ކޮވިޑާއެކު އިމްޕޯޓް/އެކްސްޕޯޓާއި އާމްދަނީއަށް ބޮޑު ހީނަރުކަމެއް

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

ރާއްޖޭގައި ކޮވިޑް19 ފެތުރުމާއެކު ހުސްވި މެއި މަހުގެ އިމްޕޯޓް/އެކްސްޕޯޓާއި އާމްދަނީއަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހު އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 117 މިލިއަން ރުފިޔާ އެވެ. މިއީ 59 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ތެލުގެ ބާވަތްތައް ހިމެނޭ ގޮތަށް އިމްޕޯޓަށް 57 ޕަސެންޓުގެ ހީނަރުކަމެއް އައިސްފައިވާއިރު، ތެލުގެ ބާވަތްތައް ނުހިމެނޭ ގޮތަށް އިމްޕޯޓަށް 49 ޕަސެންޓުގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 149 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 73 ޕަސެންޓު ދަށް އަދަދެކެވެ.

މިއަހަރު އަހަރު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ޗައިނާ، ސިންގަޕޫރު، ޔޫއޭއީ އަދި ސްރީލަންކާއިންނެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާއަށެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިމްޕޯޓް، އެކްސްޕޯޓް އަދި އާމްދަނީއަށް 26 ޕަސެންޓުގެ ދަށްވުމެއް ވަނީ އައިސްފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގައި 18.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެތެރެކޮށްފައިވަނީ 13.6 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 1.3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 991 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު އިމްޕޯޓް/އެކްސްޕޯޓު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް