ޖީހާނަށް ޕޮއިންޓް ދިނީ ރަނގަޅަށް: ކައުންސިލް

ލ. ގަމުން ގޯތި ހޯދުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ފޯމަށް ޕޮއިންޓް ދީފައި ވާނީ ރަނގަޅަށް ކަމަށް، ގަން ކައުންސިލުން ބުނެފި އެވެ.

ޖީހާނަށް ގަމުން ގޯއްޗެއް ލިބުނު މައްސަލަ ބޮޑުވެ އެންމެ ފަހުން، ޖީހާން ވަނީ އެ ގޯތި ދޫކޮށްލައްވައިފަ އެވެ.

ޖީހާނަށް ގަމުން ގޯތި ލިބުނު ގޮތާމެދު ސުވާލު އުފެދުނީ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލިއިރު، ގައުމުގައި ދިރިއުޅޭ މީހުންނާ ޕޮއިންޓް ދޭ ބައިން ޖީހާނަށް 10 ޕޮއިންޓް ލިބިވަޑައިގެންފައިވާތީ އެވެ.

އެކަމާ ގުޅިގެން މެމްބަރު ޖީހާން ވަނީ، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގެން، ގަމު ކައުންސިލަށް ސިޓީއެއް ވެސް ފޮނުއްވައިިފަ އެވެ.

މައްސަލައާ ގުޅިގެން ގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖީހާންގެ ފޯމު އިވެލުއޭޓް ކުރުމަށްފަހު، ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ 10 ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާނީ އެ ކައުންސިލްގެ ގޯތި އިވެލުއޭޓް ކުރާ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.

އެ މިންގަނޑު ކަމުގައި ކައުންސިލުން ބުނެފައި ވަނީ، ރަށުން ބޭރު މީހެއް ނަމަވެސް، ގޯއްޗަށް އެދުނު މީހާ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅުމާއި ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައިވުމެވެ.

"މިފަދަ މީހުން ރަށުން ބޭރުގައި ދިރިއުޅެމުން ދިޔަ ނަމަވެސް، ގަމުގައި ދިރިއުޅޭ ނަމަ ދިނުމަށް ކަނޑައަޅާފައިިވާ 10 ޕޮއިންޓް އެމީހަކަށް ދިނުމަށެވެ. މި އުސޫލަށް ފެތޭގޮތަށް ހުރި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ޕޮއިންޓް ވާނީ ދެވިފައެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ ޖީހާނަށް ވެސް ޕޮއިންޓް ދިނުމުގައި ބަލާފައި ވާނީ އެ މިންގަނޑަށް ކަމަށެވެ.

ޖީހާނަށް ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވި އިރު، ޖީހާންގެ ފިރިކަލުންނަކީ ގަމު ރަށްވެއްސެކެވެ. އަދި ދެމަފިރިންްގެ ދެކުދިންގެ ރަޖިސްޓްރީ ވެސް އޮތީ ގަމުގަ އެވެ.

ޖީހާންއަށް ލިބިވަޑައިިގެންފައި ވަނީ 71 ޕޮއިންޓެވެ. ޖީހާން ވިދާޅުވީ ފޯމު ހުށަހެޅުއްވި އިރުވެސް، ގޯއްޗަށް ޝަރުތު ހަމަވާ ވަރަށް ޕޮއިންޓް ލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޖީހާން ވަނީ ގަމުން ގޯތި ހޯދުމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ގަމުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށް އެދި 1،400 އެއްހައި މީހުން ވަނީ ފޯމް ހުށައަޅާފަ އެވެ. ނަމަވެސް މި ބުރުގައި އެރަށުން ދޫކޮށްފައިވަނީ 400 ގޯއްޗެވެ.

ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.

comment ކޮމެންޓް