ފިޓް ފާޒިލްގެ އަގު ބޮޑު ހަދިޔާތައް ލިބުނީ ޝާރުމީލާއަށް

ފިޓްފާޒިލް އޭނާގެ ގިވްއަވޭ ހަދިޔާ ތަކާއެކު-- ފޮޓޯ: ފާޒިލް

ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކުގެ ނަސީބުވެރިޔާ ހޮވައި އެ ހަދިޔާތައް މިރޭ ހަވާލުކޮށްފިއެވެ.

އެ ހަދިޔާތަކުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޝަރުމީލާއެވެ.

ފާޒިލް "ގިވްއަވޭ" ހަދިޔާތައް ދޭންވެގެން އޭނާގެ އިންސްޓަގްރާމްގައި އެ ފުރުސަތު ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

ފާޒިލް ދިން ހަދިޔާ ތަކުގެ ތަކެތީގެ ތެރޭގައި “މެކްބުކް އެއާ ގޯލްޑް”އަކާއި، 512 ޖީބީގެ “އައިފޯން އެކްސް އެސް” އަދި “އެއާޕޮޑް”އެއް ހިމެނެއެވެ. މި ތަކެތީގެ އިތުރުން ފާޒިލްގެ ގިފްޓް ހެމްޕާގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "ވިކްޓޯރިއާ ސީކްރެޓްސް، ގޫޗީ، ޖޯރޖިއާ. އަރްމާނީ، ޑިއޯރ”ފަދަ ބްރޭންޑްތަކުގެ ތަފާތުތަކެތި ހިމެނެއެވެ.

ފާޒިލްގެ އަގުބޮޑު ހަދިޔާތަކުގެ ނަސީބުވެރިޔާ ހޮވައިފައިވަނީ އެޕް ސޯޓިއޯސް އެޕް ބޭނުންކޮށްގެންނެވެ. އެޕް ސޯޓިއޯސް އެޕްއަކީ އާންމުކޮށް އިންސްޓަގްރާމާއި އެހެނިގެން ސޯޝަލް ނެޓްވޯކްތަކުގައި ފޭނުންނަށް "ގިވްއަވޭ"ތަކާއި ޕްރޮމޯޝަންތަކާއި އަދި ކޮންޓެސްޓްތައް ބާއްވާއިރު ނަސީބުވެރި ފަރާތްތައް ހޮވަން ބޭނުންކުރާ އެޕެކެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި އެފަދަ ގިވްއަވޭ ތަކުގައި އެއެޕް ބޭނުންކޮށްފައި ވެއެވެ.

އެއެޕް ބޭނުންކުރާއިރު އިންސްޓަގްރާމް ޕޯސްޓްތަކުގެ ލިންކްތައް ލުމަށްފަހު ބޭނުންވާ އަދަދެއްގެ ނަސީބުވެރިން ކުޑައިރުކޮޅެއްގެ ތެރޭގައި ހޯދައިލައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް އިންސްޓަގްރާމް މޮޑެލް ފާޒިލްގެ ގިވްއަވޭގައި ބައިވެރިވެވެނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް އެއާ ގުޅޭ އިންސްޓަގްރާމް ޕޯސްޓަށް ލައިކްދީ އެ ޕޯސްޓްގައި ދެ މީހަކު ޓެގްކޮށް އަދި ސްޓޯރީއަށްވެސް ލައިގެންނެވެ.

ފާޒިލް "ސަން" އަށް ބުނީ އޭނާގެ ގިވްއަވޭ ހަރަކާތައް ހީނުކުރާވަރުގެ ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 24 ގަޑިއިރު ތެރޭވެސް އެތައް ސަތޭކަ ފޮލޯވާސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ރާއްޖެއެކަންޏެއް ނޫން. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލައްކައެއްހާ މީހުން ބައިވެރިވި. އިންބޮކްސްވެސް ފުރިގެން ގޮސް 50،000 އަށް ވުރެ ގިނަ ޑީއެމް އެބައޮތް ލިބިފައި" ފާޒިލް ބުންޏެވެ.

"އަހަންނަށް ނޭނގުނު ބުނާނެ އެއްޗެއްވެސް. މިހާބޮޑު ސަޕޯޓެއް ލިބިދާނެކަމަށް. މިއީ އަހަންނާ އަހަރެންގެ ފޭނުންނާ އުފެދުނު ވަރަށް ޔުނީކް ގުޅުމެއް. މި ގިވްއަވޭ އެހާ ބޮޑަށް ވައިގަ ހިފީ ހަމަ ފޭނުންނާހުރެ. ދެން ބުނަން އޮތް ވާހަކައަކީ މިއީ އަހަރެންގެ އެންމެ ފަހުގެ ގިވްއަވޭއަށް ނުވާނެކަން. އަދި ހަމަ ވަރަަށް އަވަހަށް އަނެއްކާވެސް ގިވްއަވޭއެއް ދޭނަން،" ފާޒިލް ބުންޏެވެ.

comment ކޮމެންޓް