މިހާރު އިންޓަނެޓް ބޭންކިންގްއަށް ވަގުތުން ރަޖިސްޓާ ކުރެވޭނެ!

ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން އިންޓަނެޓް ބޭންކިންގއަށް ރަޖިސްޓާ ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ބޭންކިންގ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަނެޓް ބޭންކިންގް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައިން ރަޖިސްޓާ ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

ވަގުތުން ރަޖިސްޓަކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ބޭންކުގައި މިހާރު ވެސް ބޭނުންކުރަމުންދާ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށް ކަމަށާއި ކަސްޓަމަރުގެ ފޯނު ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަން ވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އިންޓަނެޓް ބޭންކިންގް އަށް ރަޖިސްޓާވުމަށް މި ލިންކް ގައިވާ ސައިންއަޕް ބަޓަންއަށް ފިތާލުމަށް ފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި މޯބައިިލް ނުވަތަ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުމަށް ހިޔާރުކުރެވޭނެއެވެ.

ބީއެމްއެލް އިން ބުނީ ރަޖިސްޓާ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ހިޔާރުކުރާގޮތަކީ ބޭންކުގައި ރަޖިސްޓާވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެ ކަމަށެވެ.

އޯޓީޕީ ޖެހުމަށް ފަހު ބޭންކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެ ކަމަށާއި އެއާއެކު ވަގުތުން ޔޫޒަނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ފުރަތަމަ ލޮޖިން ކުރުމަށް ކަސްޓަމަރުން ބޭނުންކުރާނީ ވަގުތީ ޕާސްވޯޑެވެ. ނަމަވެސް އިރުޝާދު ދީފައިވާ ގޮތަށް ފަހުން ޕާސްވޯޑް ބަަދަލުކުރަންޖެހޭނެއެވެ.

އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލައި، އެކައުންޓް ސްޓޭޓްމަންޓް ބަލައި ޑައުންލޯޑް ކުރުމާއި އަމިއްލަ ކްރެޑިޓް ކާޑު އަދި ލޯނަށް ފައިސާ ދެއްކުމާއި، އެހެން ފަރާތެއްގެ ކްރެޑިޓް ކާޑު އަދި ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން އަމިއްލަ އެކައުންޓްތަކަށް ފައިސާ ފޮނުވޭނެއެވެ.

ހަމައެއާއެކު އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވޭނެއެވެ. އެގޮތުން ބީއެމްއެލް، ރާއްޖޭގައި ހުންނަ އެހެން ބޭންކެއް ނުވަތަ ރާއްޖެއިން ބޭރު ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވޭނެއެވެ.

މީގެއިތުރުން އިތުރު އެކައުންޓެއް ހުޅުވައި، ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުމާއިި ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓްކުރުން ފަދަ ބޭންކުގެ ހިދުމަތްތައް ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހޯދޭނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލް އިން ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން
އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓް ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކު މެދުވެރިކޮށް ހިންގާ މުއާމަލާތުގެ 90 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތައް ކަމަށެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން 87 ޕަސެންޓު ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭނުންކުރާ ކަމަށެވެ.

comment ކޮމެންޓް