ދާދު އާއި އިއްބެ ބާކީކޮށް 25 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިން މަސް ދުވަހުގެ މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން އެކުލަވާލި ސްކޮޑަށް ބޮޑު ބަދަލުތަކެއް ގެނެސް، ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ސްކޮޑުން ބޭރުކޮށްފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފައެވެ.

އެގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ.

މި ކޯޗުންނާ އެކު ގައުމީ ޓީމުގެ ކުޅުންތެރިން ގޭގައި ފަރިތަކުރެވޭނެ ޕްރޮގުރާމެއް ފައިނަލްކޮށް ގައުމީ ޓީމުގެ ސްކޮޑު ވެސް މިހާރު ފައިނަލް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރޭ އެ އިދާރާއިން ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ބުނެފަ އެވެ.

އަލަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑު ---

އެފްއޭއެމްއިން އަލަށް އެކުލަވާލި ލިސްޓް އަދި މީޑިއާއަށް ހިއްސާކޮށްފައި ނުވި ނަމަވެސް އެ ލިސްޓުގެ ކޮޕީއެއް މިހާރު ވަނީ "ސަން" އަށް ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމް އިން މި ލިސްޓުގައި ތިބި ކުޅުންތެރިންނަށް ވަނީ މިހާރު އެކަން އަންގާފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް

މި ލިސްޓުގައިވާ ގޮތުން ކުރީ ފަހަރުގެ ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން ނަން އުނިކޮށްފައި ވަނީ؛ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ޒުވާން ކުޅުންތެރިޔާ އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް، މާޒިޔާ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ދާދިފަހުން ކަކުލުގެ އޮޕަރޭޝަނެއް ކުރި ކްލަބް އީގަލްސްގެ ހައިޝަމް ހަސަން، ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އާދަމް އިމްއާން، އަދި ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓި ހަސަން ތޮލާލް (ތޮޕްލަކް) އެވެ.

https://sun.mv/138235

ފުރަތަމަ އެކުލަވާލި ސްކޮޑުގައި ނުހިމެނުނު ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) މިހާރު ވަނީ ޓީމުގައި ހިމަނައިފަ އެވެ. ތޮއްޕޭ އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ ސީޒަނުގެ ބޮޑުބައެއްގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމުންނެވެ.

comment ކޮމެންޓް