ރިސާޗް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން އެވިޑް ކޮލެޖުން ވެބިނާ ސީރީޒެއް ބާއްވަނީ

އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން، އޮންލައިން ވެބިނާ ސީރީޒެއް ބާއްވަން ހަމަޖައްސައިފިއެވެ.

އެ ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން ނާހީދު ރަޝާދު ވިދާޅުވީ މި ސެމިނާ ސީރީޒްގެ މައިގަނޑު މަގުސަދަކީ މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނާއި އަދި ކިޔަވައިދެއްވާ މުދައްރިސުންގެ ކިބައިގައި އިލްމީ ދިރާސާ ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، އިލްމީ ދިރާސާ ކުރުމުގައި މަޝްއޫލުވެ އުޅުމަށް ލޯބިޖެއްސުމާއި އަދި މުޖުތަމައުގައި އިލްމީ ދިރާސާ ކުރުމުގެ ވައްޓަފާޅި އަށަގެނުވުން ކަމަށެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ވެބިނާ ސީރީޒްގެ ފުރަތަމަ ތިން ސެޝަން ބާއްވާނީ މި މަހުގެ 22، 23، އަދި 24 ގައެވެ.

އެވިޑް ކޮލެޖުން ބުނީ މި ތިން ސެޝަނަކީ ވެސް އެވިޑް ކޮލެޖްގެ ސީއެސްއާރުގެ ދަށުން، ރާއްޖެއާއި ބައިނަލްއަގުވާމީ އެކި ގައުމުތަކަށް ހުޅުވާލެވިގެން، ބާއްވާ ސީރީޒެއް ކަމަށާއި، ބައިވެރިންގެ ފަރާތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ރެޖިސްޓްރީވާނީ ލިންކެއް ބޭނުންކޮށްގެންނެވެ.

https://forms.gle/3TzHEKrY4foeQwhY6

ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި، އިލްމީ ދިރާސާކޮށް ޝާއިއު ކުރުމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ވެބިނާގައި ތަގުރީރު ކުރައްވާނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީ އެއް ކަމުގައިވާ "ޔުނިވާސިޓީ ސައިންސް މެލޭޝިއާ" ގެ ޕްރޮފެސަރު ޑޮކްޓަރ މުހައްމަދު ކަމަރުލް ކަބިލާން އެވެ.

އިލްމީ ދިރާސާކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސް، ޕްރޮފެސަރ ޑޮކްޓަރ ކަބިލާންގެ ލިޔުންތައް ގޫގުލް ސްކޮލާގައި ނަކަލުކޮށްފައިވާ އަދަދު 1900 އާއި ގާތް ކުރެއެވެ.

މީގެ އިތުރުން އެބޭފުޅާއަކީ މަޝްހޫރު "ބްރިޓިޝް ޖާނަލް އޮފް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ"ގެ އެޑިޓޯރިއަލް ބޯޑުގެ މެމްބަރެއްވެސް މެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ވެބިނާ އަމާޒު ކުރެވިފައިވަނީ ހެދިފައިވާ ޕީއެޗްޑީ ތީސިސް، މާސްޓާސް ޑިޒަޓޭޝަން އަދި އެހެނިހެން ދިރާސާ ޕްރޮޖެކްޓްތައް ބައިނަލްއަގުވާމީ ގޮތުން ފުންނާބު އުސް ޕިއަރ ރިވިއުޑް ޖާނަލް ތަކުގައި ޝާއިއު ކުރުމުގައި ލިޔަންޖެހޭ އުސޫލުތަކާއި އުކުޅުތައް އުނގަންނައި ދިނުމަށެވެ.

އެވިޑް ކޮލެޖުން ބުނީ މި ވެބިނާ ސީރީޒް އަކީ، އިލްމީ ދިރާސާ ކުރުމާއި އަދި މަޝްހޫރު ޖާނަލްތަކުގައި ޝާއިއު ކުރުމާއި ބެހޭ އަގުހުރި މައުލޫމާތު، ގިނަ އަދައެއްގެ ބަޔަކަށް ފޯރުކޮށްދިނުމަށް އެ ކޮލެޖުން ހުޅުވާލާފައިވާ ތަނަވަސް ފަހި ފުރުސަތެއް ކަމަށެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި 2000 އަށްވުރެ ގިނަ ކުދިން އެވިޑް ކޮލެޖްގައި މަތީ ތައުލީމު ހާސިލްކުރަމުން ގެންދެއެވެ.

comment ކޮމެންޓް