މޫދަށް ދޫވި ހިތާއި، މޫދުން ހޯދި ދިރިއުޅުން

ލ. ފޮނަދޫއަށް ނިސްބަތްވާ މުހައްމަދު އައިހަމްގެ އެންމެ ދުރު ހަނދާންތައް ވެސް ގުޅިފައި ވަނީ މޫދާ އެވެ. ހެނދުނު މޫދަށް ދާ މީހާ މޫދުން ނާރައިގެން އިލޮށިފަތި ހިފައިގެން މަންމަ ގޮނޑުދޮށަށް ވެސް އެތައް ދުވަހަކު ދާންޖެހުނެވެ.

މޫދަށް ޖެހިފައިވާ ލޯބީގެ ބޮޑުކަމުން އުޅެ ބޮޑުވީ ވެސް އެކަމުގެ ތެރޭގަ އެވެ. ފަހަރެއްގައި ވެސް އައިހަމްގެ މުޅި ދިރުޅުން މޫދަށް ދޫވެދާނެ ކަމަށް އައިހަމްގެ ކުޑަކުޑަ ސިކުނޑިއަށް އޭރު ވިސްނިފައެއް ނެތެވެ.

ނަމަވެސް ބޮޑުވަމުން އައި ވަރަކަށް، އެންމެ ކުޑައިރުން ފެށިގެން އުފަލާއި ހިތްހަމަޖެހުން ލިއްބައިދިން މޫދަކީ އޭނާގެ ހަޔާތުގެ މުހިންމު ހިއްސާއެއްކަން ވިސްނެމުން ދިޔަ އެވެ. އޭނާގެ ދިރިއުޅުމުގެ ސަމުގާވެސް ހުއްޓިފައި ހުރީ ކުޑައިރު ސަކާރަތް ގަންނަން ދުވެފައި ގޮސް ފުންމާލާ މޫދާ ދިމާލަށްކަން އިހުސާސް ވާން ފެށި އެވެ.

ގިނަ ކުދިން 18 އަހަރުވުމުގެ ކުރިން އެންމެ ފުރަތަމަ ވެސް ހުންގާނު ހިފަނީ ސައިކަލް ދުއްވަން ދަސްކުރާށެވެ. ވެއްޓެމުން، ގައިގެ ތަންތަން މަށާލައިގެން ވިޔަސް ސައިކަލު ދުއްވަން ދަސްކުރެ އެވެ.

މުހައްމަދު އައިހަމް: އޭނާ އުޅެ ބޮޑުވީ މޫދަށް ބޮޑު ލޯތްބަކާއެކު --- ސަން ފޮޓޯ

އެހެން ނަމަވެސް އައިހަމް އެންމެ ފުރަތަމަ ވެސް އެރީ ޑިންގީގެ ހުންގާނަށެވެ. އެކި ކޮޅުކޮޅަށް ދުއްވަމުން ގޮސް ހުންގާނު ހިފަން ފަރިތަވިއިރު، އަދި އިންޖީނު ހިއްލާލެވޭ ވަރަށް ވުރެ ކުޑަ އެވެ.

"ރައްޓެހި ކުއްޖަކާ ދެމީހުން އޭރު ދަސްކުރަން އުޅުނީ. ދެމީހުންނަށް އިންޖީނު ހިއްލޭތޯ ބަލާފަ، ދެން ހިއްލެން ފެށީމަ، އިންޖީނު އަޅަގެން ދުއްވަން ދަސްކުރީ. ފުރަތަމަ ދުއްވި އިރު ދަނީ އެކި ފަރާތް ފަރާތަށް. އެހެން އުޅެމުން ދަސްވީ. ދަސްވެގެން ދުއްވަން ފެށީމަ ފީނަން ދާން އަދި ހިތްޖެހުނީ،" އައިހަމް ކިޔައިދިނެވެ.

ކުޑައިރު މާ ބޭރަށް އެރި ނޫޅުނު ނަމަވެސް ފިންސާއި މާސްކް ލިބުނު ހިސާބުން، ޑިންގީގެ މިސްރާބު ބަދަލުކޮށްލީ ވީހާވެސް ރަށާ ދުރަށެވެ. މާސްކް އަޅައިގެން ފީނުމަށްފަހު އަތަށް ޕޯލެއް އެރި ހިސާބުން ރަސްމީކޮށް، މަސް ހިފުމުގެ މަސައްކަތް ފެށި އެވެ.

"ގާތްގަނޑަކަށް ގްރޭޑް ހަތަރަކުން ފެށިގެން މިކަން ކުރަން ފަށައިފިން. ހެނދުނު މޫދަށް އެރިފަ، މެންދުރު ކައިގެން އަނެއްކާ ވެސް މޫދަށް ދަން. ހަމަ އާދަ ކޮންމެ ދުވަހެއްގެ ވެސް،" އައިހަމް ބުންޏެވެ.

މުހައްމަދު އައިހަމް: އޭނާ އުޅެ ބޮޑުވީ މޫދަށް ބޮޑު ލޯތްބަކާއެކު --- ސަން ފޮޓޯ" ޝަފްނާ ހުސައިން

އައިހަމް މޫދުން ނާރާތީ ރަށު މީހުން ވެސް އެވާހަކަ ދައްކަ އެވެ. އޭނާއަކީ "ކަނޑުރަސްގެފާނު" ކަމަށް ވެސް ބައެއް މީހުން ކިޔަ އެވެ. އެހެން ނަމަވެސް އެއީ ކުރާހިތުން ކުރާ ކަމަކަށް ވާތީ މީހުން ކިޔާ ނަންތަކުން ވެސް އައިހަމް ވަނީ އުފަލެވެ. ކަނޑުރަސްގެފާނަށް ވެވޭނީ ކުޅަދާނަ ވީމަ ނޫން ހެއްޔެވެ؟ ދަގަނޑު ހިފައިިގެން މޫދުން އަރާއިރު އަމިއްލަ މީހާއަށް ވެސް އޭނާއަކީ "ކަނޑުރަސްގެފާނު" ކަމުގެ އިހްސާސް ކުރެވެ އެވެ.

"އަހަރެން މޫދަށް ގޮސް ކުރަނީ މަހަށް ދަގަނޑު ޖެހުން. އާންމުކޮށް ހިފަނީ ގަލޯރި. ރަށު މީހުން ކިޔަނީ އޮރި. ދެން ބޯވަ ވެސް ނަގަން. ވަރަށް މަދު ފަހަރެއްގައި މަސް ނުލާ އަންނާނީ. އަސްލު ދަނީ ފީނާލާ ހިތްވެސް ވާތީ،" އައިހަމް ބުންޏެވެ.

މި މަސައްކަތަށް އައިހަމް ވަރަށް ކުޅަދާނަ އެވެ. ދަގަނޑު ހިފައިގެން ފީނާލާ މީހާ ދެން މައްޗަށް އަރާއިރު ދަގަނޑުގެ ކޮޅުގައި މަހެއް އޮވެ އެވެ.

ސްކޫލު ނިންމާލާފައި ވެސް އެއްގަމުގައިި މަޑުކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެންމެ ކުރިން ވެސް ނިންމާފައި އޮތީ މޫދާ ގުޅުންހުރި ރޮނގަކުން ކުރިއަށް ދާށެވެ. ހިތްގައިމު މުރަކަތަކާއި މަސްތަކުގެ ތެރޭގައި އޭނާގެ "އޮފީސް" ހެދުމަށެވެ.

"އަހަރެން އެންމެ ހިތްހަމަޖެހެނީ އަޑިއަށް ގޮސް މުރަކަތައް ކައިރީ މަސް ހިފަން އުޅެން. މޫދުގަ އުޅުން، ޑައިވްކުރުން. އެހެންވެ އަހަރެން ބޭނުންވަނީ ޑައިވިން އިންސްޓްރަކްޓަރަކަށް ވާން،" އައިހަމް ބުންޏެވެ.

މުހައްމަދު އައިހަމް މޫދުގައި --- ސަން ފޮޓޯ: ޝަފްނާ ހުސައިން

އޭނާގެ މުސްތަގުބަލު ކުރަހާލާފައިވާގޮތަކީ މިއީ އެވެ. ނަމަވެސް އެކަމަށް އަދި ވަގުތު ނަގާފާނެ އެވެ. ނަމަވެސް ރާޅުތައް ކަފަމުން އައިހަމް ދަތުރުކުރަމުން ދަނީ އެ މަންޒިލް އަތުލުމަށެވެ. އެގޮތުން ރިސޯޓުގައި މަސައްކަތް ކުރަމުން، މިދިޔަ އަހަރު އައިހަމް ވަނީ ވޯޓާ ސްޕޯޓްސް ކޯހެއް ނިންމާފަ އެވެ.

މީގެއިިތުރުން އައިހަމް އަކީ ރާއްޖެއިން "ފްރީ ޑައިވް ވޯލްޑް ރެކޯޑް" މުގުރާލިއިރު، އެ ޑައިވްގައި ބައިވެރިވި އެންމެ ހަގު ބައިވެރިޔާވެސްމެ އެވެ. އެ ތާރީހީ ޑައިވްގެ އެންމެ ހަގު ބައިވެރިިޔާގެ ސެޓްފިކެޓާއެކު އައިހަމް ވެސް ވަނީ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފަ އެވެ.

"އެ ފުރުސަތު ލިބުނީ އުމުރުން 17 އަހަރުގައި ކުރުނބާ ރިސޯޓުގަ ލޯންޗް ކްރޫއެއްގެ ގޮތުގަ މަސައްކަތް ކުރަން އުޅެނިކޮށް. އެތަނުގައިވީ ގޮތަކީ ބަހާލީ ޓީމެއް. ފުރަތަމަ ދިޔައީ ރިހާސަލް އަކަށް. ގޮސް ނޭވާ ދިގު މީހުން ބަލާފައި ގެންދިޔައީ. ގެންދިިޔައިރު އަހަރެން އެކަނި ހުރީ 18 އަހަރު ނުފުރޭ ކުއްޖަކަށް،" އައިހަމް ބުންޏެވެ.

އެ ޝަރަފާއެކު އައިހަމް އަށް ބޮޑު އުފަލަކާއި ފަހުރެއް ލިބުނެވެ. ނަމަވެސް އައިހަމްގެ މިފަދަ އެތައް ކާމިޔާބީތަކެއް އަދި ކުރިއަށް އޮތީ އެވެ. އެންމެ ބޮޑަށް ލޯބިވާ އަދި އެންމެ ބޮޑު އުފަލެއް ލިއްބައިދޭ މަސައްކަތަކީ ދިރިއުޅުން ކަމުގައި ހެދުމުގެ ނަސީބު ކޮންމެ މީހަކަށް ނުލިބެ އެވެ.

ނަމަވެސް އައިހަމްގެ އަތުގައި އެ ނަސީބު އޮތީ ހިފައިފަ އެވެ. އޭނާގެ އަޒުމަކީ މޫދުގެ އޮއެވަރާ އެއްގޮތަށް ރާޅުތަކުގެ ތެރޭގައި ހިތްހަމަޖެހިގެން އޭނާގެ ހަޔާތް ވޭތުކުރުމެވެ.

"އަހަރެން މޫދުން އަރާކަށް އެއްވެސް ގޮތަކަށް ހިޔާލެއް ނެތް. އަބަދުވެސް އުޅޭނީ މޫދުގަ،" އައިހަމް ބުންޏެވެ.

އެޑިޓަރުގެ ނޯޓު: ދަގަނޑު ޖަހައިގެން މަސް ހިފުމަކީ ގާނޫނު ނަންބަރު 14/2019 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ނޫނެވެ. އެ ގާނޫނުގެ 27 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ ބާވަތުގެ މަސްވެރިކަމުގެ ތެރޭގައި ދަގަނޑު ޖަހައިގެން މަސް ހިފުން ނުހިމެނެއެވެ.

comment ކޮމެންޓް