ސްކޫލުން ނުކުތް ގޮތަށް އެރީ ދޯންޏަށް، ދެން ނުފައިބާނެ

މީގެ ފަސް އަހަރުކުރިން، ލ. ފޮނަދޫއަށް އުފަން އާދަމް ފާރިޝް ސްކޫލު ނިންމާލި އިރު ދިރިއުޅުމަށް ކުރާނެ މާބޮޑު މަސައްކަތެއް ރޭވިފައެއް ނެތެވެ. އޭރު އުމުރުން 16 އަހަރެވެ. އެހެންކަމުން ވަޒީފާއެއް ހޯދަން ވެސް އުނދަގޫވި އެވެ. މަސައްކަތެއް ނުކޮށް ދެ އަތް އުރާލައިގެން ހުންނަން ބޭނުންނުވުމުން، ދެން ނިންމީ ކުޑައިރު ގޮނޑުދޮށުގައި މަސް ބާނަން ގެންގުޅުނު ދޮށި އަލުން ނަގާށެވެ.

ސްކޫލު ނިންމާލުމަށްފަހު، ޔުނިފޯމަށް އަލްވަދާއު ކިޔުމަށްފަހު އެޅީ މަސްވެރިއެއްގެ ހެދުމެވެ. މަސް ދޯންޏަކަށް އަރައި އަތަށް ހެޔޮވަރު ކޮށްލި ދޮށި ދެން ދުލެއް ނުކުރާނެ އެވެ. ވަޒީފާއެއް ނުލިބިގެން ކުރަން ފެށި މަސައްކަތަށް ހިތް ޖެހި އެންމެ ފަހުން، މަސްވެރިކަމަކީ ފާރިޝްގެ ދިރިއުޅުން ކަމުގައި މިވަނީ ވެފަ އެވެ.

"އަނެއްހެން ކުޑައިރުން ފެށިގެން ކުރާނެ ވަކި ކަމެއް ނެތް ނިންމާފައެއް. މަސްވެރިކަމުގެ ތެރެއަށް ވަދެވުނީ، ސްކޫލު ނިންމާލި އިރު 18 އަހަރު ނުވާތީ ވަޒީފާއެއް ނުލިބުނު. ވަރަށް ވިސްނަން ހުރެފަ ދެން ކުއްލިއަކަށް ހިތަށް އެރީ މަހަށް ދާން. ދެން މަހަށް ގޮސް ވަރަށް ސަޅިވީ މިކަން،" މަސްވެރިކަމުގެ ތެރެއަށް ވަދެވުނު ގޮތް ފާރިޝް ކިޔައިދިނެވެ.

ފޮނަދޫ އަކީ މަސްވެރި ރަށަކަށް ނުވުމުން، މަސްވެރިކަން ކުރަން ފެށިއިރު އެންމެ ފުރަތަމަ މަހަށް ދިޔައީ އެ އަތޮޅު މާމެންދޫ "އަރާމު" ދޯނީގަ އެވެ. އެ ދޯނީގައި ދެ އަހަރު އުޅުމަށްފަހު ދެން ބަދަލުވީ ހަމަ އެރަށު "ޑޯލްފިން" ދޯންޏަށެވެ. ފުރަތަމަ ތިން އަހަރު ރަށުންް ބޭރުގަައި މަސްވެރިކަން ކުރަން އުޅުމަށްފަހު، މިހާރު ފާރިޝް މަސައްކަތް ކުރަނީ ގަމު ދޯންޏެއްގަ އެވެ.

"ކޮންމެ ފަހަރަކު ފޮނަދޫގަ ހުރެފަ ގަމަށް މި ދަނީ. ރަށުން ބޭރުގަ ކުރީގަ މަހަށް ދިޔަައީ. މިހާރު މިދަނީ މަހަށް ދާންވީމަ ސައިކަލުގަ ގަމަށް ގޮސްފަ ދެން މި ފުރަނީ،" ފާރިޝް ބުންޏެވެ.

މަަސްވެރިކަމަކީ ބުރަ މަސައްކަތެކެވެ. ކަވި މަސައްކަތެކެވެ. މަސައްކަތް ކުރަންޖެހެނީ އަވީގަ އެވެެ ބޯ ވިއްސާރައިގައި ވެސް ކަނޑުމަތީ އުޅެންޖެހެ އެވެ. ފަތިހު ފަތިހާ ހޭލައިގެން ދާ އަޅަން ޖެހެ އެވެ. އިރު ނާރަނީސް އެން ހިފަން ޑައިިވް ކުރެ އެވެ. މަސައްކަތް ކުރަން ވަކި ވަގުތެއް ނޯވެ އެވެ. އަންނަނީ އަވަހަށް ނިމޭ ދުވަސް ދުވަހާއި ލަހުން ނިމޭ ދުވަސް ދުވަހެވެ. ނަސީބު ގަދަ ދުވަސް ދުވަހާއި، ނަސީބު ލައްވާނުލާ ދުވަސްދުވަހެވެ.

އެހެން ނަމަވެސް ފާރިޝް ބުނަނީ މިއީ ހުތުރު މަސައްކަތެއް ނޫން ކަމަށެވެ. ދަށް މަސައްކަތެއް ވެސް ނޫން ކަމަށެވެ. ހަމަގައިމުވެސް އޮފީހެއްގައި މަސައްކަތް ކުރުމަށްވުރެ، މަހަށް ދިއުމަކީ މީހާގެ ސިކުނޑިއާއި ހަޑިގަނޑަށް ލުއި މަސައްކަތެއް ކަމަށް ފާރިޝް ގަބޫލުކުރެ އެވެ.

"އޮފީހަށް ދިއުމާ މަސްވެރިކަމާ ވަރަށް ތަފާތުވާނެ. ސްކޫލުގައި އުޅުނުއިރު އަޅުގަނޑަށް ކޮންމެސް ވަރަކަށް އޮފީހެއްގެ މަސައްކަތް ވެސް ތަޖުރިބާ ކުރެވުނު. އޮފީހަކަށް ދިޔަައިން އޭރު. ދެން އަބަދުވެސް ކޮންމެސް ކަމެއް ބޮލުގައި އެޅިފަ އިންނަނީ. މަސްވެރިކަމުގެ ނީދެ އެޔެއް. މަސްވެރިކަމުގެ މާ ބޮޑަށް ހާސްވާކަށް ނުޖެހޭނެ. ނޯމަލްކޮށް މީހާ އުޅެން ޖެހޭނީ. ކުރާ މަސައްކަތް ކޮށްލީމަ ދެން ލިބޭނީ ލާރި،" ފާރިޝް ބުންޏެވެ.

އޮފީހެއްގައި އަށް ގަޑިއިރު މަސައްކަތް ކޮށްގެން ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް ފާރިޝް ހޯދަ އެވެ. މަސްވެރިކަން ދަށް ދުވަސްވަރެއްގައި ވެސް މަހެއްގެ މައްޗަށް 15،000 ރުފިޔާ ވަރު ޖެހޭކަމަށް ފާރިޝް ބުންޏެވެ. މަސްވެރިކަން ރަނގަޅު ނަމަ އޭގެ ދެގުނަ ވެސް ބައެއް ފަހަރު ޖެހެ އެވެ.

ޒަމާނަށް އައި ބަދަލާއެކު މަސްވެރިކަމާމެދު މީހުން ދެކޭ ދެކުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ޒަމާންތަކެއް ކުރިން މަސްވެރިކަމަށް ދިވެހި ކުދިބޮޑު އެންމެން ނުކުމެ އުޅުނެވެ. މަސްވެރިންނަކީ ގަދަރުވެރި ބައެކެވެ. ނަމަވެސް އެހެން ދާއިރާތައް ފުޅާވެގެން އައުމާއެކު މަސްވެރިކަމަށް ނުކުންނަ ޒުވާނުން މަދުވާން ފެށި އެވެ. މަސްވެރިކަމަކީ ކިޔަވަން މޮޅު ނޫން މީހުން ކުރާ މަސައްކަތެއްގެ ގޮތުގައި ގަބޫލުކުރެވެން ފެށި އެވެ.

އެހެންކަމުން ފާރިޝް އާއި އިތުރު ޒުވާނުންތަކެއްގެ އަޒުމް ހުރީ އެ ވިސްނުން ބަދަލުކުރާށެވެ. މަސްވެރިކަމަކީ ވަކި އުމުރު ފުރާއަކަށް ހާއްސަ މަސައްކަތެއް ނޫން ކަމާއި، މިއީ ޒުވާނުން ކުރަން "ސަޅި" މަސައްކަތެއް ކަން ސާބިތުކޮށްދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ހުރިހާ ޒުވާނުންނަށް ބުނަން ބޭނުންވަނީ މިއީ ވަރަށް ސަޅި ކަމެކޭ. މިކަމަށް ގިނަ ޒުވާނުން ނުކުތުން ސަޅީ. އެއީ ގިނަަ މީހުން އޮފީސްތަކަށް ދަނީ މަސްވެރިކަން ނޭނގޭތީވެ. މީ އަސްލު ކިހާ ސަޅި ކަމެއް ކަން އެނގޭ ނަމަ އަންނާނެ. މިކަމަށް ނުކުތް ކުއްޖަކު އަހަންނަކަށް އަދި ނުފެނޭ އަނބުރާ އޮފީހަށް ނޫނީ ރިސޯޓަކަށް ދިޔަ ތަނެއް،" ފާރިޝް ބުންޏެވެ.

ކުރިއާ އަޅާބަލާއިރު މަސްވެރިކަން މިވަނީ ވަރަށް ބޮޑަށް ތަރައްގީވެފަ އެވެ. މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ. "އެން ހޯދި" ކިޔާ ޑްރޯން އެއް ތައާރަފުކޮށްފައިވާއިރު، ލޮނުގަނޑުގެ ފިނިހޫނުމިން ދެނެގަނެވޭނެ ވަސީލަތްތައް މިހާރު ދޯނިފަހަރުގައި ހުރެ އެވެ. ހަމައެއާއެކު ދޯނިތައް ބޮޑެތިވެ، ފެންވަރު ރަނގަޅުވެއްޖެ އެވެ.

"މި ޒަމާނުގައި ވަރަށް ހަމަޖެހިލައިގެން ދެވޭނެ މަހަށް، ސަބަބަކީ މި ޒަމާނުގެ ބައެއް ދޯނިތަކުގައި އޭސީ ހަރުކޮށް، ކޮންމެ މީހަކަށް ވަކިން އެނދު ހުންނާނެ. ތަޅުލެވޭ ކަބަޑެއް އިންނާނެ. ވަރަށް ސަޅިވާނެ،" ފާރިޝް ބުންޏެވެ.

މަސްވެރިކަން ކުރުމުގެ އިތުރުން ފާރިޝް އަށް ދެން އެންމެ ހިތްހަމަޖެހުން ގެނުވަނީ ކަނޑުމަތީގައި އުޅޭއިރު ފެންނަ ހިތްގައިމު މަންޒަރުތަކުންނެވެ. ކަނޑުއަޑީގެ ހިތްގައިމު ދިރުންތަކާއި ރަށްތަކުގެ މަލަމަތިން ހިތަށް ގެނެސްދެނީ އުފާވެރިކަމެވެ. ތާޒާ، ހޫނު ގަރުދިޔަ އާއި ތާޒާ މަސް ކާލައިގެން ގުދުރަތުގެ ރީތިކަމުގެ ތެރެއިން އެތައް ފިލާވަޅެއް ވެސް ފާރިޝް އަށް ދަސްވެއްޖެ އެވެ.

އުމުރުން 16 އަހަރުގައި މަހަށް ދާން ފެށިއިރު ވެސް އާއިލާ އާއި މުޖުތަމައުގެ ފަރާތުން ފާރިޝްއަށް ލިބުނީ ހިތްވަރެވެ. އެއްވެސް މީހަކު މަސްވެރިޔަކަށް ވީތީ ފާރިޝް އަކީ "ދެރަ" މީހެއްގެ ގޮތުގައި ނުބަލަ އެވެ.

މީހުންގެ ފަރާތުން ލިބޭ ހިތްވަރާއި، މަސްވެރިކަމަށް އޮތް ލޯބީގެ ސަބަބުން ފާރިޝް ބޭނުންވަނީ މިކަމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ދާށެވެ. މަސްވެރިކަން ކިޔަވައިގެން، ލިބެން ހުރި ހުރިގާ ތަމްރީނެއް ވެސް ހަދާށެވެ.

އެގޮތުން ފާރިޝް މިހާރު ވަނީ ޑައިވް ކޯހެއް ހަދައިފަ އެވެ. އަދި ކޯސްޓަލް ނެވިގޭޝަން ނުވަތަ ނިޔަމި ކޯހުގެ އެންމެ ފަހު ލެވެލް ވެސް ފާރިޝް ވަނީ ނިންމައިފަ އެވެ. ދެން އޮތީ ލިބޭ އިލްމާއި ހުނަރު އެހެން ޒުވާނުންނަށް ކިޔައިދީ، ދަސްކޮށްދިނުމެވެ. އިތުރު ޒުވާނުން މަސައްކަތަށް ނެރުމެވެ.

މަސްވެރިކަމުގައި ރަނގަޅު ތަޖުރިބާއެއް ހޯދައިގެން މާކެޔޮޅުގެ ކޯރި އަޅައި އަމިއްލަ ދޯންނެއް ދުއްވުމަކީ މުސްތަގުބަލަށް ފާރިޝް ކުރާ އުންމީދެވެ. އެ އުންމީދުގައި އޭނާ ކުލަ ޖައްސާނެ އެވެ. އެ އަޒުމު އެބަހުއްޓެވެ.

comment ކޮމެންޓް