މިމަހު 18 އަށް ސަބް ކޮމިޓީން ހިޔާނާތާއި މަރުގެ ތަހުގީގުތަކުގެ ރިޕޯޓް ނިންމަނީ

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިމަހު 18 ވަނަ ދުވަހަށް ސަބް ކޮމިޓީން ހިޔާނާތާއި މަރުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ބެލުމަށް ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓު ފައިނަލް ކުރުމަށް، އެ މައްސަލަ ބައްލަވާ މަޖިލީީހުގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް ހުށަހެއްޅުވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ.

އެ މައްސަަލަ މިހާރު ބަލަމުން ދަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އެއްވެ އުފައްދާފައިވާ ޖޮއިންޓް ކޮމިޓީންނެވެ.

މިއަދު ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ އެ ކޮމިޓީގެ މުގަރިރު އަދި ނައިބު މުގައްރިރު ކަނޑައެޅުމާއި ކޮމިޓީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ނިންމުންތައް ނިންމުމެވެ.

އެގޮތުން ސަލާމަތީ ހިދުމަތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުޤ އުތުރު ދާއިރާގެ މެމްބަރުން ޖޮއިންޓް ކޮމިޓީގެ މުގައްރިރު ކަމަށް، މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ނައިބު މުގައްރިރު ކަމަށް ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒްގެ ނަން ހުށަހެޅުއްވި އެވެ.

ތިމަރަފުށީ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ޖޮއިންޓް ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޖޮއިންޓް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މެމްބަރުންގެ މެދުގައި އެއްބަސްވެވުނީ ފަސް މެމްބަރުންގެ ކުޑަ ކޮމިޓީއަކުން މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

ފަސް މެމްބަރުންގެ ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  1. އިމްތިޔާޒު ފަހުމީ
  2. އަލީ ނިޔާޒު
  3. ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން
  4. ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު
  5. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު

ޖޮއިންޓް ކޮމިޓީން ނިންމެވީ އެ ފަސް މެމްބަރުންގެ ކޮމިޓީ ރިޕޯޓު މިމަހު 18 ވަނަ ދުވަހަށް ނިންމުމަށެވެ.

ސަބް ކޮމިޓީގެ މަސައްކަތްތައްފަހު، ފައިނަލް ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނީ ޖޮއިންޓް ކޮމިޓީން ފާސްކޮށްގެންނެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މުއިއްޒު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނި އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރު ނިސްބަތްވާ ޕާޓީ، އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެއީ މެމްބަރު މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް ވާކަމަށެވެ. އަދި މި މައްސަލަތައް ބެލުން ލަސްވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރަވާފަ އެވެ.

މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ސާފު ނުވާތީވެ، އެކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން އޭނާ އެދިފައި ވަނީ މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާތީ، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށެވެ.

comment ކޮމެންޓް