ގާނޫނީ ހަމަހަމަ ކަމޭތޯ އެވެ؟

ބިދޭސީން ފުރަން ގޮސްފައި: މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވަނީ ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައި -- ފޮޓޯ/ މޯލްޑިވިއަން

ދުބާއީ، ކުވައިތު އަދި ސައުދީ އެރެބިޔާ ފަދަ ގައުމުތަކަކީ ތެލުގެ މުއްސަނދިކަމާ ހުރެ، ރައްޔިތުންގެ ކަންނެއްކަން އިންތިހާއަށް ބޮޑުވެ، ގައުމުގެ އިގްތިސާދީ ސަރަކަ އެނބުރުމަށް ބޭރުގެ މަސައްކަތްތެރިންނަށް އިންތިހާ އަށް ބަރޯސާވާ ގައުމުތަކެވެ. ކޮވިޑާ އެކު ތެލުގެ އަގުވެއްޓި، އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން ފެށުމުން، އަދި އެއީ މުސްތަގުބަލަށް އޮތް ނުރައްކަލެއްކަން އިހުސާސް ކުރެވެމުން، ކުވެއިތުގެ ބޮޑުވަޒީރު ޝައިހު ސަބާހު އަލް- ޚާލިދު އަލް - ސަބާހު، ކުރީ ހަފުތާގައި އިއުލާން ކުރެއްވީ، ބިދޭސީންގެ އާބާދީ 30 ޕަސެންޓަށް ތިރިކުރުމަށެވެ.

ކުވައިތުގެ އަސްލު އާބާދީއަކީ 1.4 މިލިއަން މީހުންނެވެ. ބިދޭސީންގެ އާބާދީ 3.4 މިލިއަން މީހުނާ އެކު ޖުމުލަ އާބާދީއަކީ 4.8 މިލިއަން މީހުންނަށް އަރަ އެވެ. އޭގެ ތެރެއިން ޑޮމެސިޓްކް މަސައްކަތް ތެރިންގެ ގޮތުގައި އެކަނި ވެސް އެ ގައުމުގައި 650،000 މީހުން އުޅެ އެވެ. ބޮޑުވަޒީރު ނިންމަވާފައި ވަނީ ކޯޓާ ސިސްޓަމެއް ތައާރަފުކޮށް، ބިދޭސީންގެ އަދަދު މަދުކުރުމަށެވެ. އެއާ އެކު ސަރުކާރުގެ ވަޒީފާތަކަށް 100،000 ކުވައިތުގެ ރައްޔިތުން ނެރުމަށެވެ. ބޮޑުވަޒީރު އެފަދަ ނިންމުމެއް ނިންމެވީ، ކޮވިޑާ ގުޅިގެން އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެ، ކަރުބުޑުގައި އެއޭގެ ހިތި ރަހަ ރަނގަޅަށް ލާންފެށުމުންނެވެ.

ކުވައިތުގެ މިސާލަކީ ރާއްޖޭގައި ތެލުގެ މުއްސަނދިކަން ނެތަސް، ރާއްޖެ އަށް ވެސް ފިލާވަޅުތަކެއް ނަގައިދޭ ނިންމުމެކެވެ. ރާއްޖޭގެ ރަންބިސް އަޅާ ކުކުޅާއި އަދި ބޮޑެތި "އިމާރާތްތަކުގެ ހިޔަލުގައި އުޅޭ ގިނަ ބަޔަކު" ވަނީ، މަސައްކަތަށް ބީރައްޓެހި ބަޔަކަށްވެފަ އެވެ. ބައެއް ފަހަރު ހީވާ ކަހަލަ އެވެ؛ ކިޔަވަނީ ވެސް މަތީ ސެޓިފިކެޓެއް އަތުގައި ބޭއްވުމަށް ކުރާ ގަދަ ކަމެއްގެ ގޮތުގަ އެވެ. އެހެން މިދެންނެވީ މަސައްކަތުގެ މާހައުލަށް ނުކުމެ މަސައްކަތް ކުރުމަށް އިންކާރު ކުރާ ބަޔަކު ތިބި ކަމަށް ގަބޫލުކުރެވޭތީ އެވެ. ގަބޫލު ކުރެވެނީ އެކަންޏެއް ވެސް ނޫނެވެ. ތަފާސް ހިސާބުތަކުން ފެންނަން އޮތީ ވެސް އެ މަންޒަރެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ލޭބާފޯސްގައި ހިމެނޭ 244،000 މީހުންގެ ތެރެއިން 87،000 ދިވެހިން، ނުވަތަ 35 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ މީހުން ތިބީ ޖީޑީޕީ އަށް އެއްވެސް ކޮންޓްރިބިއުޓެެއް ކުރުމަކާ ނުލައި، އަތް އުރާލައިގެން ގޭގަ އެވެ. މިއީ "އޮޅާލާފައި ވެސް" ބަދަލުކުރަން ޖެހޭ ސަގާފަތެކެވެ. ސިޔާސީ ފަރާތްތަކުގައި އެކެރުމާއި އެ ބުންވަރު ނެތިއްޔާ އާ ބަޔަކު ހޯދައިގެން ވެސް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ މަަލްޓި ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީ މެނޭޖުކުރަން ޖެހޭނީ ދިވެހިންނެވެ. ތައުލީމާއި ތަމްރީން ދީގެން ވެސް އެއީ ކުރަން ޖެހޭ ކަމެކެވެ. އަދި ޓޫރިޒަމުން ލިބޭ ނަފާއަކީ ވެސް - ބޭރުގެ ކުންފުނިތަކަކުން ޓޫރިޒަމް ޑޮމިނޭޓް ކުރިސް- ބޮޑުކޮށް ދިވެހިންނަށް ފައިދާ ކުރާ ގޮތަށް ބައްޓަން ކުރެވިފައިވާ ޓޫރިޒަމަކަށްވާން ޖެހެ އެވެ.

އެކަންކަން އެހެން އޮއްވައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ތަޅުންނެއްޓިފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވަނީ ބައި ލައްކަ އަށް ވުރެ މަތީގަ އެވެ. ބޮޑެތި ސިންގާ ބިޔަ ކުންފުނިތަކުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެ މަސައްކަތް ކުރަނީ މަގުމަތީން ނަގާ ބިދޭސީން ލައްވަ އެވެ. ދިވެހިން އެކަންޏެއް ނޫނެވެ. ހުޅުމާލޭގައި ހައުސިން މަަސައްކަތް ކުރި ކުންފުންޏެއްގެ ވެރިއެއް ކައިރީ އަޅުގަނޑު އަހާލީ، ކަލޭމެން މަސައްކަތް ކުރާ އިރު، ސަބްކޮންޓްރެކްޓިން މަސައްކަތް ދިވެހިންނަށް ދޭތޯ އެވެ؟ ޖަވާބު އެނގިވަޑައިގަންނަވާތޯ އެވެ؟ އޭނާ ބުނީ އިމާރާތް ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ކުރުވަނީ މަގުމަތީން ނަގާ ބިދޭސީން ލައްވައި ކަމަށެވެ. އަދި އޭރުން އަގު ވެސް ހެޔޮ ކަމަށެވެ.

ތެދުފުޅެކެވެ. އެ ގޮތަށް އެ އުސޫލު ގެންގުޅޭ ނަމަ އެ ކުންފުންޏަކަށް މަސައްކަތުގެ އަގުހެޔޮ ވާނެ އެވެ. އެކަމަކު ދިވެހި ފަސްގަނޑުގައި ހިންގާ ބިޔަ މަޝްރޫއުތަކުން ދިވެހި ފަރާތްތަކަށް އެކަމުގެ މަންފާ ނުކުރާ ނަމަ ކީއްކުރަން ހިންގާ މަޝްރޫއުތަކެއްތޯ އެވެ؟ ވާނީ ވެސް އެހެން ދެއްތޯ އެވެ. އަޅުގަނޑުމެން މި ތިބެނީ އަމިއްލަ ނަފުސަށް ވެސް އޮޅުވާލައިގެން ވިއްޔާ އެވެ. މަޖީދީމަގު، ޒިކުރާ މިސްކިތް ހުންނަ ސަރަހައްދަށް ގޮސް، މަސައްކަތު މީހަކު ބޭނުން ނަމަ، ދުވަހު ކުއްޔަށް އެއްކަލަ މަގުމަތީ މީހުން އެ ތިބެނީ ސޭލް އަޅުވައިގެން ވިއްޔާ އެވެ. ފުލުހުންނާއި ލޯއެންފޯސްމަންޓް އެޖެންސީތަކުގެ ކުރިމަތީގައި އެކަން ކުރާތާ ވީހާ ދުވަހެއް ވެސް ބުނާކަށް ނޭނގެ އެވެ. އެކަމެއް އެގޮތަށް ހިންގާތާ އެހާ ވެސް ގިނަ ދުވަސް ވެއްޖެ އެވެ. ވާކަމެއް ނެތެެވެ. ދޭތެރެއަަކުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކޮންމެސް ރެއިޑެއް ޖަހާލަފާނެ އެވެ. އެކަމު އެއް ދޮރުން ވެއްދުމަށް ފަހު އަނެއް ދޮރުން ދޫވާ ކަހަލަ އެވެ. އެއިން މީހަކު ފޮނުވާލެވޭ ތަނެއް ނުފެނެ އެވެ. އެކަމަކު އެމީހުންނަކީ ވެސް މަހަކު 250 ރުފިޔާގެ ރޭޓުން ސަރުކާރަށް ވީސާފީ ދައްކަން ޖެހޭ ބައެކެވެ. ދައުލަތަށް ވީސާ ފީއެއް ނުވަންނަތާގައި ހެސްކިޔާފައި އެ މީހުން ބޭރު ފައިސާ، ބޭރު ކުރިއަސް ވާކަމެއް ނެތެވެ. ބެލޭ ތަނެއް ނެތެވެ. އެމީހަކާއި އެ މީހަކެވެ. އަޅެފަހެ މިއީ އަރަތެއް ނޫންތޯ އެވެ؟

އަޅުގަނޑު ގަބޫލު ކުރަމެވެ. ރާއްޖޭގެ އާބާދީގައި ހިމެނޭ ހަތަރު ވަރަކަށް ލައްކަ މީހުންނަށް ވުރެ، ރާއްޖޭގެ އެކޮނަމީ ފުޅާވެއްޖެ އެވެ. އިގްތިސާދު ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ބިދޭސީން ބޭނުންވެ އެވެ. އެކަމަކު އެ މީހުންނަކީ ރެގިއުލޭޓް ކުރެވޭ ބަޔަކަށްވާން ޖެހޭނެ އެވެ. އެކަންކަން ހަމައަކަށް އެޅިޔަ ނުދިނުމަށް މި ތަނުގައި ހުންނަ އެމްބަސީ އިން ދައުރެއް ކުޅޭ ނަމަ، އެކަން ވެސް ބެލެން ޖެހެ އެވެ. މިއީ މުސްތަގިއްލު ގައުމެއް ނޫންތޯ އެވެ؟ ނޫނީ އަޅުގަނޑަށް އޮޅެނީތޯ އެވެ؟ ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް އިންޑިއާ ކަނޑުގައި އޮންނާތީ، އެ މިނިވަންކަން އަޅުގަނޑުމެންނަށް ނޯންނަނީތޯ އެވެ؟

މިހެން ދަންނަވާ އިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔަކު މި ފަހުން ފޮނުވާލާފައި ވާތީ އެކަމަށް މަރުހަބާ އެވެ. އަދި ވޯކް ވިސާ ނެތި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނީތީ ވެސް މަރުހަބާ އެވެ. ހަމަ އެހެންމެ މާލޭ ސިޓީ ކައުންސިލުން ވެސް އެ ވާހަކަ އެ ގޮތަށް ދެއްކުމުން މަރުހަބާ އެވެ. އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭނުންކޮށްގެން ބޮޑެތި ރިސޯޓް މަޝްރޫއުތަކުގައި "މަގުމަތީން ނަގައިގެން" އެކި ދެތިން ސަތޭކަ މީހުން ލައްވައި މަސައްކަތް ކުރުވާތަން އޮތޯރިޓީތަކަށް ނުބެލެނީ، ނުހުއްޓުވެނީ ކީއްވެތޯ އެވެ؟ އަޅުއްވާ ފިޔަވަޅަކީ ކޮބާތޯ އެވެ؟ ޒިކުރާ މިސްކިތް ހުންނަ ސަރަހައްދުގައި، ގަވާއިދާ ހިލާފަށް އުޅޭ "ލޭބާ އޯޕަން މާކެޓެއް" އޮންނަ ތަން ސިޓީ ކައުންސިލަށް ނުފެންނަނީތޯ އެވެ؟

ސާކިއުލާތަކާއި ގަދަ ބަސްތައް ބުނެވިދާނެ އެވެ. މުހިންމީ އަމަލީ ގޮތުން އެކަންކަން ތަންފީޒު ކުރުމެވެ.

ކޮވިޑާ ގުޅިގެން އެންމެ ނާޒުކު ބަޔަކީ ބިދޭސީން ކަމަށްވާތީ، ދައުލަތުން ހަރަދުކޮށްގެން އެ މީހުން އެކަހެރި ކުރި ކުރުމަކީ، ހެޔޮ ނިޔަތުގައި ކުރި ކަމެއް ނަމަ އެއީ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވިދާނެ އެވެ. އެކަމަކު އެކަން ވެސް ދިގުލައި ޓެކްސް ޕޭޔަރުންގެ ޖީބުން ދާއިމަށް ކުރަން ޖެހޭ ހަރަދަކަށް ނުހަދައި ގަވާއިދާ ހިލާފު މީހުން އަވަސް މަގަކުން އެ މީހުންގެ ގައުމަށް ފޮނުވާލަން ޖެހެ އެވެ. ނޫނީ އެކަމުގެ ނިޔަތާ ދޭތެރޭ ސުވާލު އުފައްދާނެކަން ހަނދުމަފުޅު ބަހައްޓަވާނެ ކަމަށް އުންމީދު ކުރަމެވެ.

އެހެން މި ދެންނެވީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ގަލޮޅު ދަނޑަށް ގެންގޮސް، އެ މީހުންގެ މައުލޫމާތު ނެގިތާ ވެސް އެތައް މަސްތަކެއްވީ އިރު، އޭގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވައްދައި ވިސާ ދައްކައި ވޯކް ޕާމިޓާ ހަމަ އަށް ދެވުނީ ކިތައް މީހުންކަން ނޭނގޭތީ އެވެ.

އެންމެންގެ މައްޗަށް ގާނޫނު ހިނގަން ޖެހޭނެ ކަމަށް ވަކާލާތު ކުރާ އިރު، ގާނޫނު އަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމަށް މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަޖިލީހުގައި ހިނގިކަންތައް ނަކަލުކޮށްލަން ޖެހެ އެވެ. ތެދުފުޅެކެވެ. މަޖިލީހުގެ ޖޫރިސްޓިކްޝަންގެ ތެރެއަށް، މަޖިލީހުން ދައުވަތު ނުދެނީސް ފުލުހުން ވަނުމަކީ ރަނގަޅު ޕްރެކްޓިސްއަކަށް ނުވެދާނެ އެވެ. އެކަމަކު ދެތިން ސުވާލެއް އަޅުގަނޑުގެ އެބަ އޮތެވެ. އެއް ސުވާލަކީ މަޖިލީހުގެ ރައީސްގެ އެންގެވުމަށް މެންބަރުން ހިންގި "ގައިރު ގާނޫނީ" އަމަލެއް ބެލުމަށް މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ދައުވަތު ދޭނެތޯ އެވެ؟ ހިޔެއް ނުވެ އެވެ. އަނެއް ސުވާލަކީ މަޖިލީހުގައި އެރޭ ހިންގި ހާދިސާގައި ވަޅިއެއް އެއްޗެއް ބޭނުންކޮށް މީހަކު ޒަހަމުކޮށްލައި ނޫނީ މަރާލި ނަމަ، ވެސް އެކަން ހަމަ ހިނގަން ޖެހޭނީ އެ އުސޫލުންތޯ އެވެ؟

އެއަކަށް އަޅުގަނޑުގެ ކޮމެންޓެއް ނެތެވެ. އެކަމަށް ހުކުމް ކުރުމަށް ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ.

އަޅުގަނޑަށް އެނގޭ ކަމަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާ އިން މެންބަރުންނަށް އިމްތިޔާޒު ލިބެނީ ތިން ކަމެއްގެ މައްޗަށް ކަމަށެވެ؛ އެއީ ދެއްކި ވާހަކަ އެއް، ހުށަހެޅި ހުށަހެޅުމެއް، ނޫނީ ވޯޓު ދިން ގޮތަކުން އެ މީހަކު ކުށްވެރި ނުވާނެ ކަމެވެ. އެ މާއްދާގައި އެއް މެމްބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި ޖިސްމާނީ އަނިޔާކޮށް، މާރާމާރީ ހިންގުމުން ކުށްވެރި ނުވާނެ ކަމަކަށް ނުބުނެ އެވެ. އެހެން ނޫން ނަމަ، ކޮންމެ މީހަކު ވެސް ދިރިހުރުމަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ، ކަށަވަރު ކަމަށް، ގޮތެއް އޮންނަންވާނެ ދެއްތޯ އެވެ؟

އެކަން އެއް ފަރާތުގައި ބާއްވާފައި އަޅުގަނޑު ހައިރާންވެ، އަދި ކަންބޮޑުވީ އެންމެ ކަމަކާ ހުރެ އެވެ. އެއީ ހޯމް މިނިސްޓަރު އެކަން ބައްލަވާނެ ކަމަށް ވިދާޅުވުމުން އެއީ ނުބެލޭނެ ކަމެއް ކަމަށް އެމްޑީޕީގެ ލީޑަޝިޕަށް ނިސްބަތްވާ ބޭފުޅުން ވަރަށް ފާޅުކަން ބޮޑުކޮށް ވިދާޅުވުމުންނެވެ. ހަގީގަތުގައި ހޯމް މިނިސްޓަރު އެހެން ވިދާޅުވިއަސް، އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުގައި، އެއީ ވުމަށް ވުރެ، ނުވުން ގާތްކަމެއްކަން އެންމެން ވެސް ދަންނާނެ އެވެ. ނަމަވެސް އެ ވަރުވެސް ހަޖަމު ނުވެ، އަޑުއުފުލުމުން ތިމަތިމަންނާމެން މިދައްކަވާ ގާނޫނުގެ ހަމަހަމަ ކަމާއި ޑިމޮކްރަސީއަކީ ކޮބައިކަން ވަރަށް ރަނގަޅަށް ވަޒަން ކުރެވިއްޖެ އެވެ. ވަރަށް ޝުކުރިއްޔާ އެވެ. އިދިކޮޅުގައި ދެކެނަ ތިއްބަސް މަޖިލީހުގެ ދޮރުތައް ބާރަށް ތަޅުލައްވައިގެން ގާނޫނުތައް ފާސްކުރަމުން ގެންދަވާށެވެ. ޑިމޮކްރަސީއަކީ ތިޔައީ އެވެ. މަރުހަބާ އެވެ. އަދި އިންސާފުގެ ދަތުރަކީ އަދި އިންސާފު ގާއިމުކޮށްދިނުމަކީ ވެސް ތިޔައީ އެވެ.

އަޅުގަނޑު ނިންމާލުމުން ވެސް ދަންނަވާލަން އޮތީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ޖެހޭ ވާހަކަ އެވެ. ނޫނީ ގަވާއިދަށް ފައްތަން ޖެހޭ ވާހަކަ އެވެ. އެއީ ބަލަހައްޓައިގެން ތިބެވެން އޮތް ކަމެއް ނޫނެވެ. ގާނޫނަކީ ވަކި ބަޔަކަށް އެކަނި ހިނގަން އޮންނަ އެއްޗެއް ވެސް ނޫނެވެ. އެންމެންގެ މައްޗަށް ވެސް ގާނޫނު ހިނގަން ޖެހެ އެވެ. ގާނޫނީ ހަމަހަމަ ކަމާއި ރޫލް އޮފް ލޯގެ ވެރިކަމަކީ އެއީއެއް ނޫންތޯ އެވެ؟ އެހެން ނޫނީ އޮންނާނީ ގަދަ މީހަކަށް ގަދަ ގޮތެވެ. ޖަންގަލީގެ އުސޫލެވެ.

ތިޔަ ދައްކަވަނީ ހަމަ ރަނގަޅު ނަމޫނާތޯ އެވެ؟

comment ކޮމެންޓް