ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ދޮށީ އުމުރުގެ މީހުން އިތުރުވަނީ

ޖޫން 9، 2020: މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމާއެކު ކޮންމެ ދުވަހެއްގެ ފަތިހުން 05:00 އިން ފެށިގެން 08:00 ގެ ނިޔަލަށް ދުވަސްވީ މީހުންނަށް ކަސްރަތުކުރުމަށް ބޭރަށް ނިކުތުމުގެ ފުުރުސަތު ވަނީ ދީފައި: އެއާއެކު ގިނަ އަދަދެއްގެ ދުވަސްވީ މީހުން ކޮންމެ ދުވަހެއްގެ ހެނދުނު ކަސްރަތުކޮށް ހިނގާލުމަށް ނިކުމޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބައިތިއްބާ ދޮށީއުމުރުގެ މީހުންގެ ތެރޭގައި، ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުން އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން، ޖެެންޑާ މިނިސްޓްރީން މިއަދު އެ އުމުރުގެ މީހުންނަށް އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މޭ މަހުގެ ނިޔަލަށް، 65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ބޭނުންވާ 40 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

އަޅާލުމާއި އޯގާތެރިކަން ބޭނުންވެގެން ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ފިރިހެނުންނެވެ. މޭ މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 24 މަައްސަލައަކީ (59 ޕަސެންޓް) ފިރިހެނުންނަށް އަޅާލުމާ އޯގާތެރިކަން ބޭނުންްވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން، މި އަހަރުގެ މިހާތަނަށް މިބާވަތުގެ 281 މައްސަލައެއް ވަނީ ޖެންޑާއަށް ރިޕޯޓުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް، ޖެންޑާއިން ރިޕޯޓުކުރި މިބާވަތުގެ ކޭސްތަކުގެ އަދަދު ވަނީ ދަށްވެފައެވެ.

ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަކީ ސިކުނޑީގެ ކޮންމެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 31.7 ޕަސެންޓުގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ހާއްސަ އެހީއަށް ބޭނުންވާ 29 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭގެ ތެރޭގައި ސިކުނޑީގެ ނުކުޅެދުންްތެރިކަން ހުރި މީހުންގެ އަދަދަކީ 2 އެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު އެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިދިޔަ އަހަރު ޖެންޑާގެ ބެލުމުގެ ދަށަށް ހާއްސަ އެހީއަށް ބޭނުންވާ 41 މީހަކު ގެންދިޔައިރު، އޭގެތެރެއިން 28 މީހުންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރި މީހުންނެވެ.

އަދި މިއަހަރުގެ މިހާތަނަށް ހާއްސަ އެހީއަށް ބޭނުންވާ 12 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާއިރު، އޭގެ ތެރެއިން ހަ މީހުންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.

ދޮށީ އުމުރުގެ މީހުންނަށް އަޅައިލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް، އެ ފަރާތްތަކުގެ ބައިވެރިވުމާއި، ދުޅަހެޔޮކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަނިޔާވިޔަ ނުދިނުމަށް އެންމެން މަސައްކަތް ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

comment ކޮމެންޓް