މާލޭ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށައިފި

މަގުހެދުމުގެ މަސައްކަތް ފެށުން -- ފޮޓ: އާރުޑީސީ

މާލޭގެ މަގުތައތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ ކުުންފުނިން ބުނީ ކޮވިޑް19 އާ ގުޅިގެން މަގުތަކުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

މި ޕްރޮޖެކްޓަކީ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ ފެބްރުއަރީ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މަޝްރޫއު ނިމޭ އިރު، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ތައާރަފު ކުރުމަށް ޓަކައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރެވޭނެއެވެ.

މި މަޝްރޫއު ދަށުން މަގުތައް ތަރައްގީކުރުމަށް ރާވާފައިވަނީ އެކި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. މަގުތައް ބަހާލެވޭ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މީގެ އިތުރުން މަޝްރޫއު ނިމޭއިރު މަގުގެ ދުވާރުތައް މިހާރަށް ވުރެ ފުޅާވާނެ ކަމަށާއި ދުވާރު ނެތް މަގެއް ނުހުންނާނެ ކަމަށް އާރުޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް