފަހު އެވެ. އެ މުބާރާތުގައި ވާދަކުރި ކޮރޮއޭޝިއާގެ ބޯނާ ކޮރިކްއާއި ގްރިގޯރ ޑިމިޓްރޯވްގެ އިތުރުން ބުލްގޭރިއާގެ ވިކްޓޯ ޓްރޮއިކީގެ ޓެސްޓްތައް ޕޮޒިޓިވް ވުމާ އެކު އެ މުބާރާތް ވަނީ މެދު ކަނޑާލައިފަ އެވެ.

ޖޮކޮވިޗް ބުނީ މުބާރާތް މެދު ކަނޑާލުމާއި ގުޅިގެން އޭނާ އެނބުރި ސާބިއާއަށް ދިއުމަށްފަހު ކުރި ޓެސްޓް ތަކުގައި އޭނާއާއި އޭނަގެ އަންހެނުން ވައިރަހަށް ޕޮޒިޓިވްވި އިރު އޭނަގެ ދެ ދަރިންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

"އަހަރަމެން މި މުބާރާތް މި ބޭއްވީ ވައިރަހުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ރަނގަޅު މަގުސަދެއްގައި. އެކަމަކު މިފަހަރު އެކަން ގޯހުން ގޯހަށް މިދިޔައީ. މިކަމުގައި ލިބުނު ގެއްލުމަށް އެންމެންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން،" ޖޮކޮވިޗް ބުންޏެވެ.

އުމުރުން 32 އަހަރުގެ ޖޮކޮވިޗް ވަނީ މީގެ ކުރިން 17 ގްރާންޑް ސްލޭމް ހޯދައިފަ އެވެ.

comment ކޮމެންޓް