ޓެކްސް ދައްކަންޖެހޭ އާ ސުންގަޑިތައް އިއުލާނުކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެކްސް ދައްކަންޖެހޭ އާ ސުންގަޑިތައް އިއުލާނުކޮށް އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

މީރާ އިން ކުރި އިއުލާނެއްގައި ބުނީ ޖުލައި ފަސްވަނަ ދުވަހު މީރާގެ ކައުންޓަރުތައް ހުޅުވި ނަމަވެސް، ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށާއި އިޖުތިމާއީ ގައިދުރުކަމާއެކު ހިދުމަތް ދިނުމަށް ބަންދުގެ މުއްދަތުގައި އައިސްފައިވާ ޓެކްސް ސުންގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ހަފްތާ ކައުންޓަރުތަކުން ހަމައެކަނި ބަލައިގަންނާނީ މީރާ އަށް ބަލައިގަންނަ ޓެހުކަށް ނުވާ ފީ އާއި ފައިސާ އަދި އެހެން ކުލި ކަމަށް އެ އިދާރާ އިން ބުންޏެވެ. މިފައިސާ ދެއްކުމުގެ ސުންގަޑިއެއް ބަންދާ ދިމާވާނަމަ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފްތާ އާ ދިމާވާނަމަ، އެ ފައިސާ އާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ، އާ ސުންގަޑިއަކީ 16 ޖުލައި ކަމަށް މީރާ އިން ބުންޏެވެ.

މީރާ ހުޅުވާ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށް ނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމް ނޫން ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމް ނޫން ފައިސާ ބަލައިގަންނާނެ ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން އޭޕްރީލް 15 ނުވަތަ އޭގެ ފަހުން އައިސްފައިވާ ޓެކްސް ސުންގަޑިތަކުގެ އާ ސުންގަޑިއަކީ 23 ޖުލައި ކަމަށް އެ އިދާރާ އިން ބުންޏެވެ.

އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ޓެކްސް ބަޔާންތަކާ އޮންލައިންކޮށް ދެއްކުމަށް ލާޒިމް ކޮށްފައިވާ ޓެކްސް ފައިސާގެ ސުންގަޑިތަކުގެ ތެރެއިން ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފްތާ އާއި ދިމާވާ ސުންގަޑިތަކުގެ އާ ސުންގަޑިއަކީވެސް 23 ޖުލައި ކަމަށް މީރާ އިން ބުންޏެވެ.

އަދި މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އާ ސުންގަޑިއަކީ 16 އޮގަސްޓު ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

މީގެ އިތުރުން 2020 ވަނަ އަހަރަށް އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމެންޓު ދެއްކުމުގެ އާ ސުންގަޑިއަކީ އޮގަސްޓް 31 ކަމަށްވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލުގައި ޓެކުހާއި ދައުލަތަށް ބަލައިގަންނަ އެހެން ފައިސާގެ ސުންގަޑިތަކާ ގުޅޭ މާއްދާއެއް ހިމަނާފައިވާތިއްޔާއި، ހާލަތަށް އަންނަ ބަދަލާ ގުޅިގެން އެޗްޕީއޭ އިން ނިންމާ ނިންމުމަކާ ގުޅިގެން ޓެކްސް ސުންގަޑިތައް ބަދަލުކުރުމަށް މީރާ އިން ވެސް ބޭނުންވެދާނެ ކަމަށާއި، މިހާރު އިއުލާނުކޮށްފައިވާ ސުންގަޑިތައް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ޓެކުހަށް ނުވާ ފީއެއް ނުވަތަ ކުއްޔެއްނުވަތަ އެހެން ފައިސާއެއްގެ ސުންގަޑިއެއް އެ ފައިސާ އަކާ ގުޅޭ އިދާރާއަކުން ބަދަލުކޮށްފިނަމަ އެ އޮފީހަކުން ކަނޑައަޅާ ގޮތަކަށް އެ ސުންގަޑި ބަދަލުވާނެ ކަމަށްވެސް މީރާ އިން ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ބަންދުކުރުމާއެކު ބަންދު ދުވަސްތަކަށް ދިމާވާ ޓެކްސް ސުންގަޑިތައް މީރާ އިން ވަނީ ފަސްކޮށްދީފައެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 48 ޕަސެންޓް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް