ލޯޑް އޮފް ދަ ރިންގްސް އެކްޓަރު ހޯމް މަރުވެއްޖެ

ސާ އީއަން ހޯމް ލޯޑް އޮފް ދަ ރިންގްސްގެ މަންޒަރެއްގައި ---

މަޝްހޫރު ފެންޓެސީ ފްރެންޗައިޒް ލޯޑް އޮފް ދަ ރިންގްސް އިން ބިލްބޯ ބެގިންސްގެ ރޯލުން ފެނިގެން ގޮސްފައިވާ މަޝްހޫރު އެކްޓަރު ސާ އީއަން ހޯމް އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.

ސާ އީއަން އަކީ ހޮލީވުޑްގެ ބައެއް ބޮޑެތި އުފެއްދުންތަކުން ފެނިގެން ގޮސްފައިވާ މަގުބޫލު އެކްޓަރެކެވެ. އެގޮތުން ޗެރިއެޓްސް އޮފް ފަޔާ އިން އޭނާ ދައްކާފައިވާ ރޯލަށް ވަނީ އޮސްކާ ނޯމިނޭޝަން އެއްވެސް ސާ އީއަން އަށް ލިބިފަ އެވެ.

އޭގެއިތުރުން މަޝްރޫހު ފްރެންޗައިޒް "އޭލިއަން"ގެ 1979ގައި ނެރުނު ފިލްމުގައިވެސް ސާ އީއަން ވަނީ ފެނިގެން ގޮސްފަ އެވެ.

އޭނާގެ އޭޖެންޓް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ މަރުވެފައިވާ ކަމަށެވެ.

އެގޮތުން އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ކަމަށާއި އެތަނުގައި އޭނާގެ އާއިލާ ތިބި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އީއަން މަރުވުމުގެ ކުރީން އޭނާ ދިޔައީ ޕާކިންސަންއާ ގުޅުންހުރި ބައްޔަކަށް ފަރުވާކުރަމުންނެވެ.

comment ކޮމެންޓް