އަންގާރަ ދުވަހު ކުރިން މާރުކޭޓު ގޮޅިތައް ހުސްކުރަން އަންގައިފި

މާލޭ ލޯކްލް މާރުކޭޓު ސަރަހައްދު ބަންދު ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދަށް ގެންދިޔުމާ ގުޅިގެން މާރުކޭޓުތައް ބަންދުކޮށްފައިވާތީ މާރުކޭޓު ގޮޅިތަކުގައި ހުރި ތަކެތި މިއަންނަ އަންގާރަ ދުވަހުގެ ކުރީން ހުސްކުރުމަށް ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން މިދިޔަ މަހުގެ އެއްވަނަ ދުވަހުގައި މާރުކޭޓު ގޮޅިތައް ހުސްކުރަށް އިއުލާނުކޮށްފައި ވާނެ ކަމަށެވެ.

ނަމަވެސް އަދިވެސް މާރުކޭޓު ގޮޅިތައް ހުސްކޮށްފައި ނުވާތީ އަންނަ އަންގާރަ ދުވަހުގެ 18:00 ގެ ކުރީން އެތަކެތި ހުސްކުރުމަށް އަލުން ފުރުސަތު ދޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ގުދަނުގެ ގޮތުގައި ހަދާފައި ހުރި ގޮޅިތައްވެސް ރޫޅާ ހުރިހާތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެ މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ގުދަނުގެ ގޮތުގައި ހަދާފައިހުރި ގޮޅިތައް ރޫޅާލައި މުޅި މާރުކޭޓް ،ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކައުންސިލުން ވަނީ މާރުކޭޓު ގޮޅިތައް ހުސްކުރުމަށް ވަކި ހާއްސަ ގަޑިތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 18:00 އަށް މާރުކޭޓު ހުސްކުރުމުގެ ފުރުސަތު ހުޅުވާލާފައި ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް