ލޯ ފަން މީހުންނަށް، އޮންލައިން ތާނަ ލިޔުންތައް އަޑުއަހަން ފަހިކޮށްދޭ އެޕެއް!

ލޯ ފަން މީހަކު ގުރުއާން ކިޔަވަނީ: އެ ގުރުއާން ލިޔެފައި ވަނީ ބްރެއިލް އިން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ތާނައިން ލިޔެ އޮންލައިންކޮށް ޝާއިއު ކުރާ ލިޔުންތައް ލޯ ފަން މީހުންނަށް އަޑުއެހޭނެ ގޮތް ފަހިކޮށްދޭ "ތާނަ މެލޯ" ކިޔާ އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

އިނގިރޭސީ ބަހުން ފޯނުގައި ނުވަތަ އިންޓަނެޓުގައި ލިޔެފައި ހުންނަ ލިޔުންތައް، ލިޔެފައި ހުންނަ އެއްޗެހި ކިޔައިދޭ "ޓެކްސްޓް ޓު ސްޕީޗް" އެޕްތައް ބޭނުންކޮށްގެން އަޑުއެހުމުގެ ފުރުސަތު ލޯ ފަން މީހުންނަށް އޮވެއެވެ. ނަމަވެސް، ތާނައިން ލިޔެފައި ހުންނަ ލިޔުންތައް ޓެކްސްޓް ޓު ސްޕީޗް އެޕްތަކަށް ނުކިޔެއެވެ.

މި މައްސަލައަށް ތާނަ މެލޯ އެޕްއިން ހައްލެއް ގެނެސްދީފައި ވަނީ ތާނައިން ލިޔެ އޮންލައިންކޮށް ޝާއިއު ކުރާ ލިޔުންތައް ލެޓިންއަށް ބަދަލުކޮށްގެންނެވެ.

ތާނަ މެލޯ އަކީ އިންޓަނެޓުގައި އެކި ސައިޓުތަކަށް ދާން ބޭނުން ކުރާ ބްރައުޒާ އެޕްއެކެވެ. މި އެޕް ބޭނުންކޮށްގެން ތާނަ ލިޔުންތައް ޝާއިއު ކުރާ ވެބްސައިޓުތަކަށް ދިޔުމުން އެ ލިޔުންތައް ފެންނާނީ ލެޓިނުންނެވެ. އެހެންކަމުން، ޓެކްސްޓް ޓު ސްޕީޗް އެޕްތަކަށް އެ ލިޔުންތައް ކިޔެއެވެ.

މި އެޕް ބޭނުންކުރަން ފަސޭހައަކަށް މުހިންމު ވެބްސައިޓުތައް ބުކްމާކްވެސް ކުރެވެއެވެ.

މިއީ އޮސްޓްރޭލިއަން އެއިޑްގެ އެހީއާއެކު މިދިޔަ އަހަރު ބޭއްވި މިޔަހެލި އިނޮވޭޝަން ކޭމްޕްގައި ދިވެހި ޒުވާނުންތަކެއް ހުށަހެޅި ހިޔާލެކެވެ. މިދިޔަ އަހަރުގެ މިޔަހެލި ކޭމްޕުން ހޮވާލެވުނު އެއްވަނަ ހިޔާލަކީވެސް މިއީއެވެ.

ތާނަ މެލޯ އެޕްލިކޭޝަން އަކީ ތާނައިން ލިޔެފައި ހުންނަ ލިޔުންތައް ލެޓިނަށް ބަދަލުކޮށް، އެ ލިޔުންތައް އަޑުއަހަން ލޯ ފަން މީހުންނަށް ފަހިކޮށްދޭ އެޕްލިކޭޝަނެއް --

ޔޫއެންޑީޕީއިން ބުނީ، އަވަހަށް މައުލޫމާތު ބޭނުންވާ ކޮވިޑް-19ގެ މި ހާލަތުގައި، މި އެޕްގެ ސަބަބުން ލޯ ފަން މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ތާނަ މެލޯ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރި ހުސެއިން ޝަރީފް ވިދާޅުވީ، ކޮވިޑް-19ގެ ލޮކްޑައުންގެ ސަބަބުން ފިލާވަޅުތައް ކިޔަވަަން ބައެއް ލޯފަން ކިޔަވާ ކުދިންނަށް އުނދަގޫވި ނަމަވެސް، މިހާރު މި އެޕް ބޭނުންކޮށްގެން އެ ކުދިންނަށް ކިޔެވޭ ކަމަށެވެ.

"މި އެޕްއިން ލޯފަން ބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ގެނެސްދީފި،" ހުސެއިން ޝަރީފް ވިދާޅުވިއެވެ. "މައުލޫމާތު ލިބިދިނުމާއި، މައުލޫމާތު ހޯދަން ހުރި ހުރަސްތައް ނައްތާލުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް،"

މިޔަހެލި ބާއްވަނީ ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. މިދިޔަ އަހަރުގެ މިޔަހެލި ކޭމްޕުގައި ޔޫތު މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސެބިލިޓީޒް (އެމްއޭޕީޑީ) އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން އަދި ޔޫތު ކޯ:ލެބްވެސް ބައިވެރިވިއެވެ.

comment ކޮމެންޓް