ސީރިއާގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށްދަނިކޮށް، ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

ސީރިއާގެ ސުވެއިދާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ - ފޮޓޯ: އޭއެފްޕީ

ދިމިޝްގު (ޖޫން 12): ސީރިއާގެ އިގުތިސާދީ ހާލަތު ކުރިއަށްވުރެ ގޯސްވުމާ ގުޅިގެން އެގައުމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި ސީރިއާގެ ބޮޑުވަޒީރު އިމާދު ޚަމިސް މަގާމުން ދުރުކޮށްފި އެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ރިޕޯޓު ކުރި ގޮތުގައި އިއްޔެ ރައީސް ބައްޝާރުލް އަސަދު ވަނީ 2016 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޚަމިސް މަގާމުން ދުރުކުރައްވާފަ އެވެ. އަދި އެގައުމުގެ ވޯޓާ ރިސޯސެސް މިނިސްޓަރުގެ ގޮތުގައި ހުންނެވި ހުސެއިން އަރުނުސް އެމަގާމަށް އައްޔަން ކުރައްވާފަ އެވެ. ނަމަވެސް އެ ބަދަލު ގެނައި ސަބަބައެއް އެ މީޑިއާއިން ހާމަ ނުކުރެ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސީރިއާގެ ސުވެއިދާ ސިޓީގައި ދަނީ އަސަދުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ދުރޫޒް ދަރިކޮޅުގެ އަރަބިން ގިނަ އެ ސިޓީއަކީ މީގެ ކުރިން ސަރުކާރަށް ތާއިދު ކުރާ، އަދި ސަރުކާރާ ދެކޮޅު މުޒާހަރާތައް މަދުން ނޫނީ ނުފެންނަ ސިޓީއެކެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި ސުވެއިދާގައި އެ މުޒާހަރާތައް ފެށުނީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ފަހުން އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ "ރައްޔިތުން ބޭނުން ވަނީ ސަރުކާރު ނިމުމަކަށް ގެންނަން" ކަމަށާއި "އަސަދުގެ ވެރިކަން ވައްޓާލަން" ގޮވާލަން ފަށާފައި ކަމަށް ސުވެއިދާގެ މީޑިއާއަކުން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން އެ މުޒާހަރާތަކުގައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި އެގައުމުން އީރާނާއި ރަޝިއާގެ ފައުޖުތައް ބޭލުމަށް ގޮވާލާފަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)އިން ބުނި ގޮތުގައި ސީރިއާގައި ކާނާގެ އަގު ދަނީ ކޮންމެ އަހަރަކު އިތުރު ވަމުންނެވެ. އަދި މިދިޔަ މާޗް މަހާއި އޭޕްރިލް މަހާ ދޭތެރޭ ކާނާގެ އަގު ވަނީ 16 ޕަސެންޓު އިތުރުވެފަ އެވެ.

އޭގެ ފަހުން ކަޅު ބާޒާރުގައި ސީރިއާ ޕައުންޑުގެ އަގު ރެކޯޑު މިންވަރަކަށް ވެއްޓި، މި ހަފްތާ ތެރޭ އެއް ޑޮލަރުގެ އަގު ވަނީ 3،000 ސީރިއާ ޕައުންޑަށް އަރާފަ އެވެ. އެއީ ރަސްމީ އަގު ކަމަށްވާ 700 ސީރިއާ ޕައުންޑާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. އަދި ސީރިއާ ހަނގުރާމަ ފެށުމުގެ ކުރިން އެއް ޑޮލަރުގެ އަގަކީ 47 ޕައުންޑެވެ.

މީގެ ނުވަ އަހަރު ކުރިން ފެށުނު ސީރިއާ ހަނގުރާމައިގައި މިހާތަނަށް 380،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް