ކިޔަވައިދޭނީ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު

އިއްޒުއްދީން ސްކޫލްގެ ދަރިވަރުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އާންމު ހާލަތުގައި ސްކޫލްތަކުން ކިޔަވައިދޭނީ ހަފުތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިކަން އެންގުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ. އެ ސާކިއުލާގައި މިނިސްޓްރީން ބުނީ ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ކުރިން ކިޔަވައިދެމުންދިޔަ ގޮތާ ތަފާތުކޮށް ކަމަށާއި މިއީ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ގެންނަ ބަދަލެއް ކަމަށެވެ.

މީގެ ކުރިން ރަސްމީ ފަސް ދުވަހު ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް ނިއު ނޯމަލްގައި ކިޔަވައިދޭނީ ހަތަރު ދުވަހު ކަމަށާއި ފަސްވަނަ ދުވަހަކީ ޓީޗަރުން ސްކޫލަށް ގޮސް، ކިޔަވައިދޭނެ ބައިތައް ހަމަޖައްސާ ދުވަހެވެ.

ލޮކްޑައުންއަށް ލުއި ގެނައުމުގައި އެކި މަރުހަލާތަކަށް ބަހާލި ގޮތަށް، ސްކޫލްތަކުގެ ކިޔެވުން އަލުން ފަށައިގަންނާނީ ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ސްކޫލްތައް ބަންދުވާނެ އެވެ. އަދި މޮނީޓަރިން ހާލަތުގައި ހުރި ރަށްތަކުގައި ކިޔަވައިދޭނީ ހަމައެކަނި ކީ ސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑް 11، 12)ގެ ދަރިވަރުންނަށެވެ. އަދި އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑްތަކުގެ ކިޔެވުން ވެސް ހުޅުވާލާނެ އެވެ.

ކިޔަވައިދޭ އުސޫލަށް ގެންނަ ބަދަލުތަކާއެކު ކޮންމެ ދުވަހަކު ވެސް ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ. ސްކޫލްގައި ކިޔަވައި ނުދެވޭ ބައިތައް ފުރިހަމަކުރަން ޖެހޭނީ ގޫގުލް ކްލާސްރޫމް މެދުވެރިކޮށެވެ. އަދި ކޮންމެ ދެ ހަފުތާއިން އެއް ހަފްތާގައި ޓީޗަރުންނަށް އޮންލައިން ކްލާސްތައް ވެސް ބާއްވާނެ އެވެ.

ކިޔެވުން ބަހާލާފައިވާ ގޮތް

  • ކީ ސްޓޭޖް 1 (ގްރޭޑް 1، 2، 3) އަދި ކީ ސްޓޭޖް 2 (ގްރޭޑް 4، 5، 6): ހަފްތާއަކު 19 ޕީރިއަޑް، ހަފްތާއަކު ފަސް ޓެލިކިލާސް ސެޝަން
  • ކީ ސްޓޭޖް 3 (ގްރޭޑް 7، 8): ހަފްތާއަކު 18 ޕީރިއަޑް
  • ކީ ސްޓޭޖް 4 (ގްރޭޑް 9، 10): ކޮންމެ މާއްދާއަކަށް ވެސް ޖުމުލަ 180 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން
  • ކީ ސްޓޭޖް 5 (ގްރޭޑް 11، 12): ދެ އަހަރުގެ ތެރޭގައި ކޮންމެ މާއްދާއަކަށް ޖުމުލަ 230 ގަޑިއިރު ފުރިހަމަކުރަން ޖެހޭ، ހަފްތާއަކު ދެ ޓެލިކިލާސް ސެޝަން

ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދޭން ޖެހޭއިރު، ހުރިހާ ދަރިވަރުން ވެސް ޓެލިކިލާހާއި އޮންލައިންކޮށް ބާއްވާ ކްލާސްތަކުގައި ބައިވެރިވާން ޖެހޭނެ އެވެ.

ކޮވިޑް19އާ ގުޅިގެން މާޗް މަހު މެދެއްހާ ހިސާބުގައި ސްކޫލްތަކުގައި ކިޔެވުން ބަންދުކުރިއިރު، މިވީ މުއްދަތުގެ ތެރޭގައި ދަރިވަރުންނަށް ކިޔަވައިދީފައިވަނީ ޓެލިކިލާހާއި އޮންލައިން ކްލާސްތައް މެދުވެރިކޮށެވެ.

މި ހަފްތާގެ ތެރޭގައި ލޮކްޑައުން ހާލަތަށް ބޮޑެތި ލުއިތަކެއް ގެނައުމަށް ނިންމާފައިވާއިރު، ސްކޫލްތަކުގެ ކިޔެވުން އަންނަ މަހުގެ ތެރޭގައި ހުޅުވާލަން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ސްކޫލްތައް ހުޅުވާލާނެ ސީދާ ވަކި ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް