މިޔަރާއި ވެލާ ހިފުން ހުއްދަ ކުރުމަށް ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: މިޔަރާއި ވެލާ ހިފުން ހުއްދަ ކުރުމަށް ޖާބިރު ހުށަހެޅި ގަރާރު މަޖިލީހުން ވަނީ ބޭރުކޮށްލައިފަ --- ފައިލް ފޮޓޯ: މަޖިލިސް

ރާއްޖޭގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމަށާއި ވެލާ ކަނހަބު ހިފުމަށް ހުއްދު ދިނުމަށް ގޮވާލައި، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން މިއަދުގެ މަޖިލީހުގައި ވޯޓު ދެއްވާފައިވާއިރު ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ، ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުމަށެވެ.

އެގޮތުން 50 މޭލާއި 70 މޭލު ބޭރުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންނަށާއިއެން ހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭކަމުގެ ޝަކުވާތައް ގިނަވަމުން އަންނަ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެކަމުގެ ހަގީގަތް ބެލުމަށް އަމިއްލަފުޅަށް ދިރާސާއެއް ކުރެއްވި ކަމަށާއި، އެ ދިރާސާއިންނާއި މަސްވެރިންގެ ސީދާ ވާހަކަތަކުން، ރާއްޖޭގެ ކަނޑުތަކުގައި ގިނަވެ، މަސްވެރިންނަށް ގެއްލުންދޭ މިޔަރުތަކަކީ، ރާއްޖެއާއި އެތައް ސަތޭކަ މޭލު ބޭރުން ދަތުރުކުރަމުން އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ މިޔަރުތަކެއް ކަމާއި، އެ މިޔަރުތަކަކީ ރާއްޖޭގެ ޓްރޮޕިކަލް ގާޑަންގެ ތެރޭގައި ހިމެނޭ ވައްތަރުގެ މިޔަރެއް ނޫންކަން އެނގި ކަށަވަރު ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ދިރިއުޅޭ މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކަށް ނުވިކަމުގައި ވިޔަސް، ރާއްޖޭގެ ސަރަހައްދަށް މިހާރު ވަދެގެން އުޅޭ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، ކަނޑުގެ މަސްމަހާމެއްސަށް ނުރައްކަލަކަށް ވެފައިވާ މިޔަރުތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެ މިޔަރުތަކުގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ލިބޭ އަނިޔާ ބޮޑުވެ، މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިއެއްގެ އަތެއްވެސް މިޔަރު ކާލާފައިވާ ކަމަށާއި، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފ. ބިލެތްދޫ މީހެއްގެ ފައި ވެސް މިޔަރު ކާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގަރާރުގައި ޖާބިރު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސޯދުގެ ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތް ކުރުމަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ފިޔަވަޅުތަކެއް އެޅުމަށް ޖާބިރު ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ގޮވާލައްވައިފަ އެވެ.

comment ކޮމެންޓް