ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އޯޓީ ދޭގޮތަށް ހަދައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ---

ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލުގެނެސް ނެރުނު ސާކިއުލާ ބާތިލުކޮށް، ކުރިން ވެސް އޮތް ގޮތަށް، ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާތީ އެކަމަށް އޮފީސްތަކުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް ކުރިމަތިވެފައިނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން 16 މެއި ވަނަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން އިތުރުގަޑީގެ ފައިސާ ދޭނީ ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތް ހަމަވުމުން ކަމަށެވެ.

ނަމަވެސް މިއަދު ފިނޭންސް އިން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މެއި 16 ވަނަ ދުވަހުގެ ނެރުނު ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑިއާ ބެހޭގޮތުން އެ ސާކިއުލާގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލްކުރެވިފައިވާ ކަމަށެވެ. އަދި އެ ބަދަލާ ގުޅިގެން މެއި 20ގެ ސާކިއުލާއަށް ވެސް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މެއި 16ގައި ނެރުނު ސާކިއުލާގެ ހަވަނަ މާއްދާއަށް އަމަލުނުކުރާ ގޮތަށް ނިންމުމުން ދެން އިތުރުގަޑި ދެވެމުން ދާނީ ކުރިން ވެސް ދެވެމުން އައިގޮތަށް ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް ކަމަށެވެ.

"ފަހަރެއްގައި ވެސް މީގެ ސަބަބުން އޯޓީ ނުލިބޭ ގޮތަކަށް ހަމައެއް ނުޖައްސާ،" އޮފިޝަލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ގިނަ މުވައްޒަފުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއި ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް