ކަޅު ނަސްލުގެ މީހެއްގެ ފުރާނައިގެ އަގަކީ 20 ޑޮލަރުތޯ؟: ޖޯޖް ފްލޮއިޑްގެ ކޮއްކޮ

ޖޯޖް ފްލޮއިޑްގެ ކޮއްކޮ ފިލޮނިސް ފްލޮއިޑް އެމެރިކާގެ ކޮންގްރެސްގައި ހެކިބަސް ދެނީ. -- (ފޮޓޯ/ޑައބްލިއުއެންވައިޓީ.ކޮމް)

ކަޅު ނަސްލުގެ މީހުންގެ ފުރާނައިގެ އަގަކީ 20 ޑޮލަރުތޯ އެެމެރިކާގައި މޭ މަހުގެ ފަހުކޮޅު ފުލުހުން މަރާލި ޖޯޖް ފްލޮއިޑްގެ ކޮއްކޮ ސުވާލު އުފައްދައިފި އެވެ.

ޖޯޖްގެ ކޮއްކޮ ފިލޮނިސް ފްލޮއިޑް ވަނީ އެމެރިކާގެ ކޮންގްރެސްގައި ހެކިބަސްދެމުން އޭނާގެ ބޭބެ މަރުވެގެންދިޔައީ މީހަކަށް އަނިޔާކުރަނިކޮށް ނޫންކަމަށް ބުނެ ކަޅު ނަސްލުގެ މީހެއްގެ ފުރާނައިގެ އަގަކީ އެންމެ 20 ޑޮލަރުތޯ ސުވާލުކޮށްފަ އެވެ.

"ޖޯޖް ދިޔައީ މީހަކަށް އަނިޔާކުރަމުންނެއް ނޫން. އެންމެ 20 ޑޮލަރަށްޓަކައި އޭނާއަށް މަރު ހައްގެއް ނޫން. އަޅުގަނޑު މި ސުވާލުކުރަނީ ތިޔަ ބޭފުޅުންނާ...އެއީ ތޯ ކަޅު ނަސްލުގެ މީހެއްގެ ފުރާނައިގެ އަގަކީ؟ އެންމެ 20 ޑޮލަރު؟ މިއީ 2020 ވަނަ އަހަރު." އަސަރުން ފުރިގެންވާ ބަޔާނެއް ދެމުން ފިލޮނިސް ބުންޏެވެ.

ޖޯޖް ފްލޮއިޑް މަރުވެގެންދިޔައީ ފޭކް 20 ޑޮލަރު ބޭނުންކޮށްގެން އޭނާ ސިނގިރެޓު ފޮއްޓެއް ގަތްކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުމުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރި ދޮން ނަސްލުގެ ފުލުސް އޮފިސަރު ޑެރެކް ޝޯވިން ވަނީ ގާތްގަނޑަކަށް ނުވަ މިނެޓު ވަންދެން ޖޯޖްގެ ކަރުގައި ފައި ވިއްދައިގެން އިނދެފަ އެވެ. އޭރު ބިންމަތީގައި އޮތް ޖޯޖް ދިޔައީ އޭނާގެ ފުރާނައަށް އާދޭސްކޮށް އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނަމުންނެވެ.

ޖޯޖް ފްލޮއިޑްގެ ކޮއްކޮ ފިލޮނިސް ފްލޮއިޑް. -- (ފޮޓޯ/ޒިމްބިއޯ.ކޮމް)

"ހިތެއް އޮތް މީހަކަށް އިނގޭނެ އެއީ ނުރަނގަޅުކަމެއްކަން. އިންސާނަކަށް އަދި ޖަނަވާރަކަށް ވެސް އެހެން ނުހަދާނެކަން. ހުރިހާ ފުރާނައެއްވެސް މުހިންމު، ކަޅު ނަސްލުގެ ފުރާނަވެސް މުހިންމު." އޭނާގެ ބޭބެގެ މަރާ ބެހޭ ގޮތުން ވާހަކަަ ދައްކަމުން ފިލޮނިސް ބުންޏެވެ.

ފިލޮނިސް ވަނީ އޭނާގެ ބޭބެއަކީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އުފެއްދޭ ލިސްޓެއް ނުވަތަ ޓީޝާޓެއްގައި ޕްރިންޓްކުރެވޭ އިތުރު ނަމަކަށް ނުވުމަށް އާދޭހާ އެކު ގޮވާލައިފަ އެވެ.

"ޖޯޖްގެ އާދޭސްތަކަށް ސަމާލުކަމެއް ނައި. އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ގޮވާ ގޮވާލުމަށް ދެން އަޑު އައްސަވާ، އަޅުގަނޑުގެ އާއިލާގެ ގޮވާލުމަށް އަޑު އައްސަވާ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަގުތައް މަތިން އެ އިވޭ ގޮވުންތަކަށް އަޑު އައްސަވާ." ފިލޮނިސް ބުންޏެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހުން -- (ފޮޓޯ/ސީއެންއެން)

ފްލޮއިޑްގެ މަރުގެ ތުހުމަތު ކުރެވިފައިވާ ޝޯވިންގެ އިތުރުން އޭނާއާ އެކު އެތަނުގައި ތިބި ހަތަރު ފުލުހުންނާ ދެކޮޅަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. ޝޯވިންއަށް ވަނީ ދެވަނަ ގިންތީގެ މަރުގެ ދައުވާ އުފުލިފަ އެވެ.

ޖޯޖްގެ މަރާ ގުޅިގެން އެމެރިކާގެ އެތައް ސަތޭކަ ސިޓީއެއްގައި އެތައް ހާސް ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. ބައެއް މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، ލޫޓުވުމުގެ އަމަލުތައް ވެސް ވަނީ ހިނގައިފަ އެވެ. އެމެރިކާގެ އިތުރުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ނެދަލޭންޑްސް، އިނގިރޭސިވިލާތް އަދި ބެލްޖިއަމް ފަދަ އެތައް ގައުމެއްގައި ދަނީ މުޒާހަރާކުރަމުންނެވެ.

ޖޯޖް ފްލޮއިޑްގެ ހަނދާނުގައި ފާރެއްގައި ކުރަހާފައިވާ އޭނާގެ ފޮޓޯ ޖެހި ކުރެހުމެއް---

އިއްޔެ ޖޯޖްގެ ޖަނާޒާ އަދި ކަށުކަމާކެމީގެ ކަންކަން ކުރިޔަށްދިޔައިރު އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓުން ވަނީ ފުލުހުންގެ ގާނޫނާ ޙިލާފް އަމަލުތަކާ ދެކޮޅަށް އާންމުންނަށް ދައުވާކުރަން ފުރުސަތު ފަހިކޮށްދޭ ބިލެއް ހޯމަ ދުވަހު ހުށަހަޅައިފަ އެވެ.

ޑިމޮކްރެޓުން ކޮންޓްރޯލުކުރާ ކޮންގްރެސް އިން މި ބިލް ފާސްވި ނަމަވެސް ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއިން ކޮންޓްރޯލްކުރާ ސެނެޓުން ފާސްވާނެކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

ފްލޮއިޑްގެ ޖަނާޒާ؛ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަރުގަދަ ބަސްތަކެއް

ސެލެބްރިޓީންނާއި ސިޔާސީ އިސްވެރިން ހާޒިރުވެ ތިބި ޖޯޖް ފްލޮއިޑްގެ ޖަނާޒާ އިއްޔެ އެމެރިކާގެ ހިއުސްޓަންގައި ބޭއްވިގެން ދިޔައީ 500 އެއްހާ މީހުންނާއި އެކުގަ އެވެ.

ޖޯޖްއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަމުގައިވާ ބްރޫކް ވިލިއަމްސް ވަނީ ޖަނާޒާގައި ވާހަކަދައްކަމުން އެމެރިކާގެ ގާނޫނުތައް ހެދިފައިވަނީ ކަޅު ނަސްލުގެ މީހުންނަށް ނާކާމިޔާބީ ލިބޭ ގޮތަށްކަމަށް ބުނެފަ އެވެ.

ޖޯޖް ފްލޮއިޑްގެ ޖަނާޒާގެ ތެރެއިން. -- (ފޮޓޯ/ޑެއިލީހެރާލްޑް)

"ކީއްވެތޯ މި ސިސްޓަމް ކޮރަޕްޓު ވާންވީ؟ ކަޅު ނަސްލުގެ މީހުން ނާކާމިޔާބުކޮށްލަން ގާނޫނުތައް ވަނީ މާ ކުރިން ހެދިފައި. މި ގާނޫނުތައް ބަދަލުކުރެވެން އެބަ ޖެހޭ. މީހަކު ގޮވާލި، އެމެރިކާ އަލުން ވަރުގަދަކުރަން. އެކަމަކު ކޮން އިރަކުންތޯ އެމެރިކާ ވަރުގަދަ ވެފައިވަނީ؟" ޖަނާޒާގައި ވާހަކަދައްކަމުން ބްރޫކް ބުންޏެވެ.

ބްރޫކްގެ މި ބަސްތަކަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އާންމުވެގެންދިޔަ ބަސްތަކެކެވެ. ފްލޮއިޑްގެ މަރާ އެކު ޓްރަމްޕްއަށް ވަނީ އެތައް ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ޖަނާޒާގައި ވާހަކަދައްކަމުން ކޮންގްރެސްގެ މެންބަރެއްކަމުގައިވާ އަލް ގްރީން ވަނީ ޖޯޖްގެ ހަމަ އެކަނި ކުށަކީ ކަޅު މީހެއްގެ ގޮތުގައި އުފަންވުންކަމަށް ވެސް ބުނެފަ އެވެ.

ޖޯޖް ވަޅުލީ އޭނާގެ މަންމަގެ މަހާނައާ ޖެހިގެންނެވެ. މަރުވި އިރު އޭނާގެ އުމުރަކީ 46 އަހަރެވެ.

comment ކޮމެންޓް