ފްރެންޑްސްގެ ރީޔޫނިއަންގެ ޝޫޓިން އޮގަސްޓް މަހު

"ފްރެންޑްސް" ގެ ޕޯސްޓަރެއް --

ގިނަ ދިވެހިންނަށް އަދިވެސް ކަމުދާ ޓީވީ ޝޯއެއް ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑުގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ކޮރޯނާ ވައިރަހުގެ ދެވަނަ ރާޅެއް ބިންދައިނުލައިފި ނަމަ ފްރެންޑްސްގެ ހާއްސަ އެޕިސޯޑުގެ ޝޫޓިން އޮގަސްޓް މަހު ފަށާނެކަމަށް އެ ސީރީޒްގެ ކޯ އެކްޓަރު މާތާ ކުފްމޭން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ހަބަރު އެޗްބީއޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކޮރޯނާވައިރަހާ އެކު ފިލްމީ މަސައްކަތްތައް ވެސް އެއްކޮށް ހުއްޓުމަކަށް އައީ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި އެޕިސޯޑް ހާއްސަކުރާނީ ތޭންކްސްގިވިން އަށެވެ.

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަންއާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

އެތައް ހާސް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް