ފުވައްމުލަކު ނަރުދަމާގެ މައްސަލަ ހޫނުވެއްޖެ، މިނިސްޓަރު ވިދާޅުވަނީ އެ މިނިސްޓްރީގެ މެންޑޭޓް ނޫން ކަމަށް

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފައިލް ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ފުވައްމުލަކު ސިޓީގެ ނަރުދަމާގެ މައްސަލަ ހައްލުނުވެ ދިގުލާތީ އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ހާޒިރު ކުރި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މައްސަލަ ހޫނުވެ، މިނިސްޓަރު "ހޫނުފެނަށް" ލައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ފެށި، ފުވައްމުލަކު ނަރުދަމާގެ މަސައްކަތް 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަނީ އިފްތިތާހްކޮށްފަ އެވެ. ނަމަވެސް އޭރު ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ރިޔާސީ އިންތިހާބާ ދިމާކޮށް އަވަސް އަރުވާލައިގެން އެއްކޮށް މަސައްކަތް ފުރިހަމަ ނުކުރާ ކަމަށެވެ.

ކަންވީވެސް އެހެނެވެ. ނަރުދަމާގެ ސަބަބުން ލިބޭ ފަސޭހައަށް ވުރެން އެކަމުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުކަމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދި ރޭ ވަނީ އެ ކޮމެޓީގައި ވިދާޅުވެފަ އެވެ.

އެ ކޮމެޓީ ކުރިއަށް ގެންގޮސްފައި ވަނީ އެންވައިރުމެންޓް މިނިސްޓްރީގެ އިތުރުން މަސައްކަތް ހަވާލުކުރި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާ އެކު އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ، އޭނާ އަށް އަންގާފައިވަނީ ކޮމެޓީއަށް ހާޒިރުވާން ކަމަށާއި ކުރައްވާ ސުވާލުތައް ރަސްމީކޮށް ލިއުމުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ދޮގު މައުލޫމާތެއް ދިނުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ފަދަ ކަމަކަށް ވުމުން ސްޕެސިފިކް ސުވާލުތަކަށް ތައްޔާރުވެވިފައި ނެތުމުން ޖަވާބު ނުދެއްވޭނެ ކަމަށެވެ. އަދި ދެވެން ހުރި މައުލޫމާތު ދެއްވުމަށް ފަހު ދެން ހުރި މައުލޫމާތުތައް ލިއުމުން ބޭނުންނަމަ ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އެންމެ ފުރަތަމަ ވިދާޅުވީ، މިދިޔަ އަހަރު ކުރީ ކޮޅު އެ މިނިސްޓްރީގެ މެންޑޭޓަށް ގެނައި ބަދަލާ އެކު ފެނާއި ނަރުދަމާގެ މަސައްކަތްތައް ބެލެހެއްޓުން ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ފަށައި ނިމި ވަގުތީ ލައިސެންސް ދޫކުރި އިރު އޮތީ އެންވައިރުމެންޓް މިނިސްޓްރީގެ ދަށުގައި ނަމަވެސް ދާއިމީ ލައިސެންސްއަށް ދިޔައިރު އެ މަސައްކަތް ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށުކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ދެން ވިދާޅުވީ އޭނާ މަގާމާ ހަވާލުވިއިރު އެމަސައްކަތް ވަނީ ނިމިފައި ކަމަށާއި ދެން އެކަންތައް ބަލަން ޖެހޭނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒްގެ އިހްސާސްތައް ކޮމެޓީ ބައްދަލުވުމުގައި ބަންޑުންް ޖައްސަވާލެއްވުމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދު ވާހަކަ ފެއްޓަވަމުން ވިދާޅުވީ، މިނިސްޓަރަށް ސުވާލެއް އަމާޒު ކުރުމުގެ ބަދަލުގައި ރައްޔިޔުތުންގެ ފަރާތުން މިދިޔަ 18 ވަރަކަށް މަސް ދުވަހު މެދުކެނޑުމެއްނެތި ކުރަމުން އައި ޝަކުވާތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުން ހިއްސާކޮށްލަން ބޭނުން ވާހަކަ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު (މ)ގައި--

ދުވަސްވީ ކަމެއްގައި އެކަމުގެ ސީރިއަސް ކަން މިނިސްޓްރީއަށް ވިސްނިފައި ނެތް ކަމަށް ތުހުމަތު ކުރައްވައި މެމްބަރު މުމްތާޒް ވިދާޅުވީ އެއީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތެއްގެ ފޯނު ކޯލެއް ނާންނަ ދުވަހެއް ނުދާނެކަން ފާހަގަކޮށް މުމްތާޒް ވިދާޅުވީ، މިދިޔަ ރޯދަ މަހު އެ ސިޓީގެ ރައްޔިތުން އުޅުނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

"އަޅުގަނޑަށް މިހާރު ސުވާލު އުފެދޭ މި ނިޒާމަކީ އެންމެ ރަނގަޅު ނިޒާމްތޯ. ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ އިނގޭތޯ. ރައްޔިތުންގެ އިހްސާސްތައް ނޭންގޭ މިނިސްޓްރީތަކަކާއި މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް." މުމްތާޒު ވިދާޅުވި އެވެ.

މެމްބަރުގެ އެ ވާހަކަތަކަށް މިނިސްޓަރު ދެއްވީ ކުރު ޖަވާބެކެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ އެންްވަޔަރަމަންޓް މިނިސްޓްރީގެ މޭންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ މެންޑޭޓުގައި އޮންނަ ކަމަކީ، ތިމާވެއްޓާ ބެހޭ ކަމެއްގައި، އަދި ފެނާއި ނަރުދަމާގެ ކަންކަމުގައި ވެސް ފަންނީ ލަފައާއި އަޅަން ޖެހޭ ފިޔަވަޅުތައް ޕްލޭނިން މިނިސްޓްރީއަށް އެންގުން، އެއްވެސް އިންފްރާސްޓްރަކްޗާގެ ކަމެއް މި ސަރުކާރުގައި މި މިނިސްޓްރީގެ މެންޑޭޓްގައި ނޯޥޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރުގެ އެ 'ޖަޒުބާތީ' ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި އިންނެވި ޑރ. ހުސައިން ރައްދު ދެއްވާފަ އެއް ނުވެއެވެ.

ފުވައްމުލަކު ސިޓީގެ ނަރުދަމާގައި ސީރިއަސް މައްސަލަތަކެއް ހުރިކަން ފެނަކައިން ގަބޫލުކުރެ އެވެ. އަދި އެކަމަށް ހަ މަސް ދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ ރޭ އެ ކޮމެޓީގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް