އަންނަ މަހު ގައުމީ ފުޓުބޯޅަ ޓީމްގެ ފަރިތަކުރުންތައް ފަށަނީ

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސް އަންނަ މަހު ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ.

އެކަމަކު ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް މެދުކެނޑިފައި އޮތުމާ އެކު ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން ދެމުން އައި އެލަވަންސް ދިނުން ވެސް މިވަގުތު ވަނީ މެދުކަނޑާލައިފަ އެވެ. އަދި ޕްރެކްޓިސްތައް ފެށިހާ އަވަހަށް އެލަވަންސްތައް އަލުން ދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެފައިވާއިރު ގައުމީ ފުޓުބޯޅަ ޓީމުގެ ޕްރެކްޓިސްތައް މިހާރުވެސް ގޭގައި ފަށާފައިވާ ކަމަށް އެފްއޭއެމް ރައީސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ މި މަހު ކުޅުންތެރިން ގޭގައި ތިބެ ފިޓްނަސްއަށް މަސައްކަތް ކުރާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ހަ ކުޅުންތެރިންގެ ގްރޫޕްތަކުގައި ނިއު ނޯމަލްގެ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑު މިދިޔަ ހަފުތާގައި އަޅުގަނޑުމެންފެ ސީނިއާ ޓީމުގެ ކޯޗުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުނު، ހަމައެއާ އެކީގައި މިހާރު ވަނީ އަޅުގަނޑުމެން ހަނދާންވާގޮތުން ހުރިހާ ކުޅުންތެރިން ވެސް ގޭގައި ފިޓްނެސް މެއިންޓެއިން ކުރެވޭނެ ގޮތްތައް ހެދުމަށް ޕްރޮގުރާމެއް ދެވިފައި. އަދި އަޅުގަނޑުމެން މި ބަލަނީ ޖުލައި މަހުގެ ތެރޭގައި ދަނޑުމަތީގައި ޓްރެއިނިންގްތައް ފެއްޓޭނެ ހިސާބަށް ދިއުމަށް،"

ބައްސާމް ވިދާޅުވީ، ދަނޑުމައްޗަށް ދިއުމުގެ ކުރިން ސަރުކާރާއި، އެޗްޕީއޭއިން ނަގަންޖެހޭ ކަމަށެވެ. އަދި އެ ހުއްދަތައް ލިބިގެން ނޫނީ ޕްރެކްޓިސްތައް ކުރިއަށް ނުގެންދާނެ ކަމަށާއި، މިހާރުގެ ހުރިހާ ފޯކަސްއެއް މިއޮތީ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އޮންނަ ޗައިނާ-ރާއްޖެ މެޗަށް ކަމަށެވެ.

އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޯޗު މިހާރު ސްކޮޑެއް ވެސް އެކުލަވާލައިފައިވާ ކަމަށާއި، އެކުޅުންތެރިންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ޕްރޮގުރާމްވެސް މިހާރު ވަނީ ހަވާލުކޮށްފައި ކަމަށް ބައްސާމް ވިދާޅުވިއެވެ.

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

އަދި އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނު ހެދޭނެ ކަމަށާއި، އެފްއޭއެމްގެ ޓާގެޓަކީ އަދިވެސް އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް ވުމާއެކު، ހާއްސަ ސަމާލުކަމެއް ގައުމީ ޓީމަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ އޮކްޓޫބަރު މަހު ތެރޭ ފަށައި، ކުރިން ވެސް ޕްލޭން ކޮށްފައިވާ ގޮތަށް ޑިސެމްބަރު މަހާ ދިމާކޮށް ސީޒަން މެދުކަނޑާލުމަށްފަހު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބާއްވާނީ އަންނަ އަހަރު ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޓެކްނިކަލް ޓީމްގެ ވިސްނުމަކީ އޮކްޓޫބަރު މަހުގެ ތެރޭގައި ސީޒަން ފެށުން. އިރާދަކުރެއްވިއްޔާ ސަރުކާރާއި އެޗްޕީއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް އޮކްޓޫބަރު މަހު ލީގް ފެށުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އަދި އެއަށްފަހު ސްކޫލް ޗުއްޓީއާ ދިމާކޮށް އެ އަންނަ ބަންދުގައި ލީގަށްވެސް ބަންދު ލާފަ އަންނަ އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބޭއްވިގެންދާނެ،" ބައްސާމް ވިދާޅުވިއެވެ.

comment ކޮމެންޓް