އެންމެ ކުޑަ އުޖޫރަ ދޭންޖެހޭނީ އަސާސީ މުސާރައިގެ ގޮތުގައި: ޖީހާން

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު --- ފޮޓޯ/ މަޖިލިސް

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާއިރު އެ އުޖޫރައަކީ ބޭސިކް ސެލެރީގެ ގޮތުގައި ކަނޑައަޅަން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހަޅުއްވައިފި އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރައެއް ކަނޑައަޅަން ވަޒީއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހުމަދު އީސާ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާފައި ބަހުސް ކުރަައްވަމުން ޖީހާން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަލާއިރު އޭގެތެރޭގައި އިތުރު އެލަވަންސް ހިމަނައިގެން އަދަދު ހަމަކުރުމަކީ އޭގެ މަގްސަދު ހާސިލްވާނެ ކަމެއް ނޫން ކަމަށެވެ. އެހެންވީމާ މިނިމަމް ވެޖަކީ ބޭސިކް ސެލެރީއަށް ވާން ޖެހޭނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ދޭން ޖެހޭނީ ބޭސިކް ސެލެރީގެ ގޮތުގައި.ބޭސިކް ސެލެރީއަށް ކަނޑައެޅިގެންދާނެ ގޮތުގެ މަތިން ކަމަށް އަޅުގަނޑު ފާހަގަކޮށް އެކަން އެގޮތަށް އަޅުގަނޑު ހުށަހަޅަން." މެމްބަރު ޖީހާން ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުން ހުށަހެޅުއްވި އިސްލާހުގައި ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް އޮތުމުން އެކަމާ ޖީހާން ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ ވަޒީފާގެ ޔަގީންކަން ނެތި އެހާ ގިނަ ދުވަހު މަސައްކަތް ކުރުމަކީ ކުރަން ދަތި ކަމަކަށް ވާނެ ކަމަށެވެ. އެހެންވީމާ މިހާރުވެސް އޮތް ގޮތަށް ޕްރޮބޭޝަން މުއްދަތަކީ ތިން މަހުގެ ގޮތުގައި ބާއްވަން ޖީހާން އެދިލެއްވި އެވެ.

ވަޒީފާ އަދާކުރަން ބޭނުންވެ ނުވަތަ ވަޒީފާއަދާކުރަން ތައްޔާރަށް ހުރެ އެކަމަކު ވަޒީފާގެ ފުރުސަތު ނުލިބޭ މީހުންނަށް އެލަވަންސެއް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ބާބެއް އިތުރުކުރުމަށް ޖީހާން ވަނީ ހުށަހަޅުއްވާފަ އެވެ.

ޖީހާން ވިދާޅުވީ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ މީހުންގެ ދިރިއުޅުމުގެ ހާތަލު ވަކިފަންތިއެއްގައި ހިފެހެއްޓި ފަހޣިރު ކަމުގެ ހާލަތަށް ދިޔަ ނުދިއުމަށްޓަކައި އެންއެމްޕްލޯއިމެންޓް ބެނެފިޓަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވެ، ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އުފައްދައި އެ ބޯޑަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ. އެ ބޯޑުގެ މަސްއޫލިއްޔަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައަކީ ކޮބައިކަން ދިރާސާކޮށް ދެނެގަތުމަކީ މިިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ހަތް ދާއިރާއަކަށް ވަކިވަކިން ރިއާޔަތްކޮށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމަކީވެސް އެ ބޯޑުގެ ޒިންމާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ވަކިވަކި ދާއިރާތައް

  • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ
  • ފަތުރުވެރިކަމުގެ ދާއިރާ
  • ކޮންސްޓްރަކްޝަން ދާއިރާ
  • ދަތުރުފަތުރުގެ ދާއިރާ
  • ސިއްހީ ހިދުމަތުގެ ދާއިރާ
  • ތައުލީމީ ހިދުމަތުގެ ދާއިރާ
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ

ބިލުގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް ފެންނަ ނަމަ ބޯޑުން މިނިސްޓަރަށް ލަފާ އަރުވަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

https://sun.mv/131328

comment ކޮމެންޓް