ސްކޮޑުގެ ހުރިހާ ކުޅުންތެރިންނަށް މުސާރަ ނުދެވޭނެ: އެފްއޭއެމް

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައި 32 ކުޅުންތެރިން ތިބޭ އިރު އޭގެ ތެރެއިން ކޮންމެ ފަހަރަކޔ މުސާރަ ދެވޭނީ 23 ކުޅުންތެރިންނަށް ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަންނަ މަހު ފެށުމަށްޓަކައި ނެގި ގައުމީ ސްކޮޑު އިއުލާން ކުރުމުގެ ގޮތުން އިއްޔެ އެފްއޭއެމުން ވަނީ އޮންލައިން ނޫސްކޮންފަރެންސެއް ބާއްވައިފަ އެވެ. އެ ކޮންފަރެންސްގައި ގައުމީ ކޯޗު މާޓިން ކޫޕްމަން 32 ކުޅުންތެރިންގެ ލިސްޓެއް ވަނީ އިއުލާން ކޮށްފަ އެވެ.

އެ ކުޅުންތެރިންނާ އެކު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ޕްރެކްޓިސްތައް ފަށާނެކަން އެފްއޭއެމްއިން ހާމަކުރި އިރު މިފަހުން މީސްމީޑިއާގައި ދައުރުވި ގައުމީ ޓީމްގެ ލީކްވި ކަމަށް ބެލެވުނި ލިސްޓަކީ ކުޅުންތެރިންގެ ހާލު އޮޅުންފިލުވައި އެ އަށް ބަލައި ކުޅުންތެރިންނަށް އެލަވަންސް ދޭން ތައްޔާރުކުރި ލިސްޓެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގައުމީ ސްކޮޑުގައި އާންމުކޮށް 30 ނޫނީ 35 ވަރަކަށް ކުޅުންތެރިން ތިބޭއިރު އެ ހުރިހާ ކުޅުންތެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސް ނުދެވޭނެ ކަމަށެވެ. އަދި އެލަވަންސް ދިނުމުގައި ކުޅުންތެރިންގެ ހާލަތަށް ބަލައި ކަމަށާއި، އެލަވަންސް ލިބޭ ކުޅުންތެރިން ނަގަން ޖެހެނީ އެފްއޭއެމުން ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.

އިއްޔެގެ ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ގައުމީ ސްކޮޑުގައި އާއްމުކޮށް ގިނަ އަދަދެއްގެ ކުޅުންތެރިން ތިބި ނަމަވެސް ސަރުކާރުން ދޭ އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް ކަމަށެވެ، އެއާ އެކު ކުރިއަށް އޮތްތާ ސްކޮޑުގެ ކުޅުންތެރިންގެ މެދުގައި އެ އެލަވަންސް ރޮޓޭޓްކުރާ ވިސްނުމެއް އެފްއޭއެމްއިން ގެންގުޅޭ ކަމަށް ސުޒޭން ބުންޏެވެ.

"މި ކަހަލަ އުނދަގޫ ހާލަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ބަަލަނީ. ދެން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ރޮޓޭޓްކުރުމުގެ ވިސްނުމެއް ކޯޗުގެ ވެސް އެބަހުރި. އެއީ އެންމެ ސީނިއާ ކުޅުންތެރިން ނޫނީ ޔަގީނުން ވެސް ޓީމުން ޖާގަ ހޯދާނެ ފެންވަރުގެ ކުޅުންތެރިން ބަދަލުވެގެން ނުދިޔަ ކަމުގައި ވިޔަސް. ބައެއް ކުޅުންތެރިން ބަދަލުކުރާނެ ކަހަލަ ވިސްނުމެއް މި ހުރީ،" ސުޒޭން ބުންޏެވެ. "މި ހާލަތުގައި ވަރަށް މާލީ ތަނަވަސްކަން ވެސް ދަތި ކުޅުންތެރިން އެބައުޅޭ. ރޮޓޭޓްކުރަމުންދަންޏާ މީގެ މަންފާ ވީހާ ވެސް ގިނަ ކުޅުންތެރިން ލިބޭނެ ގޮތަށް ބަލާފައި އެ ގޮތަށް ކުރިއަށް މިދަނީ."

ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރެއް ކަހަލަ ގޮތަކަށް ޕްރެކްޓިސްތައް މެދުކެނޑިފައި އޮތުމާ އެކު ސަރުކާރުން ދެމުން ގެންދިޔަ އެލަވަންސް މިދޭތެރެއިން ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ބައްދަލު ކުރެއްވުމަށްފަހު އަލުން ކުޅުންތެރިންގެ އެލަވަންސްތައް ދިނުމަށް ވަނީ ނިންމާފަ އެވެ.

މަހްލޫފް ވިދާޅުވީ ރާއްޖޭގައި ކުޅިވަރުން ލިބޭ ފައިސާއަށް ބަރޯސާ ވެގެން ދިރިއުޅޭ ބައެއް ކުޅުންތެރިން އުޅުމާ އެކު މުސާރަ ނުލިބުމުގެ ސަބަބުން އެ ކުޅުންތެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

comment ކޮމެންޓް