މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ހުއްދަ ދޭނީ ޓްރާންސްޕޯޓުން އެކަންޏެއް ނޫން

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިރިކަލުން، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓުއަރިޒަމް އަލުން ހުޅުވޭއިރު މާމިގިލީ އެއާޕޯޓް އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވީނަމަވެސް، ޓްރާންސްޕޯޓު މިނިސްޓްރީއަށް އެކަނި، އެ ހުއްދަ ނުދެވޭނެ ކަމަށް މިއަދު އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާމގިލި އަދި ކުޑަހުވަދޫ އެއާޕޯޓުން މިވަގުތު ހުށަހަޅާފައިވަނީ ޕްރައިވެޓް ޖެޓުތައް އޮޕަރޭޓް ކުރުމަށް ކަމަށްވާއިރު، އިންޓަނޭޝަނަލް އޮޕަރޭޝަންސް އަށް ހުއްދަ ދެވޭނީ އެއާ އޮޕަރޭޓަރ ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމުން ކަމަށެވެ.

އޭގެ ތެރޭގައި ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަ ކުރަންޖެހޭނެ އެވެ.

ޓްރާންސްޕޯޓުގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ކުރިން އެކުލަވާލާފައިވާ ޕްލޭންގައި މާމިގިލި އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު ނެތުމާއެކު އެ ދެ އެއާޕޯޓާ ގުޅޭގޮތުން ގޮތެއް ނިންމާނީ މިނިސްޓްރީން އެކަނި ނޫން ކަމަށެވެ.

މާމިގިލީ އެއާޕޯޓަކީ ކުރިން ވެސް އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި ހިންގި އެއާޕޯޓެކެވެ. ނަމަވެސް ފަހުން އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ މާމިގިލި އެއާޕޯޓު ވަރަށް އަވަހަށް އިންޓަނޭޝަނަލް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަންލް ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް ވިދާޅުވުމުން ގިނަ ތުހުމަތުތަކަކާއި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

މާފަރު އެއާޕޯޓާ ގުޅިގެން ޓްރާންސްޕޯޓުން ބުނެފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތަައް ޖައްސާފައިވާއިރު، އޭގެ ތެރޭގައި A320/321 އަދި B737 ހިމެނިފައި ވީނަމަވެސް އެއީ ވަގުތީ ހުއްދައިގެ ދަށުން ޖައްސާފައިވާ ޗާޓަރ ފްލައިޓްތަކެއް ކަމަށެވެ.

އަދި މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް އޮޕަަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތައް ގާއިމު ކުރުމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތަައް ޓާމިނަލް އަށް ގެނައުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފަ އެވެ.

"އަދި މި ބަދަލުތައް ޖޫން މަހުގެ ނިޔަލަށް ނިންމާނެކަމަށް މާފަރު އެއާޕޯޓުން ސިވިލް އޭވިޝަނަށް އަންގާފައިވާކަން ވެސް މި ފުރުސަތުގައި ދަންނަވަމެވެ." ޓްރާންސްޕޯޓުގެ ބަޔާނުގައިވެ އެވެ.

މި ލޮކްޑައުން ތެރޭގައިވެސް މާފަރު އެއާޕޯޓުން ވަނީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތަކަށް ހިދުމަތް ދީފަ އެވެ.

އަދި މޯލްޑިވިއަންގެ އެއާބަސް އޭ321 ވެސް އިއްޔެ ވަނީ މާފަރު އެއާޕޯޓަށް ޖައްސައި، ބައިނަލްއަގުވާމީ ދަތުރުތަކަށް އޮތް އުއްމީދު އާކޮށްދީފަ އެވެ.

comment ކޮމެންޓް