ކޮވިޑް-19ގައި މޯލްޑިވިއަން: 700 އަށްވުރެ ގިނަ ދަތުރު

ކޮވިޑް-19ގެ ހާލަތުގައި ގައުމީ އެއާލައިންގެ ފްލައިޓް މޫމަންޓް 700 އަށް ވުރެ ގިނަވާނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ސަރުކާރާ ގުޅިގެން މޯލްޑިވިއަން އިން ހާއްސަ އޮޕަރޭޝަނެއް ފެށިކަމަށެވެ.

ރިޒްވީ ވިދާޅުވީ އޭޕްރީލް 15 އިން މެއި މަހުގެ ނިޔަލަށް އެ ކުންފުނީގެ ސީޕްލޭން އަދި ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ފްލައިޓުތަކުގައި ޖުމްލަ 4500 އަށްވުރެ ގިނަ ފަސިންޖަރުން އުފުލި ކަމަށެވެ. އެއީ 700 އަށްވުރެ ގިނަ ފްލައިޓް މޫވްމަންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާލަތުގައި އެންމެ އުނދަގޫވީ ކާގޯ އޮޕަރޭޝަންތައް ކަމަށާއި ރޯދަ މަހާއި ދިމާވުމުން އެކަމުގައި ދަތިތައް ކުރިމަތިވި ކަމަށް ރިޒްވީ ވިދާޅުވި އެވެ. ނަމަވެސް އޭޕްރީލް 15 އިން މެއި މަހުގެ ނިޔަލަށް މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި 500 ޓަނުގެ ކާގޯ ރާއްޖެ ގެނެވުނު ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމަށް މޯލްޑިވިއަންގެ ބޯޓުތައް އޮޕަރޭޓު ކުރެ އެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓުތައް ބާއްވަމުންދާއިރު ރާއްޖޭގައި ތިބި ބިދޭސިން އެމީހުންގެ ގައުމަށް ގެންދިޔުމަށްވެސް އެ އެއާލައިން އިން އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

މީގެ އިތުރުން ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން އުފުލުމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންގެ ތެރެއިން ކަރަންޓީނު ނިންމާ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށްވެސް ގައުމީ އެއާލައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގެނައުމަށް ހާއްސަ ކާގޯ ފްލައިޓުތައް އޮޕަރޭޓު ކުރަމުންނެވެ. އެގޮތުން އިންޑިއާ، ޗައިނާ، ދުބާއީ، ތައިލެންޑް އަދި ސްރީލަންކާ އަށް ހައްސަ ކާގޯ ދަތުރުތައް އެ އެއާލައިން އިން ބާއްވަ އެެވެ.

އޭނާ އަދި ވިދާޅުވީ މި ސަރަހައްދުގެ ވެސް އެންމެ ހަރަކާތްތެރި އެއް އެއާލައިނަށް މޯލްޑިވިއަން ވާނެ ކަމަށާއި މޯލްޑިވިއަންއަށް މި ކްރައިސިސްގެ ތެރޭ ރަނގަޅު ރޯލެއް އަދާކުރެވުނު ކަމަށެވެ.

"ހަމައެކަނި ސައުތު އޭޝިއާގައިވެސް މޫވްކުރި އެއާލައިން އަކީ މޯލްޑިވިއަން. އެކަން މި ފުރުސަތުގައި ހައިލައިޓްކޮށްލާނަން،" ރިޒްވީ ވިދާޅުވި އެވެ.

އައިއޭއެސްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނީފާ ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދާއިރު މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދޭ ކަމަށައި ކްރޫ އިންނާއި ގްރައުންޑް ސްޓާފުންވެސް ތިބޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެބަޔަކާ އެކަށީގެންވާ ޕީޕީއީ ލައިގެން ކަމަށެވެ.

comment ކޮމެންޓް