ޓީޖީއެސްޓީ ރުފިޔާއިން ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓުއަރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭގޮތަށް ފިނޭންސް މިނިސްޓްރީއިން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދައްކަން ޖެހޭ ޓީޖީއެސްޓީ ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތީން މިއަހަރުގެ އޭޕްރިލްގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރުގެ 30ގެ ނިޔަލަށް ހިނގާ ޓެކްސް ނެގޭ މުދާތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދިވެހި ރުފިޔާ ދެއްކިދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ މީގެފަހުން ޓެކްސް ނެގޭ މުއްދަތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ކަމަށެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް