ތައުލީމީ ދާއިރާ ހަރުދަނާކުރުމާ ގުޅޭ ދެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ސްކޫލް ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލާއި، ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ދެ ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް، mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލީހަށް މަތީ ތައުލީމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ބިލުގައި މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި ދިރާސާ ކުރުމާއި އަދި އެކި ޓްރެއިނިންތައްތައް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަތީ ތައުލީމާ ބެހޭ ބިލް ފާސްވުމުން ރާއްޖޭގެ މަތީ ތައުލީމްއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލުވެގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.

ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު މުހްތާޒެވެ.

ތައުލީމާ ބެހޭ ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކޮށްދޭންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ މަގްސަދުގައި ފޮނުވާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް